އަނެއްކާ ވެސް ވެރިރަށް މާލޭގެ މަލަމަތި ބަދަލުވެއްޖެއެވެ. ނަމަވެސް މާލެއަށް ލަފައިފުރާ ދަތުރުވެރިންގެ އެންމެ ތަކުލީފަކަށް ވެސް އައި ހެޔޮ ބަދަލެއް ނެތެވެ.
މާލޭގެ މޭޔަރުކަމުގައި ހުންނެވުމަށްފަހު، ރާއްޖޭގެ ވެރިކަމާ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހަވާލުވެވަޑައިގެން، އެންމެ ފުރަތަމަ ވެސް މާލޭގައި ފެއްޓެވި އެންމެ ބޮޑު އެއް ކަމަކީ ރަސްމީ ފާލަން މުޅީން ބަދަލުކޮށްލުމެވެ. އޭރު ރަސްމީ ފާލަން އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިއްޒުއްދީން ފާލަމުގެ ނަމުން ނަންދީ، ރިޔާ ނެގި ދޯންޏެއްގެ ބައްޓަމަށް ބަދަލުކޮށްފައެވެ. މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ގެނައި އެ ބަދަލާއެކު ނުވަވަރަކަށް އަހަރު މި ޑިޒައިނަށް ފާލަން އޮތް ނަމަވެސް، އެކަށީގެންވާ ގޮތަށް މަރާމާތުތައް ނުކުރެވި ފަހުން އެ ތަނުން ފެނުނީ ދަބަރާއި ހަޑިއެވެ.
ވެރީން ދަތުރުފުޅުތަކަށް ބޭނުންކުރައްވާ ރަސްމީ ފާލަމުގައި އެ ފަދަ ހަޑިކަމެއް ހުރުމަކީ އެއްގޮތަކަށް ވެސް ފެނިގެންވާނެ ސިފައެއް ނޫނެވެ. އެހެންވެ މިދިޔަ އަހަރުގެ މެއި މަހުގެ 12ވަނަ ދުވަހު 11.7 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއް އިއުލާނުކޮށް މަސައްކަތް ފެށީ މުޅި މަންޒަރު ބަދަލުކޮށްލުމަށެވެ.
މިއަދު އެ މަންޒަރު ބަދަލުވެއްޖެއެވެ. ރަސްމީ ފާލަން ދޮށުގައި ހުއްޓި ހުރުމުން، އެންމެ ދަބަރުކޮޅެއް ވެސް ނުފެނެއެވެ. ވެރީންގެ ލޯންޗުތަކަށް ގާތްކުރެވޭނެހާ ތަނަވަސް ޖާގައާއި، ވާރެއާއި އަވިން ނިވާވެވޭނެ ފުރާޅަކާއެކު ފާލަން މި އޮތީ 300 އެއްހައި ދުވަހުން ނިންމައިލައިފައެވެ.
އެކަމަކު އެ ފާލަން ދޮށުގައި ފުރަން ގޮސް ތިބި އެންމެ އާންމު ރައްޔިތަކަށް ވީ އެންމެ ފައިދާއެއް ވެސް ނުފެނުނެވެ. ރަސްމީ ފާލަމާ ޖެހިގެން، ލޯންޗުތައް ބަރިބަރިއަށް އަތުރައިލައިފައި އޮތްއިރު ތޮށިގަނޑު މަތީ ހިރިލާނެ ޖާގައެއް ވެސް ނެތެވެ. ކުޑަކުޑަ ކުދީން އެއް އަތުން ކިހިލި ޖަހައިލައިގެން، އަނެއް އަތުން ދަބަސް އަޅުވައިލައިގެން އަންހެނުންތަކެއް ތިބިއިރު، އުމުރުން ދުވަސްވީ މީހަކު އަސާގަނޑުގެ ވަރުގައި ފައިބުޑަށް ދަބަސް ތިރިކޮށްލައިގެން ހުއްޓެވެ.
ވެހެމުން އައި ތުނި ވާރޭގެ ތެރެއަށް ލޯންޗަކުން ބަޔަކު މާލެ ފައިބަމުން ދިޔައިރު، އެއް ލޯންޗުން އަނެއް ލޯންޗުން ފުންމަމުން ދުވަސްވީ ދެ މީހަކު ދިޔައެވެ.

އުމުރުން ދުވަސްވީ ދެ މީހަކު އެއް ލޯންޗުން އަނެއް ލޯންޗަށް އަރަމުން ދަތި ހާލުގައި މާލެ އަރަނީ -- ފޮޓޯ/ ހަލި ނިއުސް، ނާދު
މިއީ ވެރިރަށް މާލޭގެ އުތުރުން، ޖެޓީ ދޮށުން ފެނުނު މަންޒަރެވެ. ދަތުރުވެރިން އުޅެން ޖެހޭ މި ހާލަކީ އިއްޔެއަކު މިއަދަކު ކުއްލިއަކަށް އުޅެންޖެހުނު ގޮތެއް ނޫނެވެ. މިއީ މިކަމުގެ ޝަކުވާއާއި، ކަންބޮޑުވުމުގެ އަޑު އިއްވި ނަމަވެސް އެއްވެސް މޭޔަރަކަށް، ނުވަތަ ސަރުކާރަކަށް ހައްލު ނުކޮށް އޮތް ބޮޑު ތަކުލީފެކެެވެ.
އާންމު ރައްޔިތު މީހާގެ އޮތީ އެންމެ ސުވާލެކެވެ. އެއީ ރައްޔިތަކަށް ލުއިވާނެހެން މާލޭގައި ލަފައިފުރާނެ ޖެޓީތައް ތަރައްގީ ނުކުރެވޭނެތޯއެވެ.
"ބަލަ އަހަރުމެންނަށް ކީއް، ހެޔޮ ތި ތަން ހުޅުވިޔަސް ނުހުޅުވިއަސް. އަނެއްކާ ތި ފާލަން ހުޅުވަންވީ ހަވާއެރުވުމާއެކު ބޮޑު ހަފްލާ ބާއްވައިގެން. އެ ކަމަށް ވެސް އޮންނާނެ ބަޖެޓު. އެކަމަކު މި ތަންކޮޅު މަރާމާތުކޮށްލައި، ހިޔާކޮށްލާނެ ފައިސާއެއް ނުހުންނާނެ. އޭރަށް އިގްތިޞާދީ ކާރިސާއެއްގެ ތެރޭ ގައުމު އޮންނާނީ،" ކ. ދިއްފުޓަށް ފުރަން ގޮސް ހުރި މީހަކާ ސުވާލުކޮށްލުމުން އޭނާ ބުންޏެވެ.
ރައްޔިތުން އުޅޭ ދަތި ހާލުގެ ޝަކުވާ ކޮށްކޮށް ތިއްބާ އިއްޒަތްތެރިންގެ ފާލަން މިހާ ފެންވަރު ރަނގަޅުކޮށް ނިންމައިލުމަކީ ވެސް އެ ރައްޔިތުންނާމެދު ވެރީން ވިސްނާ މިންވަރާމެދު ސުވާލު އުފެދޭ ކަމެއްކަމަށް ބައެއް މީހުން ދެކެއެވެ.
"ވެރިންގެ ފާލަން ތިންވަނަ ބުރަށް ހަދާއިރު، ޖެހިގެން އޮތް އާންމު ރައްޔިތުންގެ ޖެޓީގައި އެތައް ސަތޭކަ ރައްޔިތުން ތިބޭ ދަތި ހާލު ހަމަ ނުފެނޭ؟،" ސޯޝަލް މީޑިއާގައި މުޙައްމަދު ވަހީދު ނަމަކަށް ކިޔާ މީހަކު ލިޔެފައިވެއެވެ.
ތަކުރާރުކޮށް މި ވާހަކަ އާންމުން އަންނަނީ ދައްކަމުންނެވެ. ނަމަވެސް މިހާތަނަށް ވެސް ރަސްމީ އެއްވެސް އިދާރާއެއްގެ ފަރާތުން އަމަލީ ގޮތުން އަޅައިފައިވާ ފިޔަވަޅެއް، ކޮށްފައިވާ މަސައްކަތެއް ފެންނާކަށް ނެތެވެ.
މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމަށް ވެސް މި މަންޒަރުތައް ފެނިވަޑައިގެން، ޝަކުވާތައް އަޑުއިވިވަޑައިގެންފައި އެބައޮތެވެ. އެހެންވެ އާޒިމް ވަނީ މާލެއަށް ލަފައިފުރާ މީހުންނަށް ފަސޭހަވާނެހެން ޖެޓީތައް ތަރައްގީކުރާނެ ކަމަށް ވިދާޅުވެފައެވެ. ނަަމަވެސް އެ ކަން ކުރައްވާނެ ތާރީޚަކާއި، ނިންމާނެ ތާރީޚަކާއި ޕްލޭނެއް ވިދާޅުނުވެވެއެވެ. ބަސްފުޅެއް ވިދާޅުވުމަކުން އަދި ތަކުލީފުތަކަަކަށް ނިމުމެއް އައިސްފައެއް ނެތެވެ.
މާލޭގައި ހުރި މިފަދަ އިޖްތިމާއީ މައްސަލަތަކާއެކު، ރައްޔިތުން އުފުލާ ތަކުލީފަށް ހައްލު ގެނައުމުގެ މަސައްކަތް ގިނަ ފަހަރު ފެށެން މެދުވެރިވަނީ ސަރުކާރުގެ އިސްވެރިންނަށް އެ މަންޒަރުތައް ފެނުމުންނެވެ. މި ކަން އެންމެ ރަނގަޅަށް ހާމަވަނީ، ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި، މިހާރުގެ ރައީސް މުއިއްޒު، ހައުސިން މިނިސްޓަރުކަމުގައި ހުންނަވައިގެން ތަރައްގީކުރެއްވި ރަސްފަންނުގެ މިއަދުގެ ހާލަތު އެ މަނިކުފާނަށް އިހަކަށްދުވަހު ފެނިވަޑައިގަތުމެެވެ. ހަމަ އެއާއެކު، އެ ތަނުގެ ހާލާމެދު ހިތާމަކުރައްވާކަމަށާއި، އެ ތަން މަރާމާތުކޮށްދެއްވާނެކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓާއެކު، ދެތިން ދުވަސް ތެރޭ ފެނުނީ ކޮންސްޓްރަކްޝަން މިނިސްޓްރީން އެ ތަނުގެ މަރާމާތުގެ މަސައްކަތް ފެށި ތަނެވެ.
މާލޭގެ ޖެޓީތަކުން ލަފައިފުރާ ގިނަ އާންމުން ވެސް މިއަދު އިންތިޒާރުކޮށްގެން ތިބީ އެ ދުވަހަށެވެ. ވެރިންނަށް ރައްޔިތުން އުޅެންޖެހޭ ދަތި ހާލު ސާފުކޮށް ފެނިވަޑައިގެން، ވަގުތުން ވަގުތަށް މި ކަން ހައްލުކުރައްވަން އަމަލީ މަސައްކަތް ފަށަން އަންގަވައިދެއްވާނެކަމުގެ އުންމީދުގައެވެ.
"އެ ނޫން ގޮތެއް ނެތް ކަންނޭނގެ. އަހަރުމެން ސޯޝަލް މީޑިއާގައި ވެސް އެބަ ލިޔަން. މި ވާހަކަ އެބަ ދައްކަން. އެ ކަމު ނުފެންނާނެތާ. ވެރިއަކު މިހެން ވަޑައިގަންނަވާ ވަގުތަކު އަޅުގަނޑުމެން މި އުޅޭ ހާލު ފެނުމުން ބަދަލެއް ފެންނާނެކަމަށް ދެން އުންމީދަކީ،" ޒުވާނަކު ބުންޏެވެ.