16،911 ޓަނުގެ ފެން ހިންދުމަށްފަހު، ފެން ހިންދުން މެދުކަނޑާލައިފި

އާންމު ހާލަތަށް ގެނެވުމުން ފެން ހިންދުން ވަގުތީ ގޮތުން މެދުކަނޑާލައިފި -- ފޮޓޯ/ އެމްއެންޑީއެފް

މާލޭ ސިޓީގެ ފެންބޮޑުވެފައިވާ ސަރަހައްދުތަކުން 16،911 ޓަނުގެ ފެން ހިންދުމަށްފަހު، އާންމު ހާލަތަށް ގެނެވުމާއެކު، އެމްއެންޑީއެފްއިން ފެން ހިންދުމުގެ މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

އެމްއެންޑީއެފުން ވަނީ އާންމު ހާލަތަށް ގެނެވުމުން ފެން ހިންދުމުގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލައިފައިވާ ކަމަށް މިއަދު ހެނދުނު ބުނެފައެވެ.

މިއަދު ކޮށްފައިވާ ޕޯސްޓެއްގައި އެމްއެންޑީއެފްއިން ބުނީ އިއްޔެއާއި ރޭ ކުރިއަށްގެންދެވުނު ފެން ހިންދުމުގެ އޮޕަރޭޝަނުގައި 16،911 ޓަނުގެ ފެން ހިންދާފައި ވާކަމަށެވެ.

ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެންހިންދުމުގައާއި، ވެލި ބަސްތާ ޖެހުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސިފައިން ފެށީގެ އިއްޔެގެ އިރު އޮއްސުނު ވަގުތެވެ.

އެގޮތުން ސިފައިން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި މާލޭގެ 131 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައި ވާއިރު 976 ވެލި ބަސްތާ ވަނީ ޖަހައިދީފައެވެ. އެ އޮޕަރޭޝަންގައި ކ. ހުރާ، ކ. ގުރައިދޫ، ކ. ހިންމަފުށި، ކ. ތުލުސްދޫގެ އިތުރުން ކ. މާފުށި އަދި އދ. މާމިގިލީގައި ވެސް ފެން ހިންދުމުގައި ސިފައިން ވަނީ ހަރަކާތްތެރި ވެފައެވެ.

ސިފައިން ކުރިއަށްގެންދިޔަ އެ އޮޕަރޭޝަނުގެ މަސައްކަތް ބައްލަވައިލެއްވުމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީ ވަނީ މާލެ ސިޓީގެ ބައެއް ސަރަހައްދުތަކަށް ޒިޔާރަތް ކުރައްވައިފައެވެ.

ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީ އޮޕަރޭޝަނުގެ މަސައްކަތް ބައްލަވަނީ -- ފޮޓޯ/ އެމްއެންޑީއެފް

މެޓް އޮފީހުން ބުނީ މިހާރު ރާއްޖެއަށް ކުރަމުން މިދަނީ އިރުމަތީގައި އުފެދުނު ސާކިއުލާއެއްގެ ސަބަބުން ކުރާ ވިއްސާރައެއް ކަމަށެވެ. އަދި އެ ސާކިއުލާ މިހާރު އުޅެނީ ހުޅަނގުގެ ހިސާބުތަކުގައި ކަމަށާއި ރާއްޖޭގެ ހުޅަނގުގެ ހިސާބުތަކަށް މާދަމާ ވެސް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެެވޭ ކަމަށެވެ.

އަދި މި ވިއްސާރަ އަންނަ އަންގާރަ ދުވަހަށް އަލިވާނެ ކަމަށް މެޓް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.

comment ކޮމެންޓް