ރަސްފަންނުގެ މަސައްކަތް ދެތިން މަސް ތެރޭ ނިމޭނެ: މޭޔަރު

މާލޭ ސިޓީ ކައުންސިލުން ރަސްފަންނުގައި މަސައްކަތްތަކެއް ކުރުން: ރަސްފަންނުގެ މަސައްކަތް ދެތިން މަސް ތެރޭ ނިމޭނެ ކަމަށް އާޒިމް ވިދާޅުވި -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

ރަސްފަންނުގެ ތަރައްގީގެ މަސައްކަތް ފަށައި، ދެތިން މަސް ތެރޭ ނިންމާލެވޭނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

މާލޭގެ މާފަންނު ހުޅަނގު ދާއިރާ ސާފުކުރުމަށް 'އީގަލްސް ކޮމިއުނިޓީ - އެންމެން އެކުގައި ސާފުކުރަމާ'ގެ ނަމުގައި ހަކަރާތެއް ފެށުމަށް ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މޭޔަރު ވަނީ ރަސްފަންނާއި ސަލްޓަން ޕާކުގެ މަސައްކަތަށް އަލިއަޅުއްވާލައްވައިފައެވެ.

އެގޮތުން، މޭޔަރު މަގާމާ ހަވާލުވުމަށް ފަހު ރަސްފަންނުގެ ހާލަތު ބެއްލެވުމަށް މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު މުޙައްމަދު އަރީޝާއި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު ހަސަން ނިޒާމްގެ އިތުރުން މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހީމް އަބޫބަކުރު ވަޑައިގަތް ކަމަށް އާޒިމް ވިދާޅުވިއެވެ.

ރަސްފަންނު: އެތަނުގެ މަރާމާތު މަސައްކަތް ދެތިން މަސް ތެރޭ ނިމޭނެ ކަމަށް މޭޔަރު ވަނީ ވިދާޅުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެތަނުގެ އެސެސްމަންޓެއް ހަދައި، ރަސްފަންނު މަރާމާތު ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށާއި ރަސްފަންނަކީ މާފަންނުގެ ގިނަ ބަޔަކު ބޭނުންކުރާ ތަނަކަށް ވާތީ، އެތަން އަވަހަށް ހެދުމަށް ގިނަ ޕްރެޝަރުތަކެއް ހުރި ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.

އޭގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމާއި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ރަސްފަންނުގެ ތަރައްގީގެ މަސައްކަތް ފަށައި ދެއްވުމަށް އެދި މަޝްވަރާކުރެއްވި ކަން މޭޔަރު ވަނީ ފާހަގަކުރައްވާފައެވެ.

އާޒިމް ވިދާޅުވީ، ރަސްފަންނުގެ އެއްބައިގެ މަސައްލަތް ހަވާލުކޮށްފައި އޮތީ ކޮންޓެރެކްޓަރާ ކަމަށްވިޔަސް އެ މަސައްކަތް އެދެވޭ ގޮތުގައި ކުރިއަށް ނުދާތީ އެ މަސައްކަތް މާލެ ސިޓީ ކައުންސިލަށް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ.

މިއަދު މިވަނީ އެމަސައްކަތް ކުރުމަށްޓަކައި ކޮންޓެރެކްޓަރާ ހަވާލުކުރެވި، މިހަފުތާ ތެރޭގައި އެ މަސައްކަތް ފެށިގެން ދާނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ، މިތަން އެއްކޮށް، ހަދައި، މަރާމާތުކޮށް، ދެނެއް ވީރާނާވަކަށް އަޅުގަނޑުމެނެއް ދޫނުކޮށްލާނެ ކަން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެތިން މަސް ތެރޭގައި މި މަސައްކަތް ނިމި، އެބީޗަކީ ރަނގަޅު ފެންވަރެއްގެ ބީޗަކަށްވެ، މިހުރިހާ ހަޓުތައް ނިމި ހުރިހާ ކަމެއް ނިމިގެންދާނެ ކަމުގެ އުފާވެރި ޚަބަރު ތިހުރިހާ ބޭފުޅުންނަށް ދޭންމާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް

އެތަން ތަރައްގީކޮށް ނިމުމުން ވެސް، ބޭނުންކުރާ މީހުން ގެއްލުން ނުދިނުން މުހިންމުކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ. އާޒިމް ވަނީ ކުރިއަށް އޮތް ދެތިން މަސް ތެރޭ ރަސްފަނުންގެ މަރާމާތު މަސައްކަތް ނިމި، ރަނގަޅު ފެންވަރުގެ ތަނަކަށް އެތަން ހެދޭނެ ކަމަށް ވިދާޅުވެފައެވެ.

އޭގެއިތުރުން، އާޒިމް ވަނީ ސަލްޓަން ޕާކުގެ ވާހަކައަށް ވެސް އަޅިއަޅުވާލައްވާފައެވެ. އެގޮތުން، އެތަނުގެ އެސެސްމަންޓު ހަދައި، އެ ޕާކު ހަދައިދޭނެ ބަޔަކު ހޯދަން އިއްޔެ އެކައުންސިލުން އިއުލާނުކުރި ކަން މޭޔަރު ފާހަގަކުރެެއްވިއެވެ.

ސަލްޓަން ޕާކު: އެތަން މަރާމާތު ކުރާނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން ވަނީ އިއުލާނުކޮށްފައި ----- ފޮޓޯ/ އަވަސް

މިހާރުގެ މާލެ ސިޓީ ކައުންސިލަކީ މާލޭގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރިއާލާ ދެނެގަނެގެން އެކަންކަން ކޮށްދޭ ކައުންސިލަރުންތަކެއް ތިބި ތަނެއްކަމަށް އޭނާ ވިދާޅުވިއެވެ.

މޭޔަރު އެހެން ވިދާޅުވިއިރު، ރަސްފަންނާއި ސަލްޓަން ޕާކުގެ ހާލަތު ފެނިފައި ހިތާމަކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ވިދާޅުވެފައެވެ.

އިއްޔެ ހެނދުނުގެ ވަގުތެއްގައި ރައީސް މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި އެންމެ ހަގު ދަރިކަލުން ވަނީ ރަސްފަންނަށް ޒިޔާރާތްކުރައްވައިފައެވެ. އެ މަނިކުފާނު ވަނީ އެ ސަރަހައްދުގައި އުޅުނު އާންމުންގެ މީހުންނާ ބައްދަލުކުރައްވައި ވާހަކަދައްވައިފައެވެ.

https://sun.mv/202580

އެ ދެ ތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ، ކުރިއަށް ވުރެ ވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ޚާއްސަ މަސަައްކަތްތަކެއް ކުރާނެކަމުގެ ޔަގީންކަން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް އެ މަނިކުފާނު ވަނީ އަރުވައިފައެވެ.

ތޮށްޖެހިފައިވާ މާލޭގައި ރައްޔިތުން ހިތް އުފާކޮށްލުމަށް ދާނެ ތަންތަން ނެތްއިރު، އެ ތަންތަން ތަރައްގީކުރުމާއެކުވީ އާއިލާއާ ވަކިން ޚާއްސަކޮށް ކުޑަކުދިން ގޮވައިގެން ހިތްއުފާކޮށްލުމަށް ލިބުނު ތަންތަނަށެވެ. ނަމަވެސް، ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން މިހާރު އެ ތަންތަން ވަނީ ވަރަށް ބޮޑަށް ވީރާނާވެފައެވެ.

އެކަމުގެ ކަންބޮޑުވުން އާންމު ރައްޔިތުން ވެސް ދަނީ ފާޅުކުރަމުންނެވެ.

comment ކޮމެންޓް