ގިނަ ބައެއްގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޒުވާން އެކްޓްރެސް މިލީ ބޮބީ ބްރައުންގެ ސިފަ އާއި ހުންނަ ގޮތާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ގިނަ ވާހަކަތަކެއް ދައްކާތީ އެ ވާހަކަތައް ދެއްކުން ހުއްޓާލުމަށް އޭނާ ގޮވާލައިފިއެވެ.
ނެޓްފްލިކްސްގެ އެންމެ ބޮޑު ޝޯ ކަމަށްވާ "ސްޓްރޭންޖާ ތިންގްސް"ގެ ލީޑު ކަމަށްވާ މިލީ ވަނީ މީޑިއާގެ ހުތްއައްޔަށް އެންމެ އުމުރުން 13 އަހަރުގައި އަރާފައެވެ. ކުޑަ އުމުރުން ފެށިގެން މިލީ ހުންނަ ގޮތާއި އޭނާގެ ހަށިގަނޑާ ގުޅޭގޮތުން މީޑިއާގައި އެތައް ވާހަކަތަކެއް ދައްކަމުން ދިޔައެވެ.
އުމުރުން 21 އަހަރުގެ މިލީއަށް ރައްދުވަމުން ދިޔަ ފާޑުކިޔުންތަކާއި ފުރައްސާރަތައް ވަނީ އޭނާއަށް 18 އަހަރު ވުމާ އެކު އިތުރަށް ބޮޑު ވެފައެވެ. މި ފާޑު ކިޔުންތައް މިލީއަށް އަޑުއިވިފައިވާ ކަމަށް އޭނާ ދާދި ފަހުން ވަނީ ހާމަކޮށްފައެވެ.
ދާދިފަހުން ސޯޝަލް މީޑިއާއަށް އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ނޫސްވެރިންގެ ފަރާތުން މިލީއަށް ރައްދުވެއިވާ ފާޑުކިޔުންތަކަކީ އޭނާއަށް ހަޖަމު ކުރަން ފަސޭހަ ވާހަކަތަކެއް ނޫން ކަމަށެވެ.
ބޮޑެތި ނޫސްވެރިން ޒުވާން އަންހެނުންގެ ހަށިގަނޑާއި ސިފައާ ގުޅޭގޮތުން ވާހަކަ ދައްކަމުން ދާ ގޮތަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން ކަމަށްވެސް އޭނާ ބުންޏެވެ. މިލީގެ އިތުރުންވެސް އެހެން އަންހެނުންގެ ސިފައާ ގުޅޭގޮތުން ނޫސްވެރިންތައް ދައްކަމުންދާ ވާހަކަތައް އޭނާ ވަނީ ކުށްވެރި ކޮށްފައެވެ.
މި ވާހަކަތައް މިލީ ހާމަކޮށްފައިވަނީ މި ފަހުގެ ތާރީހެއްގައި އޭނާ ދިޔަ އިވެންޓެއްގެ ފޮޓޯއާއެކު ނޫސްވެރިޔަކު އާންމުކޮށްފައިވާ ހަބަރަކާ ގުޅިގެންނެވެ. އެ ހަބަރުގައި ނޫސްވެރިޔަކު ވަނީ މިލީގެ ސިފައަށް ފާޑު ކިޔާފައެވެ. އަދި ޒުވާނެއްގެ ބަދަލުގައި މިލީ ވައްތަރީ މިހާރު މީހެއްގެ މަންމައާ ކަމަށްވެސް އެ ހަބަރުގައި ބުނެފައިވެއެވެ. އެކަމާ ގުޅިގެން މިލީ ބުނެފައިވަނީ މީހުން ހުންނަ ގޮތުގެ ވާހަކަ ދެއްކުމަކީ މިހާރު ބާވެ ހުއްޓާލަން ޖެހިފައިވާ ވާހަކައެއް ކަމަށެވެ.