ހުކުރު ދުވަހާއި ހުކުރު ނަމަދާއި ހުކުރު ޚުތުބާ

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް އިމާމްވެ އިސްލާމިކް މަރުކަޒުގައި ހުކުރު ނަމާދު ކުރުން: -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ހުކުރު ނަމާދާއި ހުކުރު ޚުޠުބާއަކީ އިސްލާމީ ޝިޢާރުތަކެކެވެ. މިއަދަކީ ބަރަކާތްތެރި ރަމަޟާންމަހުގެ އެންމެ ފުރަތަމަ ހުކުރު ދުވަހެވެ. މިއަދުގެ އެންމެ މުހިންމު އެއްކަމަކީ ހުކުރު ނަމާދެވެ. އެއީ މުސްލިމުންގެ އިޖްތިމާޢެކެވެ. ހަފްތާގެ ގިނަ ދުވަސްދުވަހު މަސައްކަތުގައި ރަށުން ބޭރު އެކި ހިސާބުތަކުގައި އުޅޭ މީހުން ވެސް ރަށަށް އައިސް ޢާއިލާއާ އެކު ތިބޭ ތިބުމުގައި އިލާހީ ވާޖިބާތުތައް ފުރިހަމަކުރުމުގެ ގޮތުން އެއްވާ އެއްވުމެކެވެ. ދަރީން ގޮވައިގެން މިސްކިތަށް ގޮސް އެ ކުދިންގެ ހިތްތަކުގައި ދީނީ ރޫޙު އާލާކުރުވުމެވެ. މިފަދަ މަތިވެރި އިޙްތިފާލަކަށް ދޭންވީ ފުރިހަމަ ޤަދަރާއި ޝަރަފު ދެވޭނީ އެ ކަމުގެ ޢިލްމާއި ހުނަރު ދަސްކޮށްގެންނެވެ.

ހުކުރު ދުވަހުގެ މާތްކަމަކީ ހުކުރު ނަމާދެވެ. އެ ނަމާދަށް ގޮވައިލެވޭ ހިނދު، ދުނިޔަވީ ހުރިހާ ކަމެއް އެއްފަރާތްކޮށް ﷲގެ ޒިކުރަށް ހުސްވުމަށް އެ އިލާހުވަނީ އަންގަވައިފައެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِن يَوْمِ الْجُمُعَةِ فَاسْعَوْا إِلَىٰ ذِكْرِ اللَّهِ وَذَرُوا الْبَيْعَ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ﴾ ‎(الجمعة: ٩)‏ މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހުކުރު ދުވަހު (ހުކުރު )ނަމާދަށް ގޮވައިލާހިނދު ފަހެ، اللَّه ހަނދުމަކުރުމަށް (އެބަހީ: ޚުޠުބާ އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާ ނަމަ، އެ ގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ."

މި އާޔަތުން އެނގެނީ ހުކުރު ދުވަހު ކުރާން އޮތް އަޅުކަމުގެ މުހިންމު ކަމެވެ. އެ އަޅުކަމަކީ މާތް ﷲ ހަނދުމަކުރާ އަޅުކަމަކަށް ވާންޖެހޭ ކަމެވެ. އަދި އާދައިގެ ހަނދުމަކުރުމަކުން ކުރާ ކަމެއްގެ ގޮތަކު ނޫނެވެ. އެނޫން އެއްވެސް ކަމެއް އެކަމާ މަސްހުނިނުކޮށް ޚާލިޞް ހުސްވުމަކުން މީހާ ހުސްވެ މާތް ﷲގެ ހަނދުމަކުރުމަށް ހާޒިރުވުމެވެ. އެ ހަނދުމަކުރުމަކީ ހުކުރު ނަމާދެވެ.

ހުކުރު ނަމާދަކީ މިސްކިތުގެ ޖަމާޢަތުގައި ކުރާ ދެރަކުޢަތް ނަމާދު އެކަނި ކަމުގައި ދެކުން ރަނގަޅެއް ނޫނެވެ. އެހެނީ ހުކުރު ޙުޠުބާގެ އަހައްމިއްޔަތަކީ ވަކީން ކުޑަ އެއްޗެއް ނޫނެވެ. ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ހުކުރު ދުވަހު ވިޔަފާރިއާއި އެ ނޫން ހުރިހާ ކަމެއް ދޫކޮށްފައި ﷲގެ ޒިކުރަށް އައުމަކީ ޚުޠުބާ އަޑުއަހަން އައުމެވެ.

ހުކުރު ޚުތުބާއަކީ އިޖްތިމާޢީ ނަސޭޙަތެކެވެ. މުޖްތަމަޢުގައި މި ވަގުތު ހިނގާ ކަންކަމުގެ ވާހަކަ އޭގައި ބަޔާނެވެގެން ވެއެވެ. ގޯސް ކަންކަން އިޞްލާޙުކުރަން ނަސޭހަތްތެރިވެއެވެ. ރަނގަޅު ގަންކަން ފާހަގަކޮށް އެ ކަމަށް ހިތްވަރުދެއެވެ. ހުކުރު ޚުތުބާއަކީ ތަރުބަވީ މަދަރުސާއެކެވެ. އެހެންކަމުން ޚުތުބާގައި ކިޔާ އެއްޗަކަށް ސަމާލުކަން ދީގެން ކަނުލާ އަހަންވާނެއެވެ. ޚުޠުބާ އަޑުއަހަން އިންނަ ހިނދު ތިބާއާއި އެހެން މީހުންގެ ސަމާލުކަން ގެއްލޭފަދަ ޢަމަލުތައް ކޮށްގެން ނުވާނެވެ. ވާހަކަ ދައްކައިގެން ނުވާނެއެވެ. އެހެން މީހަކު ތިބާއާ ވާހަކަ ދެއްކި ކަމުގައި ވިޔަސް އޭނާ ގާތު "ވާހަކަ ނުދައްކާށޭ!" ބުނުމަކީ ވެސް ހުއްދަކަމެއް ނޫނެވެ.

ކަން މިހެން އޮތް ނަމަވެސް މިއަދު ފެންނަ މަންޒަރު ވަރަށް ބޮޑަށް ތަފާތު ވާން ފަށައިފިއެވެ. ހުކުރު ޚުޠުބާއަކީ މީސްތަކުން އަހައްމިއްޔަތު ދޭ އެއްޗެއް ނޫންކަމުގައި ހީވާވަރަށް ޚުޠުބާ އަޑުއެހުމާ ފޭއަށް މީހުން ޖެހިއްޖެއެވެ. ޚުޠުބާގެ ވަގުތުގައި ވާހަކަ ދެއްކުމާއި، ހީ ސަމާސާ ކުރުމާއި، ނިޔަފަތި ކެނޑުމާއި، ހަން ކޮށްޓުމާއި، އަދި ފޯނާ ކުޅެން ތިބޭތިބުމަކީ ވެސް މިއަދު ވަރަށް ގިނަ ބަޔަކުގެ ކިބައިން ފެންނަ ނޭދެވޭ ޢަމަލެކެވެ. ފޯނުން ސޯޝަލްމީޑިއާގެ އެކިއެކި އޮޅިއޮޅި ހުޅުވައިގެން ޗެޓްކުރުމުގެ އިތުރަށް ފޮޓޯ ބެލުމާއި ވީޑިއޯ ބެލުމަކީ މަދުން ނަމަވެސް ފެންނަ ހުތުރު މަންޒަރުތަކެކެވެ. މިހެން މި ކަން ވަނީ ޚުތުބާއަކީ ހުކުރު ނަމާދާ ގުޅުން އޮތް އެއްޗެއް ކަމަށް ނުދެކެވޭތީ ވެސް ކަންނޭނގެއެވެ.

ހިތާމައިގެ ކޮޅެއް ވެސް ނެތެވެ. ބޮޑުވަމުން އަންނަ ޒުވާން ޖީލުގެ އަފުރާދުންނަށް ޚުޠުބާގެ އަހައްމިއްޔަތު އޮޅިއްޖެއެވެ. އެއީ އެ ކުދިންނަށް ލިބޭ ހުސް ވަގުތު ކޮޅެއް ކަމުގައި ހީކުރެވެނީ ބާއެވެ؟ ހުކުރު ނަމާދަކީ ހަމައެކަނި ދެ ރަކުޢަތް ކަމުގައި ހީ ނުކުރާށެވެ! ހުކުރު ޚުޠުބާ ވެސް ހިމެނެނީ ހުކުރު ނަމާދުގެ ތެރެއިންނެވެ.

ހުކުރު ޚުޠުބާ އަޑުއެހުމަށް ގޯތިގެދޮރުގައި ތިބޭ މިހުންނަށް ވެސް މިއަދު ވަރަށް ފަސޭހައެވެ. ކޮންމެ ދުވަހެއްގެ ޚުޠުބާ ޓެލެކާސްޓުކުރެއެވެ. އަދި އެފްބީ ލައިވް ވެސް އެއީ ފަސޭހައިން ޚުޠުބާ އަޑުއަހައިލަން އޮތް ފުރުޞަތެކެވެ. ގޭގޭގައި ތިބޭ އަންހެންކުދިން ވެސް މަންމައިންނާ އެކު ޚުޠުބާ އަޑުއެހުމަށް ހާނުވާށެވެ! ކޮންމެ ހުކުރު ދުވަހަކު 11:30ގައި ފެންވެރައިގެން ގޭގައި ތިބޭ އެންމެން އެކުގައި ކަހަފް ސޫރަތް ކިޔަވައި 12:30ގައި ހުކުރު ފައްޓަން ވާއިރަށް ޚުޠުބާ އަޑުއަހަން ތައްޔާރުވާށެވެ!

މިއީ އާޢިލާ އިޞްލާޙުގެ މަގަށް އެޅުވުމަށް ވަރަށް ބޭނުންތެރި ކަމެކެވެ.
ހުކުރު ދުވަހާއި އެ ދުވަހުގެ އަޅުކަންތަކާއި އެ ދުވަހުގެ ނަމާދާއި އެ ނަމާދުގެ ޚުޠުބާއަކީ އިސްލާމީ ޝިޢާރުތަކެވެ. އެ ކަންކަމަށް ސަމާލުކަން ދިނުމަކީ ﷲގެ ބަރަކާތް އެބައެއްގެ މައްޗަށް ބާވައިލައްވާނޭ ކަންކަމެވެ. ދިވެހި އަފުރާދުންނާއި ޢާއިލާތަކާއި މުޅި މުޖުތަމަޢު ވެސް ދީނީ ގޮތުން ތަރައްޤީ އެދޭ ނަމަ ހުކުރު ޚުޠުބާ އަޑުއެހުމަށް ސަމާލުވުން މުހިންމެވެ.

comment ކޮމެންޓް