ރަމަޟާންމަހުގެ ފުރަތަމަ ހަފުތާ ނިމިދިޔައިރު އީމާންކަމުގެ ބައްތި ހުރީ ވަރަށް އަލިކޮށް ދިއްލިފައެވެ. އެއީ އެ މަހާ އިސްތިޤްބާލުކުރި ހިތްވަރާއި ފަންވަރުގެ ސަބަބުންނެވެ. ރޯދަމަހަށް ޓަކައި ކުރި އިންތިޒާރީގެ ދިގު ނިމުން އައިސް ބައްދަލުކުރީތީއެވެ. އެއިރު ތިބާ ހުރީ މި ރަމަޟާންމަހު ދީނީ ރޮގުގައި ވަރަށް ގިނަ ފިޔަވަޅުއަޅަން އަޒުމުކޮށްގެން ނޫންހެއްޔެވެ؟ މިހާރުގެ ހާލަކީ ކޮބައިތޯއެވެ؟ އުންމީދު ކުރަނީ އެ ލަނޑުދަނޑިތައް ހާސިލުވަމުން އަންނަކަމުގައެވެ.
އަޅުގަނޑުމެންނަކީ އިންސާނުން ކަމަށް ވީތީ މުރާލިކަން ފިލައިގޮސް ކަންނެތްވުން އެއީ އެކަށީގެންވާ ކަމެކެވެ. އަދި ހަމައެފަދައިން ހަނދާން ނެތިވުމަކީ ވެސް އިންސާނުންނަށް ވީތީ އަޅުގަނޑުމެންނަށް ދިމާވާ ދެރަ ކަމެކެވެ. "الإنسان" މި ބަސް ނެގިފައި ވަނީ "نسي" މި ބަހުންނެވެ. އޭގެ މާނައަކީ ހަނދާން ނެތުމެވެ. އެހެންކަމުން ހަނދާންނެތުމަކީ އިންސާނުންނަށް ވަރަށް ފަސޭހައިން ވާކަމެކެވެ. އޭގެ ފަރުވާއަކީ ހަނދާންކޮށްދިނުމެވެ. އެ ކަމުން މުއުމިނުންނަށް ފައިދާ ކުރާނެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿وَذَكِّرْ فَإِنَّ الذِّكْرَىٰ تَنفَعُ الْمُؤْمِنِينَ﴾ (الذاريات: ٥٥) މާނައީ: "ކަލޭގެފާނު ހަނދާންކޮށްދެއްވާށެވެ! ފަހެ، ހަމަކަށަވަރުން، ހަނދާންކޮށްދިނުމަކީ، މުއުމިނުންނަށް މަންފާކުރާނޭ ކަމެކެވެ."
އެހެންކަމުން ރަމަޟާންމަހުގެ ފުރަތަމަ ހަފުތާ ނިންމާ ދެވަނަ ހަފުތާއަށް ފަށައިގަންނަ ހިނދު ހިތްވަރުއާކޮށް އަޅުކަމައިގެން މަޝްޣޫލުވުމަށް އަޅުގަނޑުގެ އަމިއްލަ ނަފުސަށާއި ތިޔަ އެންމެހައި ކިޔުންތެރިންނަށް ވަރަށް މަޑުމޮޅި ހިތަކުން ނަސޭހަތްތެރިވެ ވަސިއްޔަތްކުރަމެވެ.
ރަމަޟާންމަހުގެ ދުވަސްތައް ދަތުރުކުރަމުން މި ދަނީ ވަރަށް ބާރު ދުވެއްޔެއްގައެވެ. ރޯދަމަސް ފެށުނީ އަދި އިއްޔެހެން ހީވިޔަސް މިހާރު ފުރަތަމަ ދިހަޔަކާ އަލްވަދާޢު ކިޔަން ގާތްވީއެވެ. ބާކީ ދެން އޮންނާނީ 3 ހަފުތާއެވެ. އެ ދުވަސްތައް ވެސް ދާދި އަވަހަށް ނިމި ހިނގައިދާނެއެވެ. އޭގެ ކުރިން، ކުރެވުނު ހެޔޮ ޢަމަލެއް ކުރަން އިހު ވެސް ކުރި ޢަޒުމު އައުކޮށްލަން ހަނދާންކޮށްދޭ ލިޔުމެއް ކަމުގައި މި ލިޔުން ބަލައިގަންނާށެވެ.
މާތް ﷲ ރޯދަވެރިންނަށް އިޙްސާންތެރިކަމުގެ ބެއްލެވުމުން އަބަދުވެސް ބައްލަވައިވޮޑިގެން ވާކަން ހަނދާނުގައި ބަހައްޓާށެވެ. ކާމިޔާބީގެ ނިމުން ވަރަށް ކައިރި ވެއްޖެކަން ޔަޤީންކުރާށެވެ. މި މަހުގެ ތާވަލުގައި ހުރި ހުރިހާ ބުރަކަމަކީ ސަވާބާއި އަޖުރުކަން ހެޔޮ ހިތުން ބަލައިގަންނާށެވެ. މުއްސަނދި ކަމެއް ނެތަސް އަތުގައި އޮތް މަދު އެތިކޮޅުން، މިންވަރެއް ޞަދަޤާތްކޮށްފިއްޔާ އޭގެ ބަދަލު އެތައް ގުނައެއް އިތުރު ވެގެން އަންނާނެކަން ދަންނާށެވެ.
މީހަކު ތިމާއާ އަޑުލައި އާޑަފުރައްސާރަކޮށް ގަނާގެ ޢަމަލެއް ހިނަގައިފިއްޔާ "ތިމަން މިހުރީ ރޯދައަށޭ" ބުނާށެވެ. ހާރުކެއުމުގެ އާދަ ދޫކޮށްނުލާށެވެ. އިރުފުހެވުމުން ރޯދަވީއްލުން އަވަސް ކުރާށެވެ. އެގަޑީގައި ގިނައިން ނުކާށެވެ. ވަރުބަލިކަމެއް ނެތި ތަރާވީސްނަމާދު ކުރާށެވެ. ރޭގަނޑުގެ ހަރަކާތްތައް މަދުކުރާށެވެ. އިރާކޮޅުގެ ނިދުމުން ލިބޭ ފޮނިމީރުކަން ހޯދާށެވެ. މުރާލިކަމާ އެކު ރޭގަނޑުގެ ފަހުބައިގައި ނަމާދަށް ތެދުވާށެވެ. ﷲގެ ފުއްސެވުމާއި ރުއްސެވުމަށް އުންމީދުކުރާށެވެ. އެ އިލާހަކީ ފާފަފުއްސަވާ ރަޙީމުވަންތަ އިލާހެވެ. އީމާނުގެ ބައްތި ނިވުނަ ނުދޭށެވެ!
ލޮބުވެތި ކިޔުންތެރިންނޭވެ! އަޅުގަނޑުމެން ހިދާޔަތުގެ މަގުން އެއްކިބާވެ ނުދިޔުމަށް ﷲ تعالى އަބަދުވެސް އެއިލާހުގެ އަޅުންނަށް ފާހަގަތަކެއް ލައްވައިފައި ވެއެވެ. ކޮންމެ ހުކުރު ދުވަހަކީ ހަނދާންކޮށްދިނުމެކެވެ. ކޮންމެ ނަމާދެއް ވެސް ހަމަ އެފަދައެވެ. އަޅުގަނޑުމެންގެ އީމާނުގެ ބައްތިޔަށް ތެޔޮއަޅާ އޭގެ ހުޅުކޮޅު އަލިކުރުމަށް އެދޭ ނަމަ އަންނަނިވި 2 ކަމަށް ސަމާލުވަމާ ހިނގާށެވެ!
1- އީމާންކަން ދަށަށް ދާ ނަމަ އޭގެ ސަބަބު ދެނެގަތުން
އީމާންކަމަކީ އުނިވެ އިތުރުވާ އެއްޗަކަށް ވީތީ ބައެއް ފަހަރު އީމާންކަމުގެ ކަށި ތިރިޔަށް ވެއްޓޭ ގޮތް ވެދާނެއެވެ. މިފަދަ ހާލަތްތަކުގައި އަންނަނިވި ސުވާލުތަކަށް ޖަވާބުހޯދައިލާށެވެ.
ނަފުސުގެ ނިކަމެތިކަން އިހުސާސް ވަނީތަ؟
ފަހަތު ފިޔަވަޅުއެޅެން ދިމާވި ސަބަބީކޮބާ؟
ރަނގަޅުކަންކަމަށް ގޮވައިލާ އެކުވެރިންނާ ފެއަށް ދެވޭތަ؟
އަހަރެން ރަނގަޅު މަގުގައި ލެހެއްޓެވުމަށް ﷲއަށް އެބަ ދެންނެވޭތަ؟
ﷲއާ އޮންނަ ގުޅުން ތަރައްޤީކުރަން ސުންނަތްތަކަށް ފަރުވާތެރިވެވޭތަ؟
މި ސުވާލުތަކަށް ހިތްހަމަޖެހޭ ޖަވާބެއް ލިބެންދެން އެކިއެކި ޖަވާބުތައް ހިތްމައްޗަށް ގެނެސް އެއާ މެދު ވިސްނައި ފިކުރުހިންގާށެވެ. އެންމެ ލޯބިވާ މީހަކަށް އެ ޖަވާބުތައް ކިޔައިދޭށެވެ. އަދި މި ސުވާލުތަކަށް އޭނާގެ ކިބައިގައި އޮތީ ކޮން ޖަވާބެއްތޯ ބަލާށެވެ. ދެ މީހުން އެއްކޮށް އޭގެ ހައްލެއް ފެނޭތޯ ބަލައި އެ ކަމައިގެން ކުރިޔަށް ދާށެވެ.
2- ސާބިތުކަންދެއްވުން އެދި ﷲއަށް ދެންނެވުން
އިންސާނާ ދީނީ ކަންކަމުގައި މަޑުޖެހި ފަހަތު ފަޔަށް ބުރަވެވެނީ ފަހަރެއްގައި ވެސް އޭނާ ހެޔޮ ގޮތް ނޭދޭތީ އެއް ނޫނެވެ. ބޭނުން ނުވާތީ އެއްވެސް ނޫނެވެ. ގިނަ ފަހަރު އޭގެ ސަބަބަކީ ރަނގަޅު ފާލެއްގައި މީހާ އުޅެން ފެށުމުން ﷲ އޭނާ އިމްތިޙާނުކުރައްވަން އެދިވޮޑިގެންނެވުމެވެ. ވީމާ އެ އިމްތިޙާނަށް ރަނގަޅަށް ކުރިމަތިލާށެވެ. ފާސްވެ ނަޖާވޭތޯ މަސައްކަތްކުރާށެވެ. އެންމެ މޮޅު މަސައްކަތަކީ ﷲއަށް ދެންނެވުމެވެ.
އެ އިލާހުގެ މަދަދާއި ތައުފީޤަށް އެދުމެވެ. އެއިލާހު މަދަދު ދެއްވައިފި މީހަކަށް މެނުވީ ދީން މަތީ ސާބިތުވެ ހުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. މި އުންމަތުގެ ނަބިއްޔާ މުޙައްމަދު صلَّى اللهُ عليه وسلَّمَ އެންމެ ގިނައިން ދުޢާކުރައްވަނީ ދީންމަތީ ސާބިތުކޮށްދެއްވުމަށެވެ. އެކަލޭގެފާނު ވިދާޅުވާ ކަމުގައި ވަނީ "يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ" މާނައީ: އޭ ހިތްތައް ފުރޮޅުއްވާ ރަސްކަލާކޯ! އިބަ އިލާހުގެ ދީން މަތީ މިއަޅާގެ ހިތް ސާބިތުކޮށްދެއްވާނދޭވެ! މިދުޢާ ދަސްކޮށް މި ދުޢާކިޔުން ގިނަކުރާށެވެ!