ދެވަނަ އޭ330 ހޯދަން މޯލްޑިވިއަނުން އިއުލާނުކޮށްފި

މިދިޔަ ޖެނުއަރީ މަހު މޯލްޑިވިއަން އިން ގެނައި އޭ330ގެ މަތިންދާބޯޓު: އެކުންފުނިން ވަނީ އޭގެ ބޯޓެއް ހޯދަން އިއުލާނުކޮށްފައި -- ފޮޓޯ/ މޯލްޑިވިއަން

ދެވަނަ އޭ330ގެ މަތިންދާބޯޓު ހޯދަން މޯލްޑިވިއަނުން މިއަދު އިއުލާނުކޮށްފިއެވެ.

މޯލްޑިވިއަނުން މިއަދު ވަނީ، އާރްއެފްޕީއައިގައި ބަޔާންކޮށްފައި މާއްދާތަކާއި ޝަރުތުތައް ހަމަވާހެން މަތިންދާބޯޓު އޮޕަރޭޓިން ލީސްގެ އުސޫލުން ފަސް އަހަރަށް އޭ330ގެ މަތިންދާބޯޓެއް ފޯރުކޮށްދޭން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލާފައެވެ.

މިގޮތުން، ޕްރޮޕޯސަލް ހުށަހެޅޭނީ އަންނަ ހަފުތާގެ ހުކުރު ދުވަހުގެ 23:59ގެ ނިޔަލަށް ކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

ގައުމީ އެއާލައިނަށް އޭ-330 އެއާކްރާފްޓެއް ފުރަތަމަ ގެނައީ މިދިޔަ ޖެނުއަރީ މަހުގެ ހަވަނަ ދުވަހެވެ. މި އެއާކްރާފްޓުގައި ޗައިނާގެ ބެެއިޖިން، ޝަންގްހާއި އަދި ޗެންގްޑޫއަށް ދަތުރުތައް ކުރެއެވެ. އަދި އޭ-330ގައި ޔޫރަޕަށް ވެސް ދަތުރުތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ ދެވަނަ ބޯޓު ރާއްޖެ ގެނެސް، މި އަހަރުގެ އޮކްޓޫބަރުގެ އުދުހުންތައް ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ވައިޑްބޮޑީ ދެ އެއާކްރާފްޓުގެ ބޭނުންކޮށް، ގައުމީ އެއާލައިނުން ޚިދުމަތް ދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެއާއެކު މޯލްޑިވިއަނުން މިހާރު އަންނަނީ އިތުރު ވައިޑްބޮޑީ އެއާކްރާފްޓެއް ގެނައުމަށް މަސައްކަތްކުރަމުންނެވެ.

ވައިޑްބޮޑީ އެއާކްރާފްޓްތަކުން އެއްފަހަރާ 264 ފަސިންޖަރުންނާއެކު ދުރު މަންޒިލްތަކަށް ސީދާ ދަތުރު ކުރެވޭނެއެވެ.

comment ކޮމެންޓް