އޭ ބައްޕައިންނޭވެ! ދަރިފުޅުގެ އިޢުތިޤާދީ ތަރުބިއްޔަތަށް އެންމެ މުހިންމު މީހަކީ ތިޔަ ބައްޕައެވެ. މުސްލިމް ބައްޕައެއްގެ ޙައިޘިއްޔަތުން ދަރިޔަކަށް ދެވޭނެ އެންމެ ފުރިހަމަ ތަރުބިޔަތަކީ ﷲގެ އެއްކައުވަންތަކަން ކިޔައިދިނުމެވެ. ތައުޙީދުގެ ކަލިމަ އެ ދަރީންގެ ކުދިކުދި ހިތްތަކުގައި ބިންވަޅުނަގައިދިނުމެވެ. މާތް ﷲއަށް އެކަނި ޙައްޤު ގޮތުގައި އަޅުކަން ކުރުމަށް ވަޞިއްޔަތްކުރުމެވެ. އެއްވެސް ހާލެއްގައި އެއިލާހަށް ޝިރުކުނުކުރުމަށް ދަރިންނަށް ބުނެދިނުމެވެ.
ލުޤްމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވި ނަސޭހަތްޕުޅު ވެސް ފެއްޓެވީ ﷲއަށް ޝިރުކު ނުކުރުމަށް ހަނދާން ކޮށްދެއްވަމުންނެވެ. ﴿وَإِذْ قَالَ لُقْمَانُ لِابْنِهِ وَهُوَ يَعِظُهُ يَا بُنَيَّ لَا تُشْرِكْ بِاللَّهِ ۖ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ﴾ (لقمان: ١٣) މާނައީ: "އަދި ލުޤުމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ނަސޭހަތް ދެއްވަމުން ވިދާޅުވިހިނދު ހަނދުމަކުރާށެވެ! އޭ ދަރިފުޅާއެވެ! ތިބާ ﷲއަށް ޝަރީކު ނުކުރާށެވެ! ހަމަކަށަވަރުން، ޝަރީކު ކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ."
ދަރިން އިތުބާރާ އެކު ބަލައިގަންނާނީ ބައްޕަގެ ނަސޭހަތެވެ. ބައްޕަ ދަރިންނަށް ކުރެހުމަށް ހިތްވަރު ދޭނަމަ އެ ކަމަށް ކުދިން ޝައުޤުވެރިވާނެއެވެ. ލަވަކިޔާ ނަށަން ހިތްވަރު ދޭނަމަ އެއީ ރަނގަޅު ގޮތްކަމުގައި އެ ކުދިން ބަލައިގަންނާނެއެވެ. ހަމަ އެ ގޮތަށް ނަމާދުކުރުމާއި، ޞަދަޤާތްދިނުމަށް ދަރިން ފަރިތަކުރުވާ ނަމަ އުފެދޭނީ އެފަދަ ކުދިންނެވެ. އެހެންކަމުން، ބައްޕަގެ ނަސޭހަތަކީ އަބަދު ވެސް ދަރިންނަށް ނުހަނު ބޭނުންޖެހޭ އެއްޗެކެވެ. ލުޤުމާނުގެފާނު ދަރިކަލުންނަށް ދެއްވި ނަސޭހަތް ތައުޙީދުގެ ވާހަކައިން ފެއްޓެވި ފަދައިން އަޅުގަނޑުމެންގެ ނަސޭހަތް ވެސް އެ ކުދީންނަށް އަމާޒު ކުރަންވާނީ އެ މަންހަޖުގެ މަތީގައެވެ.
އަޅުގަނޑުމެންގެ ދަރީންނަކީ މިއަދާއި މާދަމާ ވެސް ނާމާންކަމުން ސަލާމަތްވެ ތިބެ، އާމާންކަމުގައި އުޅޭނެ ބަޔަކަށް ހެދޭނީ އިލާހީ ދަރުބާރުގައި އެ ކުއްޖާގެ ނަން ގުގުމާލެވިގެނެވެ. ﷲގެ ރުއްސެވުން އޭގެ ފުރިހަމަ ގޮތުގައި ލިބިގެންނެވެ. އެއިލާހުގެ ރުހުން ލިބޭ މީހުންނަކީ ޣައިބަށް އީމާންވާ މީހުންނެވެ. ﷲ ވޮޑިގެންވާކަމާއި އާޚިރަތް އަންނާނެކަން ޔަޤީންކުރާ މީހުންނެވެ. އެފަދަ ބަޔަކަށް އަޅުގަނޑުމެންގެ ދަރީން ހެދޭނީ ސިއްރާއި ފައުޅުގައި ﷲއަށް ބިރުވަތާން ދަސްކޮށްދެވިގެންނެވެ. މިދެންނެވި ނަސޭހަތް ވެސް ލުޤުމާނުގެފާނު ވަނީ އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވައިފައެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ. "އޭ ދަރިފުޅާއެވެ! ހަމަކަށަވަރުން، އެ ޢަމަލަކީ ރެވިއޮށްޓަރެއްގެ ބަރުދަންހުރި ޢަމަލެއް ކަމުގައި ވިޔަސް، ހިލައެއްގެ ތެރޭގައި ވިޔަސް، ނުވަތަ އުޑުތަކުގައި ވިޔަސް، ނުވަތަ ބިމުގެ ތެރޭގައި ވިޔަސް (ޤިޔާމަތްދުވަހުން) ﷲ އެ ޢަމަލެއް ގެންނަވާނެތެވެ. ހަމަކަށަވަރުން، ﷲއީ، އޯގާވަންތަކަން ބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (لقمان: 16)
ލުޤުމާނުގެފާނު އެކަލޭގެފާނަށް ދެއްވެވި މި ނަސޭހަތްޕުޅުތަކަކީ ތައުޙީދުގެ އެންމެ މަތިވެރި ފިލާވަޅުތަކެވެ. އޭގެ މައްޗަށް ދުނިޔެއާއި އާޚިރަތުގެ ހުރިހާ ކަމެއް ބިނާވެގެން އަންނަ ބިންގަލެވެ. ދުނިޔޭގައި ކާމިޔާބު ދިރިއުޅުމަކަށް މަގުފަހި ވާން އޮތް ހަމައެކަނި ގޮތެވެ. އާޚިރަތުގެ ނަޖާތަށް މަގު ކޮށާން އޮތް ހަމައެކަނި ހަތިޔާރެވެ. މި ނަސޭހަތްޕުޅަށް ފަހު ލުޤުމާނުގެފާނު ދަރިކަލުންނަށް ދެއްވި ނަސޭހަތްޕުޅުގައި އޮތީ ނަމާދު ޤާއިމުކުރުމަށާއި ޒަކާތް ދިނުމަށް ވަޞިއްޔަތް ކުރައްވައިފައެވެ. އަދި ހެޔޮކަންކަމަށް އަމުރު ކުރުމާއި ނުބައިކަންކަން މަނާކުރުމަށް ވެސް އިރުޝާދު ދެއްވައިފައެވެ. ވިދާޅުވަނީ މި ކަންކަމަކީ ވަރަށް ވަރުގަދަ ޢަޒުމެއް ބޭނުންވާނޭ ކަންކަން ކަމުގައެވެ.
(ލުޤުމާނު ސޫރަތުގެ 17ވަނަ އާޔަތް ބައްލަވާ!)
އެކަލޭގެފާނުގެ ނަސޭހަތް ކުރިޔަށް ގެންދަވަމުން އަދަބު އަޚުލާޤުގެ ވާހަކަ ވެސް ދަސްކޮށްދެއްވައި ވިދާޅުވެދެއްވައިފައި އެބަހުއްޓެވެ. އެހެންމީހުންނާ މެދު މުޢާމަލާތް ކުރުމާ ބެހޭގޮތުން ވިދާޅުވެފައި އޮތީ "އަދި މީސްތަކުންނަށް ކިބުރުވެރިވެ، ތިބާގެ ކޯތާފަތް އަނބުރައިނުލާށެވެ! (އެބަހީ: މޫނު އަނބުރައި ނުލާށެވެ!) އަދި ބޮޑާވެގެންވާ ޙާލު، ބިމުގައި ނުހިނގާށެވެ! ހަމަކަށަވަރުން، ކިބުރުވެރިވެ، ފަޚުރުވެރިވާ އެއްވެސް މީހަކުދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ." (ލުޤުމާނު: 18)
ބިންމަތީ ހިނގާބިނގާވެ އުޅެންވީ ގޮތާއި، ވާހަކަ ދެއްކުމުގައި ބަސްމަގު ހިފަހައްޓާނޭ ގޮތާއި އަޑު މަޚުރަޖުގައި ހަމަހިމޭންކަން ގެންގުޅުމަށް ވެސް އެކަލޭގެފާނު ވަނީ ދަރިކަލުންނަށް ނަސޭހަތް ދެއްވައިފައެވެ. "އަދި ތިބާ ހިނގާ ހިނގުމުގައި މެދުމިނަށް ހިނގާށެވެ! އަދި ތިބާގެ އަޑު މަޑުކުރާށެވެ! ހަމަކަށަވަރުން، އަޑުތަކުގެ ތެރެއިން އެންމެ ހުތުރުވެގެންވާ އަޑަކީ ޙިމާރުގެ އަޑުކަން ކަށަވަރެވެ." (ލުޤުމާނު: 19) މިހުރީ ބައްޕައިންގެ ޒިންމާގައި ދަރީންނަށް ދެވޭނޭ އިޢުތިޤާދީ އަދި އިޖްތިމާޢީ އަދި އަޚުލާޤީތަރުބިއްޔަތެވެ. މި ނަސޭހަތް މިއަދު އަޅުގަނޑުމެންގެ ދަރީންނަށްނުދޭ ނަމަ އެކުދިން ބޮޑުވާނީ އެހެން ބަޔަކުގެ ކިބައިން ލިބޭ ނަމޫނާއަކާއި އިރުޝާދުގެ މަތީގައެވެ. ބައްޕައިންގެ ޒިންމާގައި މިކަން ހިމަނައިގެން އައު އަޒުމަކާ އެކު ދަރީންނަށް ތަރުބަވީ ނަސޭހަތްދޭން ފަށަމާ ހިނގާށެވެ!
"މިއަދު އަޅުގަނޑުމެންނަށް ދަރީންދެކެ ލޯބިވެވެނީ މުޅިން އެހެން ވައްތަރަކަށް ނޫންތޯ؟" މިއީ ކޮންމެ ކިޔުންތެރިއަކު ވެސް އެ މީހެއްގެ އަމިއްލަ ނަފުސާ ކޮށްލުން ރަނގަޅު ސުވާލެކެވެ. ދަރިންދެކެ ލޯބިވާ ނަމަ އެ ކުދިން ދުނިޔެ މަތީގައި އުޅޭއިރު މާތް ﷲއަށް ޝިރުކުނުކުރުމަށް ނަސޭހަތްތެރިވާށެވެ! އެކަކު އަނެކަކަށް ފައިދާއެއް ކޮށްނުދެވޭ ދުވަހު ކާމިޔާބުވާނީ ﷲއަށް ޝިރުކުނުކުރާ މީހާއެވެ. ފަރުޟު ފަސް ނަމާދު ޤާއިމުކުރަން ވަޞިއްޔަތްކުރާށެވެ! ޤިޔާމަތްދުވަހުން އެންމެ ފުރަތަމަ ޙިސާބުބެއްލެވޭނީ ނަމާދުންނެވެ. ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރަން އެ ކުދިންނަށް ހިތްވަރުދޭށެވެ. މި އުންމަތް އެންމެ ހެޔޮ އުންމަތަށް ވުމުގެ ސަބަބަކީ އެއީއެވެ.
މިފަދަ ނަސޭހަތްތަކަކީ އަޅުގަނޑުމެންގެ ގެދޮރުގައި ކޮންމެ ދުވަހަކު ތަކުރާރު ވާ އެއްޗެއް ނަމަ ﷲގެ އިރާދަފުޅާ އެކު ދަރީންނަކީ އަޅުގަނޑުމެންގެ ލޯތަކުގެ ފިނިކަން ކަމުގައި ވާނޭ ކަމާމެދަކު އެއްވެސް ޝައްކެއްނެތެވެ.