ރަސްމީ ފާލަމަކީ ވަރަށް ގިނަ ޓޫރިސްޓު ރިޒޯޓުތަކުން ފީ ދައްކައިގެން ދައުލަަތަށް އާމްދަނީ ލިބޭ ގޮތަށް ބޭނުންކުރާ ތަނަކަށްވީއިރު، އެ ތަން ރަނގަޅު ފެންވަރަކަށް ހެދުމަކީ މުހިންމު ކަމެއް ކަމަށް އިންފްރާސްޓްރަކްޗަ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
ގައުމުގެ މާލީ ހާލަތު މިހާރު އޮތް ގޮތުން، ރަސްމީ ފާލަން ހެދުމަށް ހޭދަތަކެއް ކުރާތީ އާންމުން ކަންބޮޑުވުން ފާޅު ކުރެއެވެ. ވަރުގަދަކޮށް ހަދާފައި ހުރި ފާލަމެއް ތަޅާލައި، ގައުމިއްޔަތާއި ސަގާފަތް ރަމްޒުކޮށްދޭ ގޮތަށް ބޭކާރު ޚަރަދުތަކެއް ކޮށްގެން ފާލަމެއް ތަރައްގީ ކުރުމުގެ ބޭނުމަކީ ކޮބައިތޯ, މީހަކު ވަނީ ފޭސްބުކް ޕޯސްޓެއްގައި ސުވާލުކޮށްފައެވެ.

އިއްޒުއްދީން ނުވަތަ ރަސްމީ ފާލަން އަލުން ތަރައްގީކުރާ ގޮތުގެ ކުރެހުމެއް -- ފޮޓޯ/ އެމްޓީސީސީ
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ފޭސްބުކްގައި މިއަދު ވިދާޅުވީ ރަސްމީ ފާލަން މަރާމާތުނުކޮށް އަހަރެއްވުމުގެ ސަބަބުން، ފާލަމުގެ މަތީބައި ހަލާކުވެ، ނުރައްކާތެރި ހާލަތަކަށް ދިޔަ ކަމަށެވެ.
އެ ގޮތުން ފާލަމުގެ މަތީބައި އަލުން ހެދުމަށް ނިންމައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެކު އެއްބަސްވުމުގައި ސޮއިކުރީ 14 އޮގަސްޓް 2023ގައެވެ.

ރަސްމީ ފާލަމުގެ މަތީބައި ދަބަރުވެ، ހަލާކުވެފައި -- ސަން ފޮޓޯ/ މުހައްމަދު ނާއިލް ޙަފީޒް
ރަސްމީ ފާލަން އަލުން ތަރައްގީކުރުމުގެ މަޝްރޫއަށް 11.7 މިލިއަން ރުފިޔާ ހޭދަވެއެވެ.
އެމްޓީސީސީން ބުނެފައިވަނީ އެ މަޝަރޫއުގެ ދަށުން ކުރީގެ ޖެޓީ ރޫޅާލުމާއި އައު ޖެޓީގެ ކޮންކްރީޓް މަސައްކަތާއި ސްޓީލް ސްޓަރަކްޗާ ފަރުމާކުރުމާއި ލަކުޑި އަދި މަތިވަޑާމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އެމްޓީސީސީން ބުނެފައިވަނީ އެއީ 270 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ހަވާލުކުރި މަޝްރޫއެއް ކަމަށެވެ.
އިއްޒުއްދީން ފާލަން ފަރުމާކޮށްފައިވަނީ އިހުޒަމާނުގައި ދަތުރުފަތުރުކުރުމަށް ބޭނުންކުރެވުނު އޮޑިދޯނިފަހަރާއި ބައްތެލީގެ ރިޔާތައް ރަމްޒެއް ކަމަށް ބަލައިގެންނެވެ.

ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މި ފާލަންވަނީ ވީރާނާވެ، އެކި ފަހަރު މަތީން މަރާމާތު ވެސް ކޮށްފައެވެ. އެމްޓީސީސީން ބުނީ، އަލުން ފާލަން ހަދާއިރު ރަސްމީ ފާލަމަކީ ދިވެހީންގެ ގައުމިއްޔަތާއި ސަގާފަތް ރަމްޒުކޮށްދޭ، ގިނަ ދުވަހު ބޭނުންކުރެވޭފަދަ ފެންވަރު ރަނގަޅު ފާލަމަކަށް ހަދާނެ ކަމަށެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރުފުރުމުގެ މުނާސަބާތާ ގުޅިގެން، ޢިއްޒުއްދީން ފާލަން އެންމެ ފަހުން ވެސް ފަރުމާކުރީ އެމްޓީސީސީންނެވެ.