މިފްކޯގެ ސީއީއޯ އަދި އެމްޑީކަމަށް ކުރީގެ ވައިސް ޗީފް ފަރުހަތު

މިފްކޯގެ ސީއީއޯ އަދި އެމްޑީގެ މަގާމަށް ވަނީ ފަރުހަތު ޝަހީރު އައްޔަންކޮށްފައި --

ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމަށް ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް، ފަރުހަތު ޝަހީރު އައްޔަންކޮށްފިއެވެ.

މިފްކޯގެ ސީއީއޯގެ މަގާމަށް މީގެ ތިން މަސް ކުރިން އައްޔަންކުރި ޑރ. ވިޓާލީ ލިއުބިމޮވް އެ މަގާމުން ވަކިކުރީ މިދިޔަ ހޯމައިގައިއެވެ. އެ ކަމާ ގުޅޭ އިތުރު ތަފުސީލެއް ނުދެއެވެ.

ސަރުކާރު ކުންފުނިތަކުގެ ބެލެނިވެރި ފަރާތް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދު ބުނީ، މިފްކޯގެ ސީއީއޯ އަދި އެމްޑީގެ މަގާމަށް މއ. އަޅިވިލާގޭ ފަރުޙަތު ޝަހީރު އައްޔަންކޮށްފައިވާ ކަމަށެވެ.

ފަރުހަތަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ސިފައިންގޭގެ ވައިސް ޗީފެވެ. އޭނާ ސިފައިންގެ ޚިދުމަތުން ރިޓަޔާ ކުރެއްވީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި، 29 ފެބްރުއަރީ 2012ގައެވެ.

ސިފައިންގެއިން ރިޓަޔާވުމަށްފަހު ފަރުހަތު ދެން ފެނުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައިޖީއެމްއެޗުގެ ސީއީއޯގެ މަގާމުންނެވެ.

މި ސަރުކާރުގައި، އެމްޓީސީސީފަދަ ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިންގެ ގޮތުގައި ސިފައިންގެ ނުވަތަ ފުލުސް ވަޒީފާއިން ރިޓަޔާވެފައިވާ ގިނަ ބޭފުޅުންތަކެއް އެބަ ތިއްބެވިއެވެ.

އެންމެ ފަހުން މަގާމުން ވަކިކުރި މިފްކޯގެ ސީއީއޯ ޑރ. ލިއުބިމޮވް މީގެ ތިންމަސް ކުރިން އައްޔަން ކުރީ، އެ ކުންފުންޏަށް ބޭރުގެ ސީއީއޯއަކު ހޯދަން ސަރުކާރުން ބޭނުންވުމުންނެވެ.

ސީއީއޯގެ މަގާމާ ހަވާލުވުމަށް ފަހު ލިއުބިމޮވް ވަނީ، މިފްކޯއަށް ސިޔާސީ ނުފޫޒު ފޯރުވަން ފުރުސަތު ނުދެއްވާނެ ކަމަށާއި، އެ ފަދަ ނުފޫޒެއް ފޯރުވަން މަސައްކަތް ކުރާ ބަޔެއްގެ ނަން އާންމުކޮށް ހާމަކުރާނެ ކަމުގެ އިންޒާރު ވެސް ދެއްވައިފައެވެ.

މިފްކޯއަކީ ފައިދާނުވެ، ގެއްލުމުގައި ހިންގާތާ ދިގު މުއްދަތެއް ވެފައިވާ ކުންފުންޏެއް ކަމަށްވާއިރު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މިފްކޯގެ ތެރޭގައި އޮތް ކޮރަޕްޝަން މުލުން ލުހެލާނެ ކަމަށް ވިދާޅުވެފައެވެ. އެ ކުންފުނީގެ ސީއީއޯކަމަށް ބޭރު ބޭފުޅެއް އައްޔަންކުރެއްވީ ވެސް އެ ސަބަބަށް ޓަކައި ކަމަށް ރައީސް އޭރު ވިދާޅުވިއެވެ.

comment ކޮމެންޓް