ޤުރުއާނަށް އަހުލުވެރިވުމަށް ކުރަންވީ ހަ ކަމެއް

ރޯދައާއި އަޅުކަން: އެހެން މަސްމަހާ ހިލާފަށް ރަމަޟާން މަހު އަޅުކަމުގައި ހޭދަ ކުރާ މީހުންގެ އަދަދު ގިނަކަން ވަނީ ފާހަގަ ކުރެވިފަ، އަދި އަޅުކަމުގައި ހޭދަކުރާ ވަގުތު އިތުރުވެ، ނަމާދު ގަޑިތަކުގައި މިސްކިތްތައް ފުރޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރަމަޟާންމަހަކީ ކީރިތި ޤުރުއާނުގެ މައްސަރެވެ. ޤުރުއާން ބާވައިލެއްވުނީ ރަމަޟާންމަހުގައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ﴾ ‎(البقرة: ١٨٥)‏ މާނައީ: "ރަމަޟާންމަހަކީ، އެ މަހެއްގައި ޤުރުއާން ބާވައިލެއްވި މަހެވެ." އަދި ހަމަ އެހެންމެ އެ ޤުރުއާން ބާވައިލެއްވުނީ ކޮން މަޤްޞަދެއް ހާސިލުކުރަންކަން ވެސް ވަނީ ބަޔާންކުރައްވައިފައެވެ.

އެންގެވީ ﴿هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ﴾ ‎(البقرة: ١٨٥)‏ މާނައީ: "(އެ ޤުރުއާންބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި ހިދާޔަތާއި ޙައްޤާއި ބާޠިލު ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ." އެހެންކަމުން ޤުރުއާނާ އަހުލުވެރިވާންވީ ކޮން މަޤުޞަދެއްގައި ކިހާވަރަކަށް ކަން ވެސް މި އޮތީ އެނގޭށެވެ. ދެން އޮތީ އެކަން ހާސިލުކުރުމަށް ކުރާންވީ ކަންތައްތަކެއް ދެނެގަތުމެވެ. މި ރަމަޟާންމަހު މި ކަމަށް ޓަކައި ކުރާނެ ބައެއް ކަންކަން ތިރީގައި ހިމަނައިލާނަމެވެ.

1- ކީރިތި ޤުރުއާން ޚަތިމުކުރުން

ރަމަޟާންމަސް ނިމުމުގެ ކުރިން ކީރިތި ޤުރުއާން ކިޔަވައި ޚަތިމުކުރަން ނިޔަތްގަންނާށެވެ! މިއީ މާ އުނދަގޫ ކަމެއް ނޫނެވެ. ޤުރުއާން އެކުލެވިފައި އޮންނަނީ 30 ފޮތުގެ މައްޗަށެވެ. ކޮންމެ ފޮތެއްގައި ގާތްގަނޑަކަށް 20 ޞަފުޙާއެވެ. އެހެންކަމުން ދުވާލަކު ފޮތެއް ކިޔަވައިފިއްޔާ 30 ދުވަހުން 30 ފޮތް ކިޔެވޭނެ ނޫންހެއްޔެވެ؟ ކޮންމެ ދުވަހަކު ފޮތެއް ކިޔެވޭނީ ދުވާލަކު 20 ޞަފުޙާ ކިޔަވައިގެން ކަމަށް ވާތީ އެ ވެސް މުޅި ދުވަހަށް ބަހައިލަން ވީއެވެ. ފަރުޟު ފަސް ނަމާދުގެ ވަގުތުގައި ޤުރުއާން ކިޔަވާނީއެވެ. ކޮންމެ ވަގުތެއްގައި 4 ޞަފުޙާ ކިޔެވުމުން އޮންނާނީ ދުވާލަކު ފޮތެއް ކިޔެވިފައެވެ. އިތުރަށް ވަގުތުކޮޅެއް ލިބުނިއްޔާ ދެތިން ގަނޑު އިތުރުކޮށްލާށެވެ! އޭރުން 30 ދުވަހަށްވުރެ ކުރިން ވެސް އަމާޒަށް ވާސިލުވެވިދާނެއެވެ.

2- ޤުރުއާން ކިޔަވަން ނުފަރިތަ ނަމަ އަޑުއަހައިގެން ޚަތިމުކުރުން

ކީރިތި ޤުރުއާން ކިޔެވުމާކީ ހިތްތަކަށް ހިތްހަމަޖެހުން ގެނުވާ ކަމެކެވެ. އަދި ހަމަ އެހެންމެ ޤުރުއާނުގެ އަޑަކީ ވެސް ރޫޙާނީ ހިތްގައިމުކަމެއް ގެނުވާ މިޔުޒިކެކެވެ. މިއަދު އެތައް ބައިވަރު ޤާރީވެރިންނެއްގެ ކިޔެވުން މީސްމީޑިޔާގެ މަންސަތަކުގައި ލިބެން އެބަހުއްޓެވެ. އޭގެތެރެއިން ތިބާއަށް އެންމެ ކަމުދާ ޤާރީއެއްގެ ކިޔެވުން ޚިޔާރުކޮށް ކޮންމެ ދުވަހަކު މުސްޙަފު ބަލަމުން އޭނާގެ ކިޔެވުން އަޑުއަހައިގެން ކޮންމެ ނަމާދު ވަގުތެއްގައި 4 ޞަފުޙާ ހަމަކުރާށެވެ. އޭރުން ދުވާލަކު އެއް ފޮތް އަޑުއެހޭނެއެވެ. މުޅި ރަމަޟާންމަސް ނިމެންވާއިރަށް ޤާރީއާ އެކު ޚަތިމުކުރެވޭނެއެވެ. މީގެ ސަބަބުން ޤުރުއާނަށް ތިބާގެ ހިތުގައި އޮތް ލޯބި މިހާރަށްވުރެ ބޮޑަށް އިތުރުކުރެވޭނެއެވެ.

3- ބަލައިގެން ކޮންމެސް މިންވަރެއް ޤުރުއާނުން ކިޔެވުން.

ޤުރުއާން ކިޔަވަން ފަރިތަ ނުވުމަކީ މައްސަލައެއް ނޫނެވެ. ކިޔަވަން އެނގޭ ކުރު ސޫރަތްތައް މަދު މިންވަރަކަށް ނަމަވެސް ކިޔެވޭތޯ މަސައްކަތްކޮށްލަން މި މޫސުމަކީ ވަރަށް ރަނގަޅު ފުރުސަތެކެވެ. ކުރާނެ ކަމަކީ ކޮންމެ ދުވަހަކު އެންމެ ފަސޭހަ، އެންމެ ކުރު ސޫރަތް މުޞްޙަފުން ބަލައިގެން ކިޔަވާނީއެވެ. ތަކުރާރުކޮށް ދެތިން ފަހަރު ކިޔަވާލާށެވެ. އެކަމަކު ސަމާލުވާންވީ ކަމަކީ ކޮންމެ އަކުރަކާއި ކޮންމެ ފިއްޔަކަށް ވެސް ބަލައިގެން ކިޔެވުމަށެވެ. އެއްވެސް އަކުރެއް ނުވަތަ ފިއްޔެއް ތިބާގެ ލޮލަށް ނުފެނި ދުލުން ކިޔަނުދޭށެވެ. އިސާހިތަކު ބަލައިގެން ކިޔުމުގެ ހުނަރު އާލާ ވެދާނެއެވެ. ދެވަނަ ދުވަހު އެހެން ސޫރަތެއް ކިޔާށެވެ. އަދި ކިޔެވުން ތަރައްޤީވާ ވަރަކުން ސޫރަތް އިތުރު ކުރަމުން ގެންދާށެވެ. ފަރިތަވަންދެން އެއް ސޫރަތެއް ތަކުރާރުކޮށް ކިޔުމަކީ ކިޔެވުން ރަނގަޅުކުރެވޭނެ ކަމެކެވެ. ދެތިން ޤާރީއެއްގެ ކިޔެވުން އަޑުއަހައިގެން ވެސް ތިބާގެ ކިޔެވުން ތަރައްޤީ ކުރެވިދާނެއެވެ. އަދި ކިޔެވެނީ ރަނގަޅަށް ތޯ ބެލުމަށް އެހެން މީހަކަށް އަޑު އިއްވާށެވެ. ތިބާގެ ދަރިޔަކަށް ކިޔައިދިފިއްޔާ އެ ކުދިން ވެސް މި ކަމަށް ލޯބި ޖެހިދާނެއެވެ. އަދި ދަރިންނާ އޮންނަ ގުޅުން ވެސް އިހުނަށްވުރެ ރަނގަޅު ކުރެވިދާނެއެވެ.

4- ޤުރުއާނުގެ މާނަ ބެލުން،

ރަމަޟާންމަހު ޤުރުއާން ކިޔަވަން އާދަވެފައި ހުރި މީހެއްނަމަ އަދި ދެލިގަނޑަށް ވެސް ފަރިތަވެފައި، ފަސޭހައިން ކިޔެވޭ މީހެއް ނަމަ، ރޯދަމަސް ނިމެންވާއިރަށް ވަރަށް ފަސޭހައިން ޚަތިމެއް ކުރެވޭނެއެވެ. އެފަދަ މީހުން ދެން ވަގުތުކޮޅެއް ހޯދައިގެން ބަލާންވީ ޤުރުއާނުގެ ތަރުޖަމާއިން ކޮންމެވެސް މިންވަރެއް ބަލައިލެވޭތޯއެވެ. ތިމާއަށް ފަސޭހައިން ދޭހަވާ ބަހަކުން އޮތް ތަރުޖަމާއަކުން މާނަ ބަލާށެވެ! ތަރުޖާމާ ކިޔުމުގައި ބަލަންވީ ދިގުކޮށް ނުވަތަ ގިނައިން ކިޔޭތޯއެއް ނޫނެވެ. 5ވަރަކަށް 10ވަރަކަށް އާޔަތް ކިޔައި ރަނގަޅަށް ވިނައިގަންނާން ވީއެވެ. އޭގައި ބުނާ އެއްޗެއް ފަހުމުވޭތޯ އެއާމެދު ވިސްނަންވީއެވެ. އެއީ ޤުރުއާނަށް ތަދައްބުރުކުރުމެވެ. ކީރިތި ޤުރުއާން އެކަމަކަށް ޓަކައި ބާވައިލެއްވުނު މަޤްޞަދު ޙާޞިލުވާނީ އޭރުންނެވެ. ﷲގެ ކަލާމްފުޅު ފަހުމުވާނީ އޭރުންނެވެ. އެ ފޮތުގައި އެއިލާހު އެންގެވި މަގުން ހިނގާން އެނގޭނީ އޭރުންނެވެ. ވިސްނުމަށް ގެންނަން އުންދަގޫވާ ކަންކަމާއި ވާހަކަ ހުރިނަމަ، އޭގެ ޚަބަރު ދީނީ ޢީލްމުވެރިއެއްގެ ގާތުން އަހައި އޮޅުންފިލުވާށެވެ.

5- ކީރިތި ޤުރުއާނުގެ ތަފްސީރުކިޔަން ފެށުން

ޤުރުއާން ކިޔަވާށާއި ޤުރުއާނުގެ މާނަ ކިޔަން އާދަވެފައި ހުރިނަމަ، ދެން ފިޔަވަޅު އަޅަންވީ ހަރުފަތަކީ ތަފްސީރު ފޮތްތަކާ އަހުލުވެރިވުމުގެ މަސައްކަތްކުރުމުގެ ހަރުފަތެވެ. އިހުގެ ޢިލްމުވެރީންނާއި ފަހުގެ ޢިލްމުވެރީން ވެސް އެ ގެންދަވަނީ ޤުރުއާނުގެ ތަފްސީރު ލިޔުއްވަމުންނެވެ. ތަފްސީރުގައި އާޔަތްތަކުގެ ތަފްޞީލު މާނަ އެކުލެވިގެން ވެއެވެ. ޤުރުއާނުގެ އެއްއާޔަތަށް ބާރުލިބޭ އެހެން އާޔަތްތަކާއި އެ އާޔަތްތަކުން ނެރެވޭ ޙުކުމްތައް ގުޅިގެން އައިސްފައި ހުންނަ ގޮތްގޮތް ދަސްވެއެވެ. ޤުރުއާނުގެ އާޔަތަކަށް އެހެން އާޔަތަކުން ބާރުދޭނޭ ވާހަކަ ފެންނާންނެތިއްޔާ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ އަރިހުން ޞައްޙަމަގުން ރިވާވެފައި ހުރި ޙަދީޘްތަކުން އެ އާޔަތެއް ތަފްސީރުކުރައްވާފައި ހުއްޓާ ފެންނާނެއެވެ. ކީރިތި ޤުރުއާނުގެ ތަފްސީރު ކިޔަން ފެށުމުން އީމާންކަން އިތުރުވެދާނެއެވެ. ޢިލްމީ ޙަޤީޤަތްތަކަށް ލޯހުޅުވޭނެއެވެ. ފިޤްހީ މައްސަލަތައް ފަހުމުވާން ފަސޭހަވެއެވެ. ޖުމްލަގޮތެއްގައި އެ މީހެއްގެ ދީންވެރިކަން އިތުރުވެ ﷲއާ ކުއްތަންވެވޭނެއޭ ބުނުމަކީ އެންމެ ރަނގަޅު ބުނުމެކެވެ.

6- ކީރިތި ޤުރުއާން އުނގަންނައިދޭން ފެށުން

އެންމެ ހެޔޮ މީހަކީ ކީރިތި ޤުރުއާން އުނގެނި އެ ޤުރުއާން އެހަންމީހުންނަށް އުނގަންނައިދޭ މީހާއެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَޙަދީޘްކުރެއްވިއެވެ. «خَيْرُكُمْ مَن تَعَلَّمَ القُرْآنَ وعَلَّمَهُ» (صحيح البخاري) މާނައީ: "ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ ޤުރުއާން އުނގެނި އެ ޤުރުއާން އުނގަންނައިދޭ މީހާއެވެ." އެހެންކަމުން ތިބާއަށް ޤުރުއާން ފަސޭހައިން ކިޔެވިފައި، އޭގެ މާނައާއި ތަފްސީރު އެނގިފައި ހުރުމަކުން އަދި ނުފުދެއެވެ. ތިބާއަށް އެނގޭ އެއްޗެއް އެހެން މީހުންނަށް ވެސް ކިޔައިދޭން ވާނެއެވެ. އެކަން ލައްވައިފައި ވަނީ އެންމެ ހެޔޮ މީހުންގެ ސިފައެއްގެ ގޮތުގައެވެ. އެފަދަ މީހާއަށް މި ރަމަޟާންމަހު ކުރާން އޮތް ވަރަށް ރަނގަޅު އެއް ކަމަކީ އޭނާއަށް އެނގިފައި އޮތް އެއްޗެއް އެހެން މީހަކަށް އަންގައިދިނުމެވެ. އެއީ އަމިއްލަ ދަރިން ކަމުގައި ވިޔަސް އެންމެ ރަނގަޅެވެ. ނޫނީ އަނބިމީހާ ނުވަތަ އެއްބަނޑު ތިމާގެ މީހުންގެ ތެރެއިން މީހަކަށް ވިޔަސް އެންމެ ރަނގަޅެވެ. ރައްޓެހިން ނުވަތަ ނުދަންނަ މީހުން ވެސް އެއީ ތިބަގެ ޢީލްމުން ފޯރުކޮށްދޭން ހަމަ އެންމެ ރަނގަޅު މީހުންނެވެ. ތިބާއަށް އެނގޭ އެއްޗެއް އުނގަންނައި ދިނުމަކީ ތިބާއަށް ޢިލްމުގެތެރޭ ހުރުމަށް އޮތް އެންމެ ބޮޑު ހިތްވަރެވެ. ޤުރުއާނާ އަހުލުވެރި ވެވޭނޭ އެންމެ ބޮޑު އެއް މަގަކީ ވެސް މިއީއެވެ.
އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީ ވެސް މި ބަޔާންވެ ދިޔަ ކޮންމެވެސް އެއް ބާވަތުގެ މީހުންގެ ތެރޭގައި ހިމެނޭނޭ މީހެކެވެ.

މި ރަމަޟާންމަސް ފެށިގެން އަންނަހިނދު ޤުރުއާނަށް އަހުލުވެރިވުމަށް ކުރަންވީ ކަންކަން ބަލައި ދަސްކޮށް އެ ކަމަށް ފަށައިގަންނަމާ ހިނގާށެވެ! އެކަމުގެ ތައުފީޤު މާތް ﷲގެ ޙަޟުރަތުން އެދޭށެވެ!

comment ކޮމެންޓް