އޭރު ވާރޭ ކަނި ޖަހަމުން ދަނީއެވެ. ކޮންމެހެން ނަގަން ޖެހޭ ފޯނެއް އައިއިރު ރަސްމީ ފާލަމާ އަރާ ހަމަވީއެވެ. ފޯނަށް ޖަވާބު ދޭން ޖުމްހޫރީ މައިދާން ކައިރީ މަޑުކޮށްލައިގެން ހުރިއިރު ލޯންޗު ފަހަރުގައި ރަށްރަށަށް ފުރުމަށް ބަޔަކު އުޅެމުންދާ ހާލު ރީއްޗަށް ފެންނަމުން ދިޔައެވެ. ދެ ޒުވާނަކު އުމުރުން ވަރަށް ދުވަސްވީ އަންހެނެއް އަތުލަފި ކޮށްގެން ގެންގޮސް ލޯންޗަށް އެރުވީ ވެސް ވަރަށް ހާލުންނެވެ. ވާރޭ ވެހެމުން ދަނިކޮށް އަވަހަށް މަގު ހުރަސްކޮށް، އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ސައިކަލްތައް ފޭކޮށް ޖާގަ ހަދައި އެ ދުވަސްވީ މީހާ އެ ތޮށިގަނޑު މައްޗަށް އަރުވަން ވަރަށް ވަގުތު ނެގިއެވެ. އޭރު ވެސް ލޯންޗްތަކަށް އަރަން ކުޑަކުދިން ހިމެނޭ ގޮތަށް އެތައް ބަޔަކު ވާރޭ ތެރޭ އުޅެއެވެ.
އެއީ މާލެއިން އަތޮޅުތެރެއަށް ލޯންޗު ފަހަރުގައި ފުރާ މީހުން ހަމަ ކޮންމެ ދުވަހަކު އުޅޭ ހާލެވެ. އަތޮޅުތެރެއާއި މާލެއާ ދެމެދު ދަތުރުކުރާ ލޯންޗް ފަހަރު އާއްމުކޮށް ފުރަނީ ރަސްމީ ފާލަމުގެ ހުޅަނގުން އޮންނަ ސަރަހައްދާއި މާލޭ ދެކުނު ފަރާތުގައި އޮންނަ ފަޅުންނެވެ. ކޮންމެ ދުވަހަކު އެ ދެ ފަޅުން ގިނަ އަދަދަކަށް ލޯންޗު ފަހަރު އަތޮޅުތެރެއަށް ފުރައި މާލެ އައިސް ހަދައެވެ. ހިތާމައަކީ މި ދަތުރުތަކަށް އެތައް ޒަމާނެއްވިއިރު ވެސް މިކަމަށް އެއްވެސް އިންތިޒާމެއް ހަމަޖެހިފައި ނެތުމެވެ.
އާއްމުކޮށް އެތައް ސަތޭކަ ބަޔަކު އަދި ބައެއް ދުވަސް ދުވަހު އެތައް ހާސް ބަޔަކު ލޯންޗް ފަހަރުގައި ފުރައި އައިސްގޮސް އެ އުޅެނީ ވަރަށް ދަތި ހާލުގައެވެ. ލޯންޗަށް އެރެންދެން ތިބެން ޖެހެނީ ފޮށިފަދަ ތަކެތި ހިފައިގެން ވާރޭ ވެހޭނަމަ ވާރޭގައެވެ. އަވި ދޭނަމަ އަވީގައެވެ. ދިވެހީންގެ އިތުރުން ޓޫރިސްޓުންނާއި ބިދޭސީން ވެސް އުޅެމުން އެ ދަނީ އެ ހާލުގައެވެ.
"އެމްއެމްއޭ އެއީ ދެން ހިޔާ ވައްސަކީ. ބައެއް މީހުން ތިބޭ އެތާ އަސްކަނި ދޮށުގައި. ސަލާންޖަހާ ބަޔަކު ތިބޭހެން. ރަސްމީ ފާލަމަކީ ވެސް އެރުން މަނާ ތަނެއްތާ. އަހަރެން ފުރަން ދިޔަ ކިތަންމެ ދުވަހަކު ދަބަސް ތެމިއްޖެ. ހޫނިއްޔާ އެހާ ހޫނު،" ބ. އަތޮޅު ރަށެއްގެ ސްކޫލު ޓީޗަރަކު އޭނާގެ ތަކުލީފުތައް ހިއްސާކުރިއެވެ.
ބޮޑުތަކުރުފާނު މަގަކީ ޕާކު ކުރުމަށް ވެސް ހަމައެއް ލަމައެއް އޮންނަ ހިސާބެއް ނޫނެވެ. އެހެންވެ، ފުރަން އަންނަ މީހުން ތޮށިގަނޑު މައްޗަށް އެރުމަށް ވެސް ދަތިތަކާ ކުރިމަތިވެއެވެ. ބާރު ހުރި ޒުވާނުންނަށް ކޮންމެ ވެސް ދޭތެރެއަކުން އެރުނަސް އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނަށް އެހެން އަރައި ފައިބަން ވަރަށް ދައްޗެވެ. އަދި، ބަންދުތަކާ ދިމާކޮށް ފުރާ މީހުންނާއި މާލެ އަންނަ މީހުން ގިނަވެއްޖެނަމަ ޓްރެފިކް ތޮއްޖެހޭ ފަހަރު ގިނައެވެ.
"ކާރުގަނޑެއް ފަސޭހައިން ލިބެނިއްޔެއް ނޫން. ކާރު ހޯދާކަށް ވެސް ވަކި ގޮތެއް ނޯވޭ. ގަދަ މީހާ ގަދައީ. ފޮށިތައް ހިފައިގެން ދެތިން މީހުން ލޯންޗުން ފައިބާއިރަށް މުޅި ހިސާބު ފުރޭ. މީހުންނަށް ވެސް ދުއްވާ މީހުންނަށް ވެސް ވަރަށް ދަތި ގޮތަކަށް މި އޮންނަނީ މިކަން،" މާލެއާއި އަތޮޅުތެރޭ ރަށަކާ ދެމެދު އާއްމުކޮށް ދަތުރުކުރާ މީހަކު ބުންޏެވެ.
މީގެ އިތުރުން، ސައިކަލުގައި ފުރަން އަންނަ މީހުން ޕާކްކޮށްލާނެ ޖާގައެއް ނެތިގެން އުޅެނިގެން ކިތަންމެ ލޯންޗެއް ފުރައިގެން ގޮސްފައި އެބަހުއްޓެވެ.
ލޯންޗް ފަހަރުން އެ ސަރަހައްދުތަކުގެ ފަޅުތައް ވެސް ބޭނުން ކުރަނީ އެ މީހުންގެ މެދުގައި އޮންނަ އަންޑަސްޓޭޑިންއެއްގެ ދަށުންނެވެ. އެކަން ބަލާކަށް ނުވަތަ ވަކި އިންތިޒާމެއް ހަމަޖައްސާކަށް ބަޔަކު ނުތިބެއެވެ. މީގެ ނަތީޖާއަކަށް ވަނީ ގިނަ ލޯންޗްތަކެއް އެއް ފަހަރާ ފުރާނަމަ ފަޅު ތޮއްޖެހުމެވެ. އޭރުން މީހުން ބައެއް ލޯންޗްތަކަށް އަރަން ޖެހެނީ އެއް ލޯންޗުން އަނެއް ލޯންޗަށް އަރަމުން ގޮހެވެ.
"ވިސްނާ ވާނެ ދަތި. އެހެން އެއް ލޯންޗުން އަނެއް ލޯންޗަށް އަރަންވީމާ. ހާއްސަކޮށް ދުވަސްވީ މީހުންނާއި ކުޑަކުދިން ގޮވައިގެން އުޅޭ މީހުންނަށް. މަދުން ނަމަވެސް އެބަހުރި މީހުންނަށް އަނިޔާ ވެސް ވެފައި،" ލޯންޗެއްގެ ފަޅުވެރިއަކު ކިޔައިދިނެވެ.
ހައްލަކީ ކޮބާ؟
ހައްލު މި އުޅެނީ ނޭނގިގެންނެއް ނޫނެވެ. ނުވެގެންނެވެ. ލޯންޗު ފަހަރުން އަތޮޅުތެއަށް ގޮސް އައިސް އުޅޭ މީހުން މިހާރު ވަރަށް ގިނަވެއްޖެއެވެ. ހދ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ވެސް ގަވާއިދުން ޝެޑިއުލެއްގެ ތެރެއިން ލޯންޗް ފެރީ ބާއްވާ ގިނަ ކުންފުނިތަކެއް އެބައުޅެއެވެ. އެހެންކަމުން މި ޚިދުމަތަށް އޮތް ޑިމާންޑް އޮތީ ފެންނާށެވެ. އެހެންކަމުން މި މައްސަލައަށް އޮތް ހައްލަކީ ރަނގަޅު ފެރީ ޓާމިނަލްއެކެވެ.
"ލޯންޗްތަކަށް ޚާއްސަ ފެރީ ޓާމިނަލެއް ހަދައި ކުރިން ހުޅުމާލެ ދޯނި ފެރީއާއި ލޯންޗް ފެރީ އޮޕަރޭޓް ކުރާހެން ކުރީމައި އެކަން އެ ހައްލުވީ. ވަކި އިންތިޒާމަކުން ފުރައި ޓިކެޓް ވިއްކާ ހެދީމާ އޭރުން މީހުން ނުޖެހޭނެ ވާރެއާއި އަވީގައި ގަނަ ތެޅޭކަށް. އޭރަށް ލޯންޗް ފަހަރު ހިންގާ މީހުންނަށް ވެސް ވަރަށް ފަސޭހަ،" ލޯންޗެއްގެ ކައްޕިއަކު ބުންޏެވެ.
"މި ކަހަލަ ޓާމިނަލެއް ހިންގިދާނެ އެ ތަން ބޭނުންކުރާ ލޯންޗު ފަހަރާއި މީހުންގެ އަތުން ފީއެއް ނަގައިގެން ވެސް. އެއާޕޯޓްތަކުން އެ އޮޕަރޭޓްކުރާ ގޮތަށް ވެސް. އޭރަށް ދައުލަތުގެ ބަޖެޓަށް ވެސް ބާރުބޮޑެއް ނުވެ ރަނގަޅު ޚިދުމަތެއް ވެސް ދެވުނީތާ."
ލޯންޗު ފަހަރަށް ޓާމިނަލެއް ބޭނުންވާ ވާހަކަ ދެކެވޭތާ އެތައް އަހަރުތަކެއް ވެއްޖެއެވެ. އޭގެ ފަހުން ސަރުކާރުތަކެއް ވެސް ބަދަލުވެއްޖެއެވެ. ބައެއް ފަހަރު މޮޅެތި ވާހަކަތަކާއި މޮޅެތި ކުރެހުންތަކުން އެތައް ހުވަފެނެއް ވެސް ދައްކާފައި އެބަހުއްޓެވެ. އެމްޓީސީސީން އާރްޓީއެލްގެ މަސައްކަތް ފަށައި އެތައް ރަށެއްގައި ޓާމިނަލްތައް އެޅިއިރު ވެސް ވެރިރަށް މާލޭގައި ނުވެ އޮތް ކަމަކީ ޓާމިނަލްގެ ހުވަފެން ހަގީގަތަކަށް ހެދުމެވެ.
އާންމުން އެ ހާލުގައި ދަތުރުކުރާއިރު، ދައުލަތުން ބޮޑެތި ޚަރަދުތައް ކޮށްގެން ޖެހިގެން އެ އޮތް ރަސްމީ ފާލަން އެތައް ފަހަރަކު އާ ޑިޒައިން ޑިޒައިނަށް ހަދައިފިއެވެ.
މާލޭ މޭޔަރުގެ މަގާމަށް މި ފަހުން އިންތިޚާބުވެ ވަޑައިގެންނެވި އާދަމް އާޒިމް ވެސް ވަނީ މި ފަހުން ޓާމިނަލެއް އަޅުއްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. ގޮނޑުކޮށްފައި އޮތް މާލޭގެ އިންޑަސްޓްރިއަލް ވިލެޖު މިހާރު ސާފުކޮށްފައިވާއިރު އާޒިމް ވިދާޅުވީ ދެން އެ ސަރަހައްދު ބޭނުން ކުރާނީ މާލެއަށް ދިމާވެފައިވާ ޓްރެފިކް މައްސަލަ ހައްލު ކުރުމަށާއި ލޯންޗް ފަހަރު ފުރާނެ ޓާމިނަލެއް ހެދުމަށް ކަމަށެވެ.
"އެ ތަނަށް ވެސް ރީ ޑިވެލޮޕްމެންޓެއް ގެންނަން ޖެހޭނީ. އެއް ލޯންޗުން އަނެއް ލޯންޗަށް އަރައިގެން ފޭބުމުގެ ބަދަލުގައި އެއަށް ވުރެ އެކަން ފަސޭހައިން ކުރެވޭނެ ގޮތަކަށް،" އާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަނީ މާލޭގެ ބަނދަރުތަކަކީ ހިތްފަސޭހަކަމާ އެކު އުޅަނދުތައް ކައިރިކޮށްލައި އަރައި ފައިބާ ހެދޭ ތަންތަނުގެ ގޮތުގައި ތަރައްގީކުރަން. ދިއްލާ އަތްވާ، ވެހޭ ވާރޭގައި ތިބުމުގެ ބަދަލުގައި."
ރާއްޖޭގެ 99 ޕަސެންޓަކީ ކަނޑަށް ވާއިރު ކަނޑު ދަތުރުފަތުރަށް މި ޖެހެނީ ވަރަށް ބޮޑަށް ބަރޯސާވާށެވެ. ދިވެހީންގެ އިތުރުން ޓޫރިސްޓުން ވެސް އެ ލޯންޗް ދަތުރުތަކުގައި ފުރައި ގޮސް އުޅެއެވެ. އެހާ މުހިންމު ޚިދުމަތެއް ހޯދުމަށް މީހުން އުޅެން މި ޖެހެނީ ދަތި ދިރިއުޅުމެކެވެ. ހިތާމައަކީ މިހާ ދުވަސްވީއިރު ވެސް މި މައްސަލަ ހައްލު ނުވެ އޮތުމެވެ. މިއީ އަވަސް ހައްލެއް ބޭނުންވާ ކަމެކެވެ.