ފަލަސްތީނުގެ ވާހަކަ ކިޔައިދޭ ފިލްމެއް އޮސްކާ ހޯދައިފި

ފަލަސްތީނުގައި ހިނގަމުންދާ ކަންތައްތައް ކިޔައިދޭ ޑޮކިއުމެންޓްރީ ފިލްމެއް އޮސްކާ އެވޯޑު ހަފުލާގައި ބޮޑު އެވޯޑެއް ހޯދައިފިއެވެ.

ދާދިފަހުން ނިމިގެން ދިޔަ އޮސްކާ އެވޯޑުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ފަލަސްތީނުގެ މިނިވަން ކަމަށް ގޮވާލި ވާހަކައެވެ.

މިއަހަރުގެ އޮސްކާގައި އެންމެ މޮޅު ޑޮކިއުމެންޓްރީ ފިލްމުގެ އެވޯޑު ހޯދާފައިވަނީ "ނޯ އަދާ ލޭންޑް" ކިޔާ ފިލްމެކެވެ. މިއީ ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުގެ ފަރާތުން ލިބެމުންދާ އަނިޔާތަކުގެ ވާހަކަތައް ކިޔައިދޭ ފިލްމެކެވެ.

މި ފިލްމަށް އެވޯޑު ހަވާލު ކުރުމަށް އަރައި ހުރީ ހޮލީވުޑްގެ ބޮޑު ތަރިއެއް ކަމަށްވާ ސެލީނާ ގޮމޭޒް އެވެ. މުޅި ވަގުތު ފިލްމުގެ ޓީމަށް ސެލީނާ ތަރުހީބު ދެމުން ދިޔައިރު ފިލްމު އުފެއްދި ޓީމުން ސްޓޭޖުގައި ދެއްކީ ވަރުގަދަ ވާހަކަތަކެކެވެ.

މި ފިލްމަކީ ފަލަސްތީނުގެ ނޫސްވެރިއެއް ކަމަށްވާ ބާސެލް އަދުރާ އާއި އިސްރާއީލަށް ނިސްބަތްވާ ނޫސްވެރިޔެއް ކަމަށްވާ ޔުވާލް އަބްރަހަމްގެ އިތުރުން ފިލްމް މޭކަރު ހަމްދާން ބައްލާލް އަދި ރޭޗެލް ސޯރު ޑައިރެކްޓް ކޮށްފައިވާ ޑޮކިއުމެންޓްރީއެކެވެ.

މި ޑޮކިއުމެންޓްރީއަށް އެވޯޑު ލިބުމާއެކު ޓީމު އެއްކޮށް ސްޓޭޖަށް އަރައި ފަލަސްތީނުގެ ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ފަލަސްތީނުގެ ރައްޔިތުން ދުނިޔެމަތިން "ފޮހެލަން" މަސައްކަތް ކުރަމުން އަންނަ ކަމަށް އަދުރާ ބުންޏެވެ. އަދި އެއާއެކު ފަލަސްތީނުގެ މިނިވަން ކަމާއި ރައްކާތެރިކަމަށް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުން މަސައްކަތް ކުރުމަށް އެދި އޭނާ ގޮވާލާފައިވެއެވެ.

މި ވާހަކަތަކަކީ އޮސްކާ ފަދަ އިވެންޓެއްގައި ބޮޑެތި ވާހަކަތަކެކެވެ. އެއީ އޮސްކާ އިވެންޓަކީ ހޮލީވުޑްގެ އެންމެ ބޮޑެތި ޑައިރެކްޓަރުންނާއި ޕްރޮޑަކްޝަން ކުންފުނީގެ އިސްވެރިން ބައިވެރިވާ އިވެންޓަކަށް ވާތީއެވެ. އަދި މަތީ މަގާމުތަކުގެ މި މީހުންނަނީ ގިނައިން އިސްރާއީލަށް ސަޕޯޓު ކުރާ ބަޔަކަށް ވާތީ މި ޑައިރެކްޓަރުން ދެއްކި ވާހަކަތައް އިތުރަށް މުހިއްމު ވެގެން ދެއެވެ.

ނޯ އަދާ ލޭންޑް އަކީ އިސްރާއިލުގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތައް ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމުގެ ޝޫޓިން ފަށާފައިވަނީ 2019 ވަނަ އަހަރުގައެވެ. އަދި އެއާއެކު އޮކްޓޯބަރު ހަތެއްގެ ހާދިސާތަކުގެ ކުރީންވެސް ލިބެމުންދިޔަ އެތައް އަނިޔާތަކެއް މި ފިލްމުގައި ކިޔައިދެއެވެ. މި ފިލްމުގެ ޝޫޓިން ނިންމާލާފައިވަނީ 2023 ވަނަ އަހަރުގެ ފަހުކޮޅުގައެވެ.

comment ކޮމެންޓް