ހުޅުމާލޭގެ ބިމުގެ މިއަދުގެ އަގަކީ 20 އަހަރުގެ އިންވެސްޓްމަންޓް، ރަސްމާލެއަށް އެ އަގު ޖެހުމަކީ ބޮޑު ގޯހެއް: މުއްތަލިބު

ރަސްމާލޭގައި މިހާރު ހިއްކައި ނިންމައި އޮތް ބޮޑު ސަރަހައްދު -- ފޮޓޯ: އެމްއޭސީއެލް

ހުޅުމާލޭގެ ބިމަށް މިއަދު އޮތް އަގަކީ ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި ދައުލަތުން ކުރި ބޮޑެތި އިންވެސްޓްމަންޓްތަކުގެ ނަތީޖާ ކަމަށާއި، އަދި ކިރިޔާ ހިއްކަމުންދާ ރަސްމާލޭގެ ބިމަށް އެ އަގު ޖަހައިގެން ހިސާބު ހެދުމަކީ އިގްތިސާދީ ގޮތުން ހެދޭ ބޮޑު ގޯހެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރަސްމާލެ ތަރައްގީކުރުމަށް އީގަލް ހިލްސް ކުންފުންޏާ އެކު ސަރުކާރުން ހަދާފައިވާ ޕާޓްނާޝިޕްގެ ދަށުން ދޭ 500 ހެކްޓަރުގެ ބިމުގެ އަގަކީ 24 ބިލިއަން ޑޮލަރު (ގާތްގަނޑަކަށް 370 ބިލިއަން ރުފިޔާ) ކަމަށް ބުނެ ނޫހެއްގައި ޝާއިއުކޮށްފައިވާ ރިޕޯޓަކަށް ރައްދު ދެއްވައި، ލިންކެޑިންގައި ލިޔުއްވި ލިޔުމެއްގައެވެ.

މިނިސްޓަރު މުއްތަލިބު ވިދާޅުވީ، އެ ރިޕޯޓުގައި ބުނާ 24 ބިލިއަން ޑޮލަރަކީ ހުޅުމާލޭގެ ބިމުގެ އަގު މިހާރު ހުރި އެވްރެޖް ނިސްބަތް ކަމަށްވާ އަކަފޫޓަކަށް 7،500 ރުފިޔާގެ މަގުން ރަސްމާލޭގެ މުޅި 500 ހެކްޓަރަށް ޖަހައިގެން ނެރެފައިވާ އަދަދެއް ކަމަށެވެ. ނަމަވެސް އެއީ ބިމުގެ އަގު ކަނޑައެޅުމުގައި ބޭނުންކުރެވޭނެ އެއްވެސް އިގްތިސާދީ ހަމައެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ހުޅުމާލެ 1997 ގައި ހިއްކަން ފެށިއިރު އަކަފޫޓެއްގެ އަގަކީ 7،500 ރުފިޔާއެއް ނޫން. އެތަނުގައި ފުރަތަމަ 1،000 މީހުން އާބާދުވީ 2004 ވަނަ އަހަރު. އަދި އާބާދީ 50،000 އަށް އެރީ 2018 ގައި ސިނަމާލެ ބުރިޖު ހުޅުވުމާ އެކު،" ބުރިޖު އެޅުމުގެ މަޝްރޫއު ހިންގެވިއިރު ޑެޕިއުޓީ މިނިސްޓަރަކަށް ވެސް ހުންނެވި މުއްތަލިބު ވިދާޅުވިއެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ހުޅުމާލެއަށް މިއަދު އެ އަގު ލިބިފައިވަނީ 20 އަހަރުގެ ދިގު މުއްދަތަކަށް ދައުލަތުގެ ބަޖެޓުން މަގުތަކާއި، ފެނާއި ނަރުދަމާއާއި، ސްކޫލްތަކާއި ސިއްހީ ޚިދުމަތްތައް އަދި ވެރިރަށް މާލެއާ ގުޅާލަދިން ބުރިޖު ފަދަ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް ކުރި ބޮޑެތި ޚަރަދުތަކުގެ ސަބަބުންނެވެ.

ޚިދުމަތެއް، އިގްތިސާދީ ހަރަކާތެއް އަދި ބުރިޖެއް ވެސް ނެތް ރަސްމާލެއާ އަޅައިކިޔަން އެންމެ އިންސާފުވެރި މިންގަނޑަކީ އެ ސަރަހައްދުގައި އޮތް، އަކަފޫޓެއް ގާތްގަނޑަކަށް 1،750 ރުފިޔާއަށް ވިއްކާ ތިލަފުށީގެ އަގު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި މިހާރު ހިއްކައި ނިންމައި އޮތް ބޮޑު ސަރަހައްދު -- ފޮޓޯ: އެމްއޭސީއެލް

މީގެއިތުރުން، ސިޓީއެއް ތަރައްގީކުރާއިރު މުޅި ބިމަކީ ވިއްކޭނެ ބިން ނޫންކަން ފާހަގަކުރައްވައި ޑރ. މުއްތަލިބު ވިދާޅުވީ، ހުޅުމާލެ ފަދައިން ރަސްމާލޭގެ 500 ހެކްޓަރުން ވެސް ވިއްކޭނީ ބޯހިޔާވަހިކަމާއި، ވިޔަފާރިއާއި ސިނާއީ ބޭނުންތަކަށް ޚާއްސަކުރެވޭ ގާތްގަނޑަކަށް 48 ޕަސެންޓް (239 ހެކްޓަރު) ކަމަށެވެ. އަދި އެ ބިންތައް ވިއްކުމުގެ ކުރިން އަސާސީ ޚިދުމަތްތައް ގާއިމުކުރުމަށް ދައުލަތުން ކުރީބައިގައި އެއް ބިލިއަން ޑޮލަރު (ގާތްގަނޑަކަށް 15.4 ބިލިއަން ރުފިޔާ) ޚަރަދުކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"ގުޅިފަޅަށް ބޭނުންވާ 400 މިލިއަން ޑޮލަރުގެ ފައިނޭންސް ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިއިރު، މާލެއާ އެއްވެސް ގުޅުމެއް ނެތް ރަސްމާލެއަށް އެއް ބިލިއަން ޑޮލަރު ދައުލަތުން ހޯދާނީ ކިހިނެއް؟" މިނިސްޓަރު ސުވާލު އުފެއްދެވިއެވެ.

ދައުލަތުން އަމިއްލައަށް އެ ބިން ތަރައްގީކޮށްގެން މިއަދުގެ އަގުގައި ވިއްކި ނަމަވެސް، ޚިދުމަތްތަކުގެ ޚަރަދު ކެނޑުމުން ސާފު ފައިދާގެ ގޮތުގައި ލިބޭނީ ގާތްގަނޑަކަށް 1.5 ބިލިއަން ޑޮލަރު ކަމަށާއި، ނަމަވެސް އީގަލް ހިލްސްއާ އެކު ހެދި ޕާޓްނާޝިޕުން ދައުލަތަށް ލިބޭ ފައިދާ މާ ބޮޑު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން:

  • ޑިވެލޮޕަރުގެ އާމްދަނީގެ 10 ޕަސެންޓްގެ ގޮތުގައި ދައުލަތަށް 3.1 ބިލިއަން ޑޮލަރު ލިބޭނެ
  • ކޮންމެ ޕްރޮޕަޓީއެއް ވިއްކާ ކޮންމެ ފަހަރަކު ހަތަރު ޕަސެންޓްގެ ޓްރާންސްފާ ފީއެއް ލިބޭނެ (ގާތްގަނޑަކަށް 1.24 ބިލިއަން ޑޮލަރު).
    ރަސްމާލެއިން އެއްވެސް އާމްދަނީއެއް ލިބުމުގެ ކުރިން، ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އެޅުމުގެ ޚަރަދު ޑިވެލޮޕަރު ހަމަޖައްސައިދޭނެ.

މިނިސްޓަރު ވިދާޅުވީ، ރަސްމާލޭގެ ބިން އެއްވެސް ބަޔަކަށް މިލްކުކޮށް ނުވިއްކާ ކަމަށާއި، ދޫކުރަނީ 99 އަހަރުގެ ލީސްއަށް ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ރާއްޖެއަށް 22 ބިލިއަން ޑޮލަރުގެ ބޭރުގެ އިންވެސްޓްމަންޓް ވަދެ، 60،000 އަށްވުރެ ގިނަ ވަޒީފާ އުފެދޭނެ ކަމަށް އިވަލިއުސާވްގެ ދިރާސާތަކުން ދައްކާފައިވާކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް