ހާރު ކެއުމަކީ މުހިންމުކަމެކެވެ.

ހާރުދަމުގެ ކެއުމަކީ ރޯދައަށް ހުރުމަށްޓަކައި އެންމެ ބޭނުންތެރި ކެއުން. ހާރު ދަމުގެ ކެއުމަކީ ލުއިކެއުމަކަށް ހަދާން ވާނެ--

ރޯދަހިފުމަށް ކުރާ ފުރަތަމަ ކަމަކީ ހާރުކެއުމެވެ. ހާރުކެއުމަކީ މުސްތަޙައްބު ވެގެންވާ ކަމެކެވެ. މުސްތަޙައްބު ކަމެއް ދޫވުމަކުން ޢަޛާބެއް ނުލިބޭނެއެވެ. އެހެނަސް އެކަން ކޮށްފިއްޔާ ސަވާބު ލިބޭނެއެވެ. މުސްތަޙައްބު ކަންކަމަކީ އެ ކަމެއް ކުރުމަށް ދީނުގައި ބާރުއަޅުއްވައިފައި ހުންނަ ކަންކަމެވެ. އެއީ ﷲ ޙަޟުރަތުގައި ލޮބުވެތިވެގެންވާ ކަންކަމެވެ. ސަވާބުގެ ތިލަފަތް ބަރުކުރަން އެދޭ މީހުން އެފަދަ ކަންކަން ނުކޮށް ދޫކޮށް ނުލާނެއެވެ. ހާރުކެއުމަކީ ވެސް އެފަދަ ކަމެކެވެ.

ރޯދައަށް ހުންނަން ނިޔަތްގަންނަ މީހާ ހާރުކެއުމަކީ މާތް ﷲގެ ޙަޟުރަތުގައި ލޮބުވެތިވެގެން ވާ ޢަމަލެކެވެ. މާތް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَއިރުޝާދުދެއްވައި ޙަދީޘްފުޅެއްގައި ވެއެވެ. عَنْ جَابِرٍ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: مَنْ أَرَادَ أَنْ يَصُومَ فَلْيَتَسَحَّرْ بِشَيْءٍ» رواه أحمد (14533)، وصححه الألباني في "السلسلة الصحيحة" (2309) މާނައީ: ޖާބިރުގެފާނު އަރިހުން ރިވާވެގެން ވިއެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. "ރޯދައެއް ހިފަން އިރާދަކޮށްފި މީހާ (އެބަހީ: ނިޔަތްގަންފި މީހާ)، ފަހެ ކޮންމެވެސް އެއްޗަކުން އޭނާ ހާރުކާހުށިކަމެވެ." އަދިވެސް އެހެން ރިވާޔަތެއްގައި ވެއެވެ. «تَسَحَّرُوا فَإِنَّ فِي السَّحُورِ بَرَكَةً» [رواه البخاري (1923)، ومسلم(1095)] މާނައީ: "ތިޔަބައިމީހުން ހާރުކާށެވެ. ފަހެ ހާރުކެއުމުގައި ބަރަކާތް ވެއެވެ."

ރަމަޟާންމަހު ގިނަ މީހުން ނިދަނީ ހާރުކައިގެން ފަތިސްނަމާދު ވެސް ކޮށްގެންނެވެ. އެއީ ނަމާދުތަކަށް ފަރުވާތެރިވާ މީހުންނެވެ. މިއާ ޚިލާފަށް ބައެއް ޒުވާނުން އަދި ވެސް ރޭގަނޑު ގިނައިރުވަންދެން ހޭލާ ތިބެފައި ދަންވަރުގެ ފަހުބައިގައި ނިދުމުގެ އާދަ ގެންގުޅެއެވެ. އެ ކުދިންގެ ބައެއް މައިންބަފައިންގެ ވަރަށް ބޮޑު ޝަކުވާ އަކަށް ވެފައި އޮންނަނީ ހާރުކާން ގޮވުމުން ގިނަ ކުދިން ނުހޭލާ ކަމުގެ ޝަކުވާއެވެ. ނިދާލެއް މާ ލަހީއެވެ. ދެން ހޭލެވޭނީ ކިހިނަކުން ހެއްޔެވެ؟ އޭގެ ބައެއްކުދިން ބުނަނީ ތިމަންނާމެން ހާރުގެ ގޮތުގައި އިތުރު ކެއުމެއް ކާން ބޭނުން ނުވާކަމުގައެވެ. އެކުދިންނަށް ބުނަން އޮތް ވާހަކައަކީ މިއީ ކެއުމެއްގެ ގޮތުން ކުރާންޖެހޭ ކަމެއް ނޫންކަމެވެ. އެހެނަސް ހާރުކެއުމަކީ ވެސް އަޅުކަމެގެ ގޮތުން ކުރާން އޮތް ކަމެކެވެ. އެކަމުން ވެސް ސަވާބު ލިބޭނެއެވެ.

ލަހުންނިދާ މީހުންނާއި ކުދިންގެ ތެރޭ ހާރުކާން ދެތުވަން ބޭނުންވާ ބަޔަކު ވެސް އުޅެއެވެ. އޭގެތެރެއިން ތެރެއިން ގިނަކުދިން ވަރަށް ހިތްވަރުކޮށްގެން ފަތިސް ނަމާދުގެ ކުރިން ހޭލައެވެ. އެ ކުދިންނަށް ވެސް ބައެއްފަހަރު އޮންނަނީ ހާރުކާނޭ އަވައްޖެއް ނުވެފައެވެ. ދަތްފިލާ އުނގުޅާ މޫނަށް ފެންފޮދެއް ޖަހައިލައިގެން ސުފުރާއާ ހަމައަށް ނާދެވެނީސް ބަންގި ގޮވަނީ މަދު ފަހަރަކު ނޫނެވެ. މިއީ އަހަރުމެން މުސްލިމުންގެ ޙައިޘިއްޔަތުން ކޮންމެހެން ވެސް އިޞްލާޙުކުރަން ޖެހިފައި އޮތް ކަމެކެވެ. ހާރުކެއުމަކީ ދިރުވާ އާލާކުރަންޖެހޭ ސުންނަތެކެވެ. އެއީ ފަރުޟު އަޅުކަމަށް ތައްޔާރުވުމަށް އޮތް ސުންނަތް އަޅުކަމެކެވެ. އެކަމުގެ އަޖުރާއި ސަވާބު ލިބޭނީ ހާރުކާން އޮންނަ ގަޑީގައި ހާރުކައިގެންނެވެ.

ހާރުކެއުމަކީ މުސްލިމުންނާ އަހުލުކިތާބީންނާ ފަރަޤުވާ އެންމެ މުހިންމު އެއް އަޅުކަމެވެ. އެބައިމީހުން ވެސް ރޯދަ ހިފައެވެ. އެހެނަސް ހާރުކެއުމަކީ އެ މީހުން ކޮށްއުޅޭ ކަމެއް ނޫނެވެ. އެ މީހުންގެ ރޯދަޔާއި އަހަރުމެންގެ ރޯދަޔާ ހުރި މައިގަނޑު އެއް ތަފާތަކީ ހާރުކެއުން ކަމުގައި މާތް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ވަނީ އަންގަވައިފައެވެ. عن عمرو بن العاص رضي الله عنه أن رسول الله صلى الله عليه وسلم قال: «فَصْلُ مَا بَيْنَ صِيَامِنَا وصِيَامِ أهْلِ الكِتَابِ، أكْلَةُ السَّحَرِ» (رواه مسلم) މާނައީ: ޢަމްރޫ ބުނުލް ޢާޞްގެ އަރިހުން ރިވާވެގެން ވިއެވެ. ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَޙަދީޘްކުރެއްވިއެވެ. "އަހުލުކިތާބީންގެ ރޯދަޔާ ތިމަންމެންގެ ރޯދަޔާ ހުރި ތަފާތަކީ ހާރުކެއެމެވެ." މި ޙަދީޘާމެދު ފުންކޮށް ވިސްނާ ފިކުރު ހިނގާށެވެ. މުސްލިމުން، މުސްލިމުންގެ ގޮތުގައި ކުރިއަރައިދިޔުމަށް ހާރުކެއުން އެކަނިފުދެއެވެ.

ހާރުކާކަށް ވަކި އެއްޗެއް ނުވަތަ ވަކި މަދު މިނެއް ނޯވެއެވެ. ޙަލާލު ކޮންމެ އެއްޗެއް ހަށިގަނޑަށް ގެއްލުން ނުވާވަރަށް ކާންވީއެވެ. އިރާކޮޅު ނުވަތަ ހާރުދަމުގައި ކައިގެން ހުރުމުގެ ސަބަބުން ހާރު ގަޑީގައި އެއްޗެއް ކެއުމުގެ ހާޖަތެއް ނެތަސް ފެން ފޮދެއްހައި މިންވަރު ވެސް ހާރުގެ ގޮތުގައި ބޮއިލުމަކީ ﷲއާއި މަލާއިކަތުންގެ ޞަލަވާތް އެ މީހެއްގެ މައްޗަށް ހުރި ބަރަކާތްތެރި ކަމެކެވެ. وعَنْ أَبِي سَعِيدٍ الْخُدْرِيِّ قَالَ قَالَ رَسُولُ اللَّهِ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ: «السُّحُورُ أَكْلَةٌ بَرَكَةٌ فَلا تَدَعُوهُ وَلَوْ أَنْ يَجْرَعَ أَحَدُكُمْ جَرْعَةً مِنْ مَاءٍ فَإِنَّ اللَّهَ وَمَلائِكَتَهُ يُصَلُّونَ عَلَى الْمُتَسَحِّرِينَ» [رواه أحمد (11003)، وحسنه الألباني في "صحيح الجامع" (3683)]. މާނައީ: އަބޫ ސަޢީދް އަލް-ޚުދްރީގެ އަރިހުން ރިވާވެގެން ވިއެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. "ހާރަކީ ބަރަކާތްތެރި ކެއުމެކެވެ. ތިޔަބައިމީހުންގެ ތެރެއިން އެކަކު ވެސް (ހާރުކެއުން) ދޫކޮށްނުލައި ހުށިކަމެވެ. ފެންކޯވަރެއްގެ މިންވަރު ވިޔަސް (ހާރުގެ ގޮތުގައި) ބޮއިލާ ހުށިކަމެވެ. ފަހެ، ހަމަކަށަވަރުން ﷲއާއި އެއިލާހުގެ މަލާއިކަތުން ހާރުކާ މީހުންނަށް ޞަލަވާތް ލައްވަތެވެ."

ބަޔާންވެދިޔަ އިރުޝާދުތަކުން އެނގި ޔަޤީން ވަނީ ހާރުކެއުމަކީ ކޮންމެހެން ކުރާންޖެހޭ ކަމެއް ކަމެވެ. އޭގެ ފައިދާ ޖިސްމާނީ ގޮތުންނާއި ރޫޙާނީ ގޮތުން ވެސް ބޮޑެވެ. ރޫޙާނީ ގޮތުން އެއީ ސަވާބު ލިބޭ އަޅުކަމެއް ކަމުގައި ވެއެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَއަށް ކިޔަމަންތެރިވުމެކެވެ. ﷲގެ އަމުރަށް ކިޔަމަންތެރިވުމުގެ ގޮތުން ރޯދަހިފަން ތައްޔާރުވާ ތައްޔާރު ވުމެކެވެ. އޭގެ ޖިސްމާނީ ފައިދާއަށް ބަލާއިރު ދުވާލުގެ ވަގުތަށް ބޭނުންވާ ހަކަތަ ލިއްބައިދެއެވެ. ދުވާލުގެ މަސައްކަތައް ބޭނުންވާ ހިތްވަރާއި ބުންވަރު ލިއްބައިދެއެވެ. ހެލިފެލިވެ ހަރަކާތްތެރިވުމަށް އެހީތެރިވެދެއެވެ. މިފަދަ މަތިވެރިކަމެއް އެކުލެވިފައިވާ ބަރަކާތްތެރި ކެއުމެއް އެއްގޮތަކަށް ވެސް ދޫކޮށް ނުލައި އެއަށް ފަރިތަވާށެވެ! ހާރުކާން އާދަކުރާށެވެ!

comment ކޮމެންޓް