ވިއްސާރަވުމުން، ރޯދަމަހުގެ ފުރަތަމަ ދުވަހު ކަރަންޓު ބޭނުންކުރިވަރު 78 މެގަވޮޓަށް ދަށަށް

ވިއްސާރަވުމާއެކު މުލަ ރޯދަދުވަހު މާލެއާ ހުޅުމާލޭގައި ކަރަންޓު ބޭނުންކުރި މިންވަރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި -- ސަން ފޮޓޯ

މާލެއާއި ހުޅުމާލޭގައި އާންމުކޮށް އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ ގަޑިތަކުގައި، ރަމަޟާންމަހުގެ ފުރަތަމަ ދުވަހު ކަރަންޓު ބޭނުންކުރިވަރު 78 މެގަވޮޓަށް ދަށްވެފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައިވަނީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ ވިއްސާރަ ދުވަހަކަށްވުމުންނާއި، ސްކޫލްތަކާއި އޮފީސްތައް ބަންދުވުމާ ގުޅިގެން ކަރަންޓު ބޭނުންކުރިވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ.

ރަމަޟާންމަހުގެ ކުރިން މާލެއާއި ހުޅުމާލޭގައި ޕީކް ގަޑިތަކުގައި އެވަރެޖުކޮށް ކަރަންޓު ބޭނުންކުރާ މިންވަރު 100 މެގަވޮޓަށްވުރެ އިތުރުވީ ނަމަވެސް، މުލަރޯދަ ދުވަހުގެ އެންމެ ޕީކް ގަޑީގައި ވެސް ކަރަންޓު ބޭނުންކުރި ނިސްބަތް ހުރީ 78 މެގަވޮޓުގައި ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ރަމަޟާންމަހުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ ގަޑިއަކީ ހަވީރު 16:00އިން ރޭގަނޑު 18:00އަށެވެ.

ސްޓެލްކޯއިން އާންމުކުރި ޗާޓުން ދައްކާ ގޮތުގައި މުލަރޯދަ ދުވަހު އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވަނީ އެ ދުވަހުގެ 16:00ގައެވެ. އެ ގަޑީގައި މާލެއާއި ހުޅުމާލޭގައި އެވަރެޖުކޮށް ބޭނުންކޮށްފައިވަނީ 78 މެގަވޮޓުގެ ކަރަންޓެވެ.

އިއްޔެއާއި ރޭ ވެސް މާލެއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވެފައިވެއެވެ. އޭގެ މާލެ އާންމު ހާލަތަށް ގެނެވިފައިވަނީ ފެންބޮޑުވެފައިވާ ސަރަހައްދުތަކުން 16،911 ޓަނުގެ ފެން ހިންދި ފަހުން ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

https://sun.mv/203222

ރަމަޟާންމަހާ ދިމާކޮށް މާލެ ސަރަހައްދުގައި އިތުރު 17 މެގަވޯޓުގެ ކަރަންޓު އުފެއްދޭ 12 ޖެންސެޓު ބެހެއްޓުމުގެ މަސައްކަތް ފަށާފައިވާކަން މީގެ ހަފުތާއެއް ކުރިން ސްޓެލްކޯއިން ބުނެފައިވެއެވެ.

އަދި މާލޭގައި ދެމުންދާ ކަރަންޓުގެ ޚިދުމަތް އަޕްގްރޭޑު ކުރުމަށް ޓަކައި މިހާރު ހުޅުމާލޭގައި އާ އިންޖީނު ގެޔެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.

ރަމަޟާންމަހު ކަރަންޓު ބިލާއި ފެން ބިލު ބޮޑުވުމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެ ވަޑައިގެންފައެވެ. އެގޮތުން މިދިޔަ އަހަރު ރޯދަމަހާ އެއްގޮތަށް މި އަހަރުގެ ރޯދަމަހު ވެސް ކަރަންޓާއި ފެން ބިލުން ވެސް 10 ޕަސެންޓު ޑިސްކައުންޓް ދިނުމަށް ރައީސްވަނީ ނިންމަވައިފައެވެ.

comment ކޮމެންޓް