މެންބަރުންގެ ސިއްހީ އިންޝުއަރެންސް ބޭނުންކުރުމުގައި ތަކުލީފުތައް ދިމާވާތީ ރިޔާޒުގެ ޝަކުވާ

އާންމު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން: އެ ކޮމިޓީގެ މެންބަރު ރިޔާޒު ވަނީ މެންބަރުންގެ ސިއްހީ އިންޝުއަރެންސް ސްކީމުން ޚިދުމަތް ހޯދުމުގައި ދިމާވާ ދަތިތައް ފާހަގަކުރައްވައިފައި -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޚާއްސަކޮށްފައިވާ ސިއްހީ އިންޝުއަރެންސް ޚިދުމަތް ހޯދުމުގައި ތަކުލީފުތަކެއް ދިމާވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޔާޒު މިއަދު ޝަކުވާ ކުރައްވައިފިއެވެ.

ރިޔާޒު އެ ކަންބޮޑުވުން ފާޅުކުރެއްވީ، މަޖިލިސް މެންބަރުންގެ އަނބިންނާއި ފިރިންނާއި 18 އަހަރު ނުފުރޭ ދަރިންނާއި ކުރީގެ މެންބަރުންނަށް ފޯރުކޮށްދޭން ޖެހޭ ހެލްތު އިންޝޫރެންސްގެ ޚިދުމަތާ ގުޅޭ ގޮތުން ފޮނުވައިފައިވާ ސިޓީއަކާ ގުޅިގެން ބެލި މައްސަލައިގައެވެ.

އެ މައްސަލައާ ގުޅިގެން ވާހަކަދައްކަވަމުން ރިޔާޒު ވިދާޅުވީ، މެންބަރުންނަށް ޚާއްސަކޮށްފައިވާ އިންޝުއަރެންސަށް މެންބަރުންގެ އަތުން ވަރަށް ބޮޑު އަދަދެއް އެބަ ނަގާ ކަމަށާއި އެހެންވުމުން އެ ޚިދުމަތް ހޯދުމުގައި ތަކުލީފެއް އުފުލަން ޖެހިގެން ނުވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، އޭނާ މިފަހުން ބޭސް ފަރުވާއަށް ބޭރަށް ވަޑައިގަތް ކަމަށާއި، ވަޑައިގަތީ އެލައިޑް އިންޝުއަރެންސްއިން މެންބަރުންނަށް ޚާއްސަކޮށްފައިން އިންޝުއަރެންސް ޕެކޭޖުން ސިޓީއެއް ހޯއްދަވައިގެން ކަމަށެވެ.

"ނަމަވެސް ކަންދިމާވާ ގޮތަކީ އަޅުގަނޑުމެންނަށް ވަކި ޑޮކްޓަރަކަށް މި ދެއްކުނީ އެ ލެޓާއެއް ބޭނުންކޮށްގެން. ދެން އެހެން ޑޮކްޓަރަކަށް މި ދައްކަން ޖެހުނީ އަޅުގަނޑުމެން އަލުން ރީއިމްބާސް ކުރާ ގޮތަށް، އަޅުގަނޑުމެން ހަމަ ސީދާ ޕޭ ކުރަން ޖެހުނު. އެހެންވީމަ އެއީ ހަގީގަތުގައި އެކަން ވެގެންވާނެ ގޮތެއް ނޫން،" ރިޔާޒު ވިދާޅުވިއެވެ.

ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޔާޒު: މެންބަރުންނަށް ޚާއްސަކޮށްފައިވާ ސިއްހީ އިންޝުއަރެންސް ޚިދުމަތް ހޯދުމުގައި ތަކުލީފުތަކެއް ދިމާވާ ކަމަށް ވިދާޅުވެ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި -- ފޮޓޯ/ މަޖިލިސް

މީގެ އިތުރުން އިންޝުއަރެންސްގެ ކަންތައްތައް ހަމަޖައްސައިގެން ބޭރަށް ދާނަމަ، އިތުރު ތަކުލީފެއް އުފުލަން ޖެހިގެން ނުވާނެ ކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.

"އަޅުގަނޑު ގަބޫލުކުރަނީ އެ ހުރިހާ ކަމެއް ވެނިމިގެން ހިނގަން ޖެހޭނީ. އަޅުގަނޑުމެން އަނެއްކާ އަނބުރާ އައިސް އެތައް ބައިވަރު ވަގުތުތަކެއް ހޭދަކޮށް ،ފޯމްތަކާ އެކި ތަންތަނަށް ހުށަހަޅައިގެން މިކަން ކުރީމާ ދެން މިވާގޮތެއް ވެސް އަޅުގަނޑު ދިރާސާކޮށްފިން ބަލައިފިން،" ރިޔާޒު ވިދާޅުވިއެވެ.

"އެއީ އިންޑިއާއަށް އަޅުގަނޑު ކުރި ދަތުރެއްގައި އަޅުގަނޑުގެ އަންހެނުންނާއި އަޅުގަނޑުގެ މެޑިކަލް ހުރިހާ އެއްޗެއް ހުށަހެޅި، ހުށަހެޅީމާ ރިޖެކްޓް ކުރީ. އަޅުގަނޑު އެ ބޭފުޅުންނަށް ވަޓްސްއެޕް ކޮށްލިން އަޅުގަނޑަކީ މެންބަރެކޭ އަޅުގަނޑުމެން މިހެން ހުށަހަޅާ އެއްޗެހި ރިޖެކްޓެއް ތިބޭފުޅުންނަކަށް ނުކުރެވޭނެޔޭ، ކޮށްގެން ނުވާނެޔޭ."

އޭނާ ވިދާޅުވީ މެންބަރުންނަށް އޮންނަ އިނާޔަތްތައް ބަރާބަރަށް ފުރިހަމައަށް ލިބެން ޖެހޭނެ ކަމަށެވެ.

މަޖިލިސް މެންބަރުންނަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 82،500 ރުފިޔާ ލިބެއެވެ. އޭގެ އިތުރަށް، ކޮންމެ މެންބަރަކަށް، އެ މެންބަރެއްގެ އަނބިިންނާއި ފިރިންނާއި 18 އަހަރުން ދަށުގެ ކުދިންނަށް ޚަރަދު ކުރުމަށް ހެލްތު އިންޝުއަރެންސްގެ ގޮތުގައި އަހަރަކު 24،000 ރުފިޔާ ލިބެއެވެ.

އެލައިޑް އިންޝުއަރެންސްއިން ފޯރުކޮށްދޭ އެ ޚިދުމަތަށް ފައިސާ ހަމަޖައްސަނީ މަޖިލީހުގެ ބަޖެޓުން ކަމަށްވާއިރު، އެ އިންޝުއަރެންސްގެ ދަށުން ސާކްއާއި އާސިއާންގެ ގައުމުތަކުން ބޭސްފަރުވާ ލިބޭނެއެވެ.

އެ އިންޝުއަރެންސް ސްކީމްގެ ބޭރުން މެންބަރުން ޚަރަދުކުރަން ޖެހޭނީ އެ ސްކީމްގައި ނުހިމެނޭ ޚަރަދުތަކަށާއި 18 އަހަރުން މަތީގެ ދަރިންގެ ފަރުވާއަށެވެ.

comment ކޮމެންޓް