ގިނަ ބައެއްގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޒުވާން އެކްޓްރެސް މިލީ ބޮބީ ބްރައުންގެ ސިފަ އާއި އޭނާ ހުންނަ ގޮތަށް ފާޑުކިޔައި ވާހަކަތައް ދެއްކި ނޫސްވެރިޔާ، މިލީގެ ގާތުން މައާފަށް އެދިއްޖެއެވެ.
މިލީގެ ސިފައަށް ފާޑު ކިޔައި ސޯޝަލް މީޑިއާގައި އެކި ވާހަކަތައް ދައްކަމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް މި ފަހަކަށް އައިސް ބައެއް ނޫސްވެރިން ވަނީ އޭނާގެ ސިފަ އާ ގުޅޭގޮތުން ފާޑު ކިޔާފައެވެ. މިކަމާ ގުޅިގެން އެންމެފަހުން މިލީ ވަނީ ރައްދުތަކެއް ވެސް ދީފައެވެ.
މިލީގެ ރައްދުތަކާ ގުޅިގެން ބައެއް ފާޑުކިޔުންތައް އަމާޒުވެފައިވާ އިނގިރޭސިވިލާތުގެ ނޫސްވެރިޔާ، މެޓް ލޫކަސް ވަނީ މިލީގެ ފަރާތުން މައާފަށް އެދިފައެވެ.
ލޫކަސް ބުނެފައިވާ ގޮތުގައި އޭނާ ދެއްކި ވާހަކަތަކަކީ އެއްވެސް ގޮތެއްގައި މިލީ ދެރަކުރުމުގެ ގޮތުން ދައްކާފައިވާ ވާހަކަތަކެއް ނޫނެވެ. އެކަމުން މިލީއަށް އެއްވެސް އަސަރެއް ކުރާނެކަން އެނގޭ ނަމަ އެފަދަ ވާހަކަތަކެއް ނުދައްކާނެ ކަމަށް ވެސް ލޫކަސް ބުންޏެވެ.
އޭނާ އެ އިޝާރާތް ކުރާ ވާހަކައަކީ މިލީ ބަލާ ބެލުމަށް އޭނާގެ އުމުރަށް ވުރެ ދޮށީ ކަމަށް ފެންނަ ކަމަށް މީގެ ކުރިން ބުނި ވާހަކައެވެ. އޭނާ ބުނެފައި ވަނީ މިލީ މިހާރު ވައްތަރީ މީހެއްގެ މަންމާއާ ކަމަށެވެ.
ނެޓްފްލިކްސްގެ އެންމެ ބޮޑު ޝޯ ކަމަށްވާ "ސްޓްރޭންޖާ ތިންގްސް"ގެ ލީޑުން ފެންނަ މިލީ ވަނީ އުމުރުން އެންމެ 13 އަހަރުގައި މީިއާގެ ސަމާލުކަން ހޯދާފައެވެ. ކުޑައިރުން ފެށިގެން މިލީ ހުންނަ ގޮތާއި އޭނާގެ ހަށިގަނޑާ ގުޅޭގޮތުން މީޑިއާގައި އެތައް ވާހަކަތަކެއް ދައްކަމުން ދިޔައެވެ.
އުމުރުން 21 އަހަރުގެ މިލީއަށް ރައްދުވަމުން ދިޔަ ފާޑުކިޔުންތަކާއި ފުރައްސާރަތައް ވަނީ އޭނާއަށް 18 އަހަރު ވުމާ އެކު އިތުރަށް ގިނަ ވެފައެވެ.