ރޯދަވީއްލީ ސިނގިރެޓަކުންތަ؟

ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުން ކުރާ ސިގިރޭޓުތަކެއް: ދުންފަތުގެ ސަބަބުން ރާއްޖޭގައި ދެ ދުވަހުން އެއް ދުވަހު މީހަކު މަރުވޭ ---

އިރުއޮއްސޭ ބަންގިއާ އެކު ސިނގިރެޓެއް ތުނބުގައި ޖަހައިލަން ކެތް މަދުވެފައި ތިބޭ އެތައް ބަޔަކު ނޫޅޭހެއްޔެވެ؟ އެ މީހުން ރޯދަވީއްލަނީ ދުންފަތުންނެވެ. އެ ގޮތް ރަނގަޅުވާނެބާއެވެ؟ ދުންފަތުން ރޯދަވީއްލުން އެއީ ކޮންކަހަލަ، ކިހާވަރެއްގެ ކަމެއްބާއެވެ؟

ރޯދައަކީ ދީނީ އަޅުކަމެކެވެ. އިސްލާމި ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. ﷲއާ ކުއްތަންވާ ކުއްތަންވުމެކެވެ. ރޯދަވެރިޔާއަށް މަނާވެގެން ވަނީ ކެއިންބުއިމާއި ޝަހުވާނީ އެދުން ފުއްދުމެވެ. އެހެންކަމުން މުޅި ދުވަހު ނުކައި، ނުބޮއެ ހުރެފައި، އަދި ތިބާގެ ޙަލާލު އަނބިންނާ ވެސް ގާތްނުވެ ހުރެ، الله سبحانه و تعالىއެންގެވި މަގުން އެ އިލާހަށް އަދާކުރާ އަޅުކަމެއް ފުރިހަމަކޮށް ނިންމާ ވަގުތު ހުއްދަ ނޫން އެއްޗަކުން އެކަން ނިންމާކަށް ނުވާނެއެވެ. ސިނގިރެޓުން ރޯދަވީއްލާކަށް ނުވާނެއެވެ. ދުވާލުގެ ހުރިހާ ވަގުތެއް ހޭދަކުރީ ކިޔަމަންތެރިކަމުގައެވެ. ދެން އޭގެ އެންމެ ފޮނިމީރުކަން ލިބެން އަންނަ ހިނދު ނުކިޔަމަންތެރި ވުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟

ރޯދަވީއްލަނީ ދުވާލުގެ ހައިހޫނުކަން ފިލުވަން އެކަންޏެއް ނޫނެވެ. އަޅުކަމެއް ފުރިހަމައަށް އަދާކޮށް ނިންމުމުގެ ބޭނުމުގައެވެ. ރޯދަވީއްލާ ހިނދު ބަލަންވާނީ މި ކުރެވުނު އަޅުކަމުގެ އެންމެ ފަހު ވަގުތުގައި ވެސް ﷲއާއި އެކަލާނގެ ރަސޫލާ އެންގެވި މަގުން އެކަން ކުރެވޭތޯއެވެ. ރޯދަވީއްލުން ސުންނަތްވެގެންވަނީ ކަދުރުންނެވެ. ކަދުރު ނެތްނަމަ ފެނުންނެވެ. ފެނަކީ ކޮންމެ ތަނަކުން ވެސް ފަސޭހަކަމާ އެކު ލިބެން ހުންނަ އެއްޗެކެވެ. ރޯދަވީއްލާ ވަގުތު ކިޔާން ވަކި ދުޢާއެއް ވެސް ކީރިތި މާތް ނަބިއްޔާ މުޙައްމަދު صَلَّى اللهُ عَلَيْهِ وَسَلَّمَ ވަނީ އުނގަންނައިދެއްވައިފައެވެ.

"ذَهَبَ الظَّمَأُ وَابْتَلَّتْ الْعُرُوقُ وَثَبَتَ الأَجْرُ إِنْ شَاءَ اللَّهُ"

"ކަރުހިއްކުން ފިލައްޖެއެވެ. ނާރުތައް ތެމިއްޖެއެވެ. الله އިރާދަކުރެއްވިއްޔާ އަޖުރު ސާބިތުވެއްޖެއެވެ."

ދުޢާގައި އެ ވަނީ ރޯދަވެރިޔާއަށް ކުރެވޭ އިހުސާސްތަކުގެ ވާހަކައެވެ. ދުނިޔަވީ ގޮތުންނާއި އުޚްރަވީ ގޮތުންނެވެ. ކާނާގެ ގޮތުގައި ކަދުރު އަދި ބުއިމެއްގެ ގޮތުގައި ފެން (ނުވަތަ މި ނޫން ކޮންމެ ކާނާއެއް ވިޔަސް) ބޭނުން ކުރުމުން، ރޯދަވެރިޔާގެ ނާރުތައް ތެމެއެވެ. ލެޔަށް ދިރުން ލިބެއެވެ. އަދި ފެނުގެ ސަބަބުން ކަރުހިއްކުންފިލައެވެ. ގިނައިރުތަކެއް ވަންދެން ކުރެވެމުން ދިޔަ ކަރުހިއްކުމުގެ އިހުސާސް ކެނޑިދެއެވެ. ދުޢާގައި ދެން އެ ވަނީ އޭގެ އެންމެ މުހިއްމު ބައެވެ. އެއީ ރޯދައިގެ އަޖުރާއި، ސަވާބު ލިބި، އެކަން ސާބިތުވެއްޖެ ކަމަށް އުއްމީދުކުރާ ވާހަކައެވެ. ސިނގިރެޓަކުން ނުވަތަ ދުންފަތުގެ ބާވަތްބާވަތުން ރޯދަވީއްލާ މީހާއަށް މި ކަންކަން ހާސިލުވާނީ ކިހާ މިންވަރަކަށް ބާވެއެވެ؟ އޭނާއަށް ސަވާބު ލިބޭނެ ކަމެއް ކަމުގައި ސިނގިރެޓުބުއިން ވާނެބާއެވެ؟ އެއިން ކަރުހިއްކުން ފިލާނެބާއެވެ؟ ނުވަތަ ހިކިފައިވާ ނާރުތަކަށް ތެތްކަން ލިބޭނެބާއެވެ؟

ގިނަ އިރުތަކެއް ވަންދެން ނުކައި ހުރުމުގެ ސަބަބުން އެތެރެހަށީގެ ހިނގުމަށް އައިސްފައި ހުންނަ ބަދަލުތައް ހަމަ މަގަށް އަޅުވަން ބޭނުންވާ އެންޓިއޮކްސިޑެންޓް (antioxidants) ލިބެނީ ކާނާއިންނެވެ. އެއީ ހަށިގަނޑުގައި އުފައްދާ އެއްޗެއް ނޫނެވެ. ތަރުކާރީއާއި މޭވާގައި ހިމެނޭ ވިޓަމިންA އާއ،C އާއި،Eފަދަ މާއްދާތަކުން އުފައްދާ އެއްޗެކެވެ. ރޯދަވީއްލަން ސިނގިރެޓެއް ބުއިމަކުން މި ދެންނެވި އެންޓިއޮކްސިޑެންޓެއް ހަށިގަނޑުގައި އުފައްދައެއް ނުދެއެވެ. ނަތީޖާއަކަށް ވަނީ ހައިހޫނުކަން ނުފިލުމެވެ. ކަރުހިއްކުން އިތުރު ވުމެވެ. އަދި ކާހިތް ވެސް ކެނޑި ދިއުމެވެ.

ދުންފަތުގެ ބޭނުންކުރުމުން ފުއްޕާމޭ ހަލާކުވެއެވެ. އޭގެ ސަބަބުތަކާއި ގޮތްތައް މެޑިކަލް އެކިއެކި ރިޕޯޓުތަކުގައި ބަލަން ބޭނުން ކޮންމެ މީހަކަށް ވަރަށް ފަސޭހައިން ފެންނާން އެބަހުއްޓެވެ. މިފަދަ އެތައް ގެއްލުމެއްގެ މަޗަށް ބިނާކޮށް އިސްލާމްދީނުގެ ގިނަ ޢީލްމުވެރިން ވަނީ، ދުންފަތުގެ އިސްތިއުމާލުކުރުމަކީ ޙަރާމް ކަމެއްގެ ގޮތުގައި ކަނޑައަޅުއްވައިފައެވެ. އެބޭފުޅުންގެ ފަތުވާތައް ބިނާ ކުރައްވަނީ ޞިއްޙީ ދިރާސާތަކުގެ ރިޕޯޓުތަކަށް ވެސް ބައްލަވައިގެންނެވެ. ދުންފަތަކީ މަޑުމަޑުން ލަސް ދުވެއްޔެއްގައި މީހާ މަރައިލާ އެއްޗެއް ކަމަށް ޞިއްޙީ މާހިރުން އިއްތިފާޤު ވެލައްވައެވެ. އެހެންކަމުން ތިމާގެ އަމިއްލަ ނަފުސަށް އަމިއްލަ އަތުން ގެއްލުން ނުދިނުމަށް ﷲއަންގަވައިފައިވާ އެންގެވުމަކީ ދުންފަތާ ދުރަށްދިއުމަށް އޮތް އަމުރެއްގެ ގޮތުގައި އިލްމުވެރިން ދެކެލައްވައެވެ. ﴿وَلَا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ﴾ (سورة البقرة: ١٩٥) މާނައީ: "އަދި ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ ނަފުސުތައް ހަލާކުގެ ތެރެޔަށް އެއްލައިނުލާށެވެ!" ކަންމިހެން އޮތްއިރު، ދުންފަތުން ރޯދަވީއްލުމުގެ ސަބަބުން އޭނާގެ ރޯދަ ފާސިދުވެ، ލިބެން އޮތް ސަވާބު އުނިވެގެން ދިޔުމުގެ އިތުރަށް އޭނާ އެ އަރައިގަންނަނީ ފާފައަކަށް ވެސް މެއެވެ. ނުކިޔަމަންތެރި ވަނީ ﷲގެ އަމުރުފުޅަކަށެވެ. މިއީ ވިސްނާންޖެހޭ މައްސަލައެކެވެ.

ދުންފަތަކީ އިންސާނުންގެ ފުރާނައަށް ނުރައްކާތެރި އެއްޗެއްކަން ދުނިޔޭގެ ޞިއްޙަތާ ބެހޭ ޖަމިއްޔާ ޑަބްލިއު.އެޗް.އޯ.އިން ވެސް ވަނީ ހާމަކޮށްފައެވެ. އޭގެ ނުރައްކުލުން މީސްތަކުންނަށް އިންޒާރުކުރުމަކައިނުލައި ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމަކީ އެ ޖަމިއްޔާއިން ކަނޑައަޅާފައި އޮތް ސަލާމަތީ މިންގަނޑުތަކާ ޚިލާފު ކަމެކެވެ. ދުންފަތް ވިއްކާ ތަންތަނުގައްޔާއި، ދުންފަތް ވިއްކުމަށް ބޭނުންކުރާ އާލާތްތަކުގެ ބޭރުގައި އެއިން ލިބޭގެއްލުން ބަޔާންކުރާ އިންޒާރު އެންމެންނަށް ކިޔަން އެނގޭނެހެން ހަރުކޮށްފައި ބަހައްޓަން ބުނަނީ އެހެންވެއެވެ.

ސިނގިރެޓު ބުއިމުގެ އާދަ އަށަގެންފައިވާ މީހާ، މި ދެންނެވި އެއްވެސް ކަމަކަށް ފަރުވާލެއްނެތި، ރޯދަ ވީއްލަނީ ވެސް ރޯކޮށްލާ ސިނގިރެޓަކުންނެވެ. ނޫނީ ދުންފަތުގެ ކޮންމެ ވެސް ބާވަތަކުންނެވެ. އެފަދަ މީހުން މުޅި ދުވާލު އެއްކޮށް ސިނގިރެޓު ނުބޮއެ ހުރެފައި، އިރު އޮއްސުމުން ސިނގިރެޓު ބޯން ފަށާގޮތަށް މުޅި ރޭ އެއްކޮށް އުޅެނީ އެކަމުގައެވެ. އޭގެ ސަބަބުން، ރޯދަ ހިފުމުގެ އަސްލު މަޤްޞަދު ވެސް ގެއްލިގެންދެއެވެ. ރޯދަ ފަރުޟު ކުރެއްވުމުގެ މަޤްޞަދަކީ ތަޤުވާވެރިވުމެވެ. އެކަން އަންގަވައި ﷲ ވަޙީކުރައްވަނީ ﴿يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ﴾ (سورة البقرة: ١٨٣) މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟުކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށް ވެސް ރޯދަ ފަރުޟުކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން ތަޤުވާވެރި ވުމަށް ޓަކައެވެ."

ރޯދައިގެ ސަބަބުން ކުޑަވެސް ތަޤުވާވެރިކަމެށް އާލާވާ މީހަކަށް ސިނގިރެޓަކުން ރޯދަވިއްލަން ކެރޭނެބާއެވެ؟
ހެނދުނުއްސުރެ އިރުއޮއްސެންދެން ދުންފަތާ ދުރުގައި ހުރެވެންޏާ، ރޭގަނޑުގެ މަދު ވަގުތު ކޮޅެއްގައި އެކަމާ ދުރުގައި ހުރުން މާ ފަސޭހަވާނެ ނޫންތޯއެވެ؟ ރަމަޟާން މަހަކީ ދުންފަތް ހުއްޓައިލަން އޭނާއަށް ލިބޭ ވަރަށް ރަނގަޅު ފުރުޞަތެއް ނޫންތޯއެވެ؟ އެ ކަމުން ސަލާމަތް ވެވޭނީ އީމާންތެރިކަން ތާޒާ ވެސް ކޮށްގެންނޫންހެއްޔެވެ؟ މި ސުވާލުތަކުގެ ޖަވާބަކީ އާނއެކެވެ! އެހެނަސް އެކަން ކުރެވޭނީ ތަޤުވާވެރިކަން އިތުރު ކޮށްގެންނެވެ. ހުރިހާ ކަމެއް ގުޅެނީ އީމާންކަމާއެވެ. ރޯދައިގެ މަޤްޞަދަކީ ވެސް ތަޤުވާވެރި ވުމެވެ. ތަޤުވާވެރިކަން އިތުރުވި މީހާ ރޯދަވީއްލީ ސިނގިރެޓަކުންހެއްޔެވެ؟

comment ކޮމެންޓް