ރޯދައިގެ ލުޣަވީ މާނައަކީ މަނާވެގަތުމެވެ. ކަމަކުން މަނާވެގެން ހުންނަ ކޮންމެ މީހަކީ ރޯދަވެރިއެކެވެ. އޭނާ އެ ހުންނަނީ އެ މަނާވި ކަމަކުން ރޯދަހިފައިގެންނެވެ. މަރިޔަމްގެފާނު މީސްތަކުންނާ ވާހަކަ ދެއްކުމުން މަނާވެގެންނެވިއެވެ. އެ ކަމުގެ ވާހަކަ ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿...فَإِمَّا تَرَيِنَّ مِنَ الْبَشَرِ أَحَدًا فَقُولِي إِنِّي نَذَرْتُ لِلرَّحْمَـٰنِ صَوْمًا فَلَنْ أُكَلِّمَ الْيَوْمَ إِنسِيًّا﴾ ‎(مريم: ٢٦) މާނައީ:- [... ފަހެ، އިންސާނުންކުރެ އެއްވެސް މީހަކު ކަމަނާއަށް ފެނިވަޑައިގެންފި ނަމަ، ވިދާޅުވާށެވެ! ހަމަކަށަވަރުން، ރަޙްމާނުވަންތަ ރަސްކަލާނގެއަށް ޓަކައި، ރޯދައަށް ހުރުމަށް (އެބަހީ: ހަނުހުރުމަށް) އަހުރެން ނަދުރުގެންފީމެވެ. ފަހެ، މިއަދު އަހުރެން އެއްވެސް އިންސާނަކާ ވާހަކައެއް ނުދައްކާހުށީމެވެ.]

އާޔަތުގައި ބަޔާންވެގެން އެ ވަނީ މަރިޔަމްގެފާނުގެ ވާހަކައެވެ. ޢީސާގެފާނުން ރައްކައުވެވަޑައިގެންނެވުމުގެ އާލާސްކަންފުޅައި އެކަމަނާ އިންނަވައި ރަށްބޭރަށް ނުކުމެވަޑައިގެން ވާހަކައެވެ. އެ ދަރިކަލުންނައިގެން އެނބުރި އަވަށަށް ވަޑައިގަތުމުން މީސްތަކުންގެ މަލާމާތާއި ފުރައްސާރަ ލިބިވަޑައިގަންނަވާނޭތީ ކަންބޮޑުވެވަޑައިގެންނެވިއެވެ. އެހެނަސް އެފަދައިން ކަންބޮޑުވެ ވަޑައިނުގަތުމަށާއި އެ ދުވަހުން ބައްދަލުވާ އިންސާނުންނާ ވާހަކަފުޅު ނުދެއްކެވުމަށް ﷲ އެ ވަނީ އެ ކަމަނާއަށް އަންގަވައިފައެވެ. އެކަމަނާއާ ބައްދަލުވި އިންސާނުން ފާޑުފާޑު ވާހަކަދައްކައި އާޑަކިޔުމުން ވެސް އެކަމަނާ ހުންނެވީ ބަސްފުޅު ވިދާޅުވުމުން އަމިއްލަ ނަފުސު މަނާވެގަންނަވައިގެންނެވެ. ވާހަކަފުޅު ދެއްކެވުމުން ރޯދަ ހިއްޕަވައިގެންނެވެ.

އެ ކަމަނާ ހާސްކަން އިތުރުވެ ތުއްޕުޅު ދަރިކަލުންނަށް އިޝާތާރްކުރެއްވިއެވެ. އެބައިމީހުން ބުނަމުންދިޔައީ [ތިޔަ ކުއްޖާފުޅަށް ވާހަކަދެއްކޭނީ ކޮންފަދައަކުންހެއްޔެވެ؟] އެ ކަމަނާގެ ހިތާމަފުޅު ފިލައިދިޔައީ އުރުފުޅުގައި އޮންނެވި ތުއްޕުޅު މާތް ދަރިކަލުން މުޢުޖިޒާތްތެރިކަމެއްގެ ގޮތުން ބަސްފުޅު ވިދާޅުވީމައެވެ. މި ހާދިސާއިން އެނގޭ ގޮތުގައި ރޯދަ ހިފުން އެއީ މަނާވެގަތުމެވެ. ޢަރަބީންގެތެރޭ ބުނެއުޅެއެވެ. سِكِّينٌ صَائِمَةٌ މާނައީ: [ވަޅި ހުރީ ރޯދައަށެވެ.] (އެބަހީ: މި ވަޅިއަކުން އެއްޗެއް ނުކޮށެއެވެ.) ވަޅި އެ އޮތީ ކޮށުމުން މަނާވެފައެވެ.

މި ކަމުން އެނގެނީ ރޯދައިގެ މާނައަކީ މަނާވެގަތުން ކަމެވެ. އިސްލާމްދީނުގެ 4ވަނަ ރުކުނުގެ ގޮތުގައި މާތް ﷲ ކަނޑައަޅުއްވައިފައި އޮތް ރޯދައަކީ ވެސް މަނާވެގަތުންތަކަކާ ގުޅިފައިވާ އެއްޗެކެވެ. އެހެންކަމުން އިސްލާމްދީނުގައި އަޅުކަމުގެ ޝަރުޢީ އިޞްޠިލާހުގައި ރޯދަވެރިންނަކީ ފަޖުރުއްޞާދިޤުގެ އަލިކަން ފާޅުވީއްސުރެ އިރުއޮއްސުމާ ހަމައަށް [އަޅުކަމުގެ ނިޔަތުގައި] ކެއުމުންނާއި ބުއިމުންނާއި ޖިންސީއެދުންވެރިކަން ފުއްދުމުން ދުރުހެލިވެގެން ތިބޭ މީހުންނެވެ. މި ދެންނެވި މުއްދަތުގައި މިއިން ކަމެއް ކޮށްފި މީހާ އެއީ ރޯދަވެރިއެއް ނޫނެވެ. އެ ކަންކަމަކީ ރޯދަގެއްލޭ ކަންކަމެވެ.

ރޯދަވެރިޔާ އެއީ އަދަބު އަޚުލާޤުގެ ވަރަށް މަތީ ނަމޫނާއެއްގެ ވެރިއެކެވެ. އޭނާގެ ކިބައިގައި ހުރުން ކޮންމެހެން ލާޒިމު ރިވެތި ސިފަތަކެއް ވެއެވެ. ކީރިތި ޤުރުއާނުގައްޔާއި ނަބަވީ އިރުޝާދުގައި އެ ސިފަތައް ވަނީ ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވައިފައެވެ. އޭގެތެރެއިން އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ސިފައަކީ ތަޤުވާވެރިކަމެވެ. އެކަމަކަށް ޓަކައި ރޯދަ ފަރުޟުކުރެއްވެވި މުރާދަކީ ވެސް އީމާންތެރިކަމުގެ އަހުލުވެރިން ތަޤުވާވެރިވުމެވެ. އެކަން ބަޔާންކުރައްވައި މާތް ﷲވަޙީކުރެއްވިއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ‏﴾ ‎(البقرة: ١٨٣). މާނައީ:- [އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟުކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށް ވެސް ރޯދަ ފަރުޟުކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން ތަޤުވާވެރިވުމަށް ޓަކައެވެ.] ރޯދަވެރިންނަކީ އެބައިމީހުންގެ ރޯދައިގެ ސަބަބުން ތަޤުވާވެރިވެ އެކަން އިތުރުވާ މީހުންނެވެ.
ރޯދަވެރިންނަކީ އިޚްލާޞްތެރިކަމުގެ އެންމެ މަތީ ދަރަޖައިގެ އަހުލުވެރިންނެވެ.

އޭނާގެ އަމިއްލަ ނަފުސަށް ސިއްރާއި ފާޅުގައި އިޚުލާޞްތެރިކަމަށް ނަސޭހަތްތެރިވެ ވަޞިއްޔަތް ކުރާބައެކެވެ. އަދި ޢަމަލީގޮތުން އެކަން ތަންފީޒު ވެސް ކުރާބައެއް ކަމުގައި ރޯދަވެރިން ވެއެވެ. އެބައިމީހުންގެ ގޮހޮރާ ކާތަކެއްޗާ ދެމެދު އޮތީ ހަމަ އެ މީހާގެ އަމިއްލަ އަތާއި އަނގައެކެވެ. އެހެން މީހުންނަށް ނުފެންނަ ތަނުގައި ކައިބޮއެހެދުމާއި ރޯދަގެއްލޭ ކަންކަން ކުރުމަކީ އެއްވެސް އުނދަގުލަކައިނުލާ އޭނާއަށް ކުރެވިދާނެ ކަންކަމެވެ. އަދި ކައިބޮއެހެދުމަށް ފަހު އެހެންމީހުން ކުރިމައްޗަށް ނުކުމެ ރޯދަވެރިއެއް ކަމަށް ހެދިގެން ހުއްޓަސް އޭނާ ސިއްރުން ކޭކެއުން ނުވަތަ ކުރި ރޯދަގެއްލޭ ޢަމަލު ދަންނާނޭ ހަމަ އެކަކު ވެސް ނުހުންނާނެއެވެ. އެހެންކަމުން ރޯދަވެރިޔާއަކީ އޭނާގެ އަމިއްލަ ނަފުސަށް ވަރަށް ބޮޑަށް އިޚުލާޞްތެރި ތެދުވެރިއެކެވެ.

ރޯދަވެރިން މަނާވެގެންތިބޭ މަނާވެގަތުން ޔަޤީންކަށަވަރުކޮށް އެނގެނީ ހަމައެކަނި އޭނާއަށެވެ. ދެން އެ ކަން ދެނެވޮޑިގެންވަނީ ގަދަކީރިވަންތަ އަރަހުށި މާތް ﷲއެވެ. އެ ކަމުގައި އިންސާނާގެ އިޚުލާޞްތެރިކަން ދެނެވޮޑިގެންވާ ހަމައެކަނި ފަރާތަކީ ﷲ تعالى އެވެ. މި ސަބަބަށް ޓަކައި ރޯދައަށް އަޖުރު ދެއްވުން އެކަލާނގެ ވަނީ އެކަލާނގެ ޒާތުފުޅަށް ޚާއްޞަކުރައްވައިފައެވެ. ޤުދްޞިއްޔަ ޙަދީޘެއްގެ މާނައިގައި ވެއެވެ. [ޖަލާލުވަންތަ ޢިއްޒަތްވަންތަ ﷲ ވަޙީކުރެއްވިއެވެ. އާދަމުގެދަރިޔާގެ ކޮންމެ ޢަމަލެއް ވަނީ އޭނާއަށެވެ. ރޯދަފިޔަވައެވެ. އެ ރޯދަ ވަނީ ތިމަން އިލާހަށެވެ. އަދި އެއަށް އަޖުރުދެއްވާނީ ވެސް ހަމައެކަނި ތިމަންއިލާހެވެ.] މިއީ ރޯދައިގެ އަޅުކަމަށް އެކަނި އޮތް މަތިވެރި ޝަރަފެކެވެ. ރޯދަހިފާ މީހާގެ އިޚްލާޞްތެރިކަން ބަޔާންވާ އަލިގަދަ ހެއްކެކެވެ. މި ކަމުން އެނގެނީ ރޯދަވެރީންގެ އިޚުލާސްތެރިކަމަށް ޓަކައި އޭނާއަށް ލިބެން އޮތް އަޖުރަކީ އެއްވެސް އެހެން މީހަކަށް އަންދާޒް ކުރެވޭ ވަރަށްވުރެ ވެސް ބޮޑު އަޖުރެއްކަމެވެ.

އެހެންކަމުން އިޚްލާޞްތެރި ހެޔޮ ނިޔަތުގައި މި ރަމަޟާންމަހުގެ ހުރިހާ ރޯދައެއް ހިފުމަށް ނިޔަތްގަންނަމާ ހިނގާށެވެ! ރަމަޟާން މަސް ނިމޭއިރު އީމާންކަން ތާޒާކޮށް ތަޤުވާވެރިކަން އިތުރު ކުރަމާހިނގާށެވެ! ހެޔޮ ކޮންމެ ޢަމަލެއް ކުރުމަށް އަވަސްވެގަންނާށެވެ! ނުބައި ކޮންމެ ޢަމަލަކުން ދުރުހެލިވެ ރައްކައުތެރިވާށެވެ! ޙާޤީޤީ ރޯދަވެރިންކަމުގައި ވުމަށް ތިޔަ ކިޔުންތެރިންނަށާއި އަޅުގަނޑުގެ އަމިއްލަ ނަފުސައް ވެސް ނަސޭހަތްތެރިވަމެވެ.

comment ކޮމެންޓް