އެސްޓީއޯއިން ލޮނުމެދު ބާޒާރަށް ނެރެފި، ކިލޯއެއް 45 ރުފިޔާއަށް

މީހަކު ލޮނުމެދު ބަސްތާއެއް ހިފައިގެން: އެސްޓީއޯއިން ލޮނުމެދު ބާޒާރަށް ނެރެފި، ކިލޯއެއް 45 ރުފިޔާއަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެސްޓީއޯއިން ބާޒާރަށް ލޮނުމެދު ނެރެ، ވިއްކަން ފަށައިފިއެވެ.

އެގޮތުން، އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިން ލޮނުމެދު ކިލޯއެއް 45 ރުފިޔާއަށް ވިއްކާއިރު، ބާޒާރުގައި ކިލޯއެއް ލިބެން ހުރީ 90 ރުފިޔާއާ 120 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.

ރޯދަ މަހު އާންމުންނަށް އަސާސީ ކާބޯތަކެތި ފޯރުކޮށްދިނުމަށް އެސްޓީއޯއިން އަންނަނީ އެތަކެތި ހެޔޮ އަގުގައި ބާޒާރަށް ނެރެމުންނެވެ. އޭގެތެރޭގައި، ފިޔާ، ބިސް، އަލުވި، ލުނބޯގެ އިތުރަށް ކާށި ހިމެނެއެވެ.

އެތަކެތީގެ އަގުތައް އެސްޓީއޯއިން ކަނޑައަޅަނީ ބާޒާރުގެ އަގުތަކަށް ރިއާޔަތްކުރުމަށް ފަހުގައެވެ. އޭގެން ބައެއް ތަކެއްޗަށް މިފަހަރު ގެނެސްފައިވާ ބަދަލުތަކަކީ:

  • ފިޔާ: ބަސްތާއެއް 335 ރުފިޔާއަށް ވިއްކާއިރު، ވަކިން ކިލޯއެއް 14 ރުފިޔާއަށް
  • ބިސް: ކޭހެއް 350 ރުފިޔާއަށް އަދި، ވަކިން ދެ ރުފިޔާއަށް ބިހެއް
  • އަލުވި: ކިލޯއެއް 25 ރުފިޔާއަށް، ބަސްތާއެއް 515 ރުފިޔާއަށް

ޕީޕަލް ޗޮއިސްގެ އިތުރުން، އެސްޓީއޯ ހުޅުމާލެ ހޮޓެލް ސަރަހައްދާއި ހޯލްސޭލް ސައިޓުން ވެސް އެތަކެތި ގަންނަން ލިބޭނެ ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.

އެސްޓީއޯއިން އަންނަނީ އިތުރު އަސާސީ ބާވަތްތައް އެތެރެކުރަން ތައްޔާރުވަމުންނެވެ.

އާންމުކޮށް ރޯދަމަހާ ދިމާކޮށް، ބާޒާރުގެ ތަކެތީގެ އަގުތައް އުފުލުނު ނަމަވެސް، ތަކެތީގެ އަގުތައް ހިފެހެއްޓިފައި ހުރި ކަމަށް މިއަދު ދަތުރުވެރިންގެ މާރުކޭޓުން 'ސަން'އާ ވާހަކަދެއްކި ބައެއް ވިޔަފާރިވެރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް