އަޒާންގެ ވާދަވެރި ކެންޑިޑޭޓު އޭނާގެ ދިފާއުގައި، ގޮވާލީ ބިރުދެއްކުން ހުއްޓާލުމަށް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އަޒާން މަރުޒޫގާއި މަޖިލިސް އިންތިޚާބުގައި އަޒާނާ ވާދަކުރި ކެންޑިޑޭޓް މުހައްމަދު ޝުއާއު --

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އަޒާން މަރުޒޫގަށް ފުރައްސާރަ ކުރުމާއި ބިރުދެއްކުން ހުއްޓައިލަން ގޮވާލައި ދިފާއުގައި، މަޖިލިސް އިންތިޚާބުގައި އަޒާނާ ވާދަކުރި ކެންޑިޑޭޓް އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ނުކުމެއްޖެއެވެ.

ޝުއާއު މިފަދައިން ގޮވައިލީ، ސުޕްރީމް ކޯޓު ފަނޑިޔާރުންގެ އަދަދު މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް މެންބަރު އަޒާން ވޯޓު ނުދެއްވުމުން އޭނާއާ ދެކޮޅަށް އެ ދާއިރާގެ ސްޓިއަރިން ކޮމިޓީން ބަޔާނެއް ނެރެފައި ވަނިކޮށެވެ.

https://sun.mv/203123

ޝުއާއު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ހިތަދޫ މެދު ދާއިރާގެ މަޖިލިސް އިންތިޚާބުގައި ވޯޓުލުން ކުރިއަށް ދިޔަ ދުވަސްވަރާއި އެ ދުވަހުގެ ކަންތައްތަކަކީ މިހާރުގެ މާޒީކަމަށެވެ. އަދި ރައްޔިތުން ހޮވާ މެންބަރު، ޕާޓީގެ ވިސްނުމާ ދެކޮޅުވެއްޖެނަމަ މެންބަރުކަމުން ވަކިކުރާ، އެންޓި ޑިފެކްޝަން ބިލާ އެއްކޮޅަށް އަޒާން ވޯޓު ދެއްވި ދުވަސްތަކަކީ ވެސް މާޒީކަމަށެވެ.

ނަމަވެސް، ކޯޓުތަކަށް ނުފޫޒު ފޯރުވުމާ ދެކޮޅަށް އަދި ޤާނޫނުއަސާސީއާ ސީދާ ޚިލާފު ކަމަކާ ދެކޮޅަށް ތެދުވެ އަޒާން ދެއްކެވި ހިތްވަރުން އެނގުނީ މާޒީގައި ހެދިފައިހުރި ގޯސްތަކުން އަރައިގަނެ ހެޔޮ ވިސްނުން ލިބި، ހިތްވަރާއެކު ރައްޔިތުންނާއި ޤައުމުގެ މަސްލަހަތު އިސްކުރުމަށް އަޒާންގެ ވިސްނުން ބަދަލުވެފައިވާކަން ކަމަށް ޝުއާއު ލިޔުއްވާފައި ވެއެވެ.

އެހެންނަމަވެސް، ހިތަދޫ މެދު ދާއިރާގެ ރައްޔިތުން ވޯޓު ދެއްވައިގެން އިންތިޚާބުވެފައިވާ މެންބަރާ ދެކޮޅަށް ސްޓިއަރިން ކޮމިޓީއަކުން ބަޔާނެއް ނެރެ، ރައީސް ބޭނުންފުޅުވާ ހާލަތެއްގައި ގޮނޑި ގެއްލިދާނެކަމުގެ ބިރު ހީވެފައިވާކަމަށް ޝުއާއު ފާހަގަކުރައްވާފައި ވެއެވެ.

"އެހެންކަމުން، ޑިމޮކްރެޓިކް އުސޫލުތަކާއި ޚިލާފަށް ކުރަމުންދާ ކަންތައްތައް ހުއްޓާލުމަށާއި، ސްޓިއަރިން ކޮމިޓީއިން ހިތަދޫ މެދު ދާއިރާގެ މެންބަރަށް ފުރައްސާރަކުރުމާއި، ބިރުދެއްކުން ހުއްޓާލައި، މިނިވަންކަމާއެކު މަސައްކަތް ކުރެވޭން މަގު ފަހިކޮށް ދިނުމަށް ގޮވާލަން،" ޝުއާއުގެ މެސެޖުގައިވެއެވެ.

ޕީއެންސީގެ ހިތަދޫ މެދު ދާއިރާގެ ސްޓިއަރިން ކޮމިޓީން ނެރުނު ބަޔާނުގައި ވަނީ، އަޒާން މަޖިލީހުގެ މެންބަރު ކަމަށް ހޮވުނީ، ސަރުކާރުގެ ފަރާތުން ވާދަކުރައްވައިގެން ކަމަށެވެ. އަދި ޕީއެންސީއަށް ނިސްބަތްވާ މެންވަރުންގެ ބުރަ މަސައްކަތުން ކަމަށެވެ.

ނަމަވެސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ހުށަހެޅި ބިލަށް ވޯޓު ނުދިނުމަކީ ރައްޔިތުންނާ މަޝްވަރާ ކުރުމަށްފަހު ނިންމި ނިންމުމެއްކަމަށް މަޖިލީހުގައި ދައްކަން އަޒާން ބޭނުންވާކަމަށް އެ ބަޔާނުގައިވެއެވެ.

"އެހެންނަމަވެސް، އެ ނިންމުމާ ގުޅޭ އެއްވެސް ކަމެއް އަޅުގަނޑުމެންނާ މަޝްވަރާކޮށްފައެއް ނުވޭ،" އެ ބަޔާނުގައި ވެއެވެ.

އިއްޔެގެ މަޖިލިސް ޖަލްސާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކޮށް، ދެ ފަނޑިޔާރުން ވަކިކުރާ ބިލަށް އަތް ހިތްލައިގެން ވޯޓަށް އަހަމުން ދަނިކޮށް ވޯޓުގައި ބައިވެރިނުވެ އަޒާން ވަނީ މަޖިލީހުގެ ތަޅުމުން ނުކުމެވަޑައިގެންފައެވެ. އެ ބިލު ބަލައިގަތުމާ މެދު މަޖިލީހުގައި ނެގި ވޯޓުގައި ވެސް އަޒާން ބައިވެރިވެފައެއް ނުވެއެވެ.

އެހެންވެ، ޕީއެންސީގެ މަޖިލީސް މެންބަރުން ތިބޭ ވަޓްސްއެޕް ގްރޫޕުން ވެސް އަޒާން ވަނީ ބޭރުކޮށްލައިފައެވެ.

ފަނޑިޔާރުން ވަކިކުރާ ބިލަށް ވޯޓު ނުދެއްވައި މަޖިލީހުގެ ތަޅުމުން ނުކުމެވަޑައިގަތުމަށް ފަހު ނެރުއްވި ބަޔާނެއްގައި މެންބަރު އަޒާން ވިދާޅުވީ، އެ ބިލަށް ވޯޓު ނުދިނީ އެއީ ގާނޫނުއަސާސީ ފުށުއަރާ ބިލެއް ކަމަށް ގަބޫލުކުރެއްވޭތީ ކަމަށެވެ. އަދި، އެ ބިލަށް ވޯޓުނުދޭން ސަރުކާރުގައި ހިމެނޭ ވަޒީރު ބޭފުޅުން ވެސް އޭނާއަށް ލަފާދެއްވި ކަމަށް އަޒާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ގައުމާއި ރައްޔިތުންގެ މަސްލަހަތަށް ވުރެ އެހެން އެއްވެސް މަސްލަހަތެއް އިސްނުކުރާނެ ކަމަށެވެ.

ގޮނޑި ގެއްލޭ މައްސަލައިގެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއް ތާވަލުކޮށްފައިވަނިކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދާއި، މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑްކޮށްފައެވެ.

https://sun.mv/203062

ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރިއިރު ހެނދުނު 11:00އަށް އޮތީ ގޮނޑި ގެއްލޭ މައްސަލައިގެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއް ތާވަލުކޮށްފައެވެ. ނަމަވެސް، އެ އަޑުއެހުން ފަހުން ކެންސަލް ކުރިއެވެ.

ޖޭއެސްސީން ބުނީ، ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ އެ ފަނޑިޔާރުންނާ ގުޅޭ ޖިނާއީ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ބަލަމުން އަންނާތީ ކަމަށެވެ.

މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވުމުންނާއި ޕާޓީ ވަކިކުރުމުން ވެސް ގޮނޑި ގެއްލޭގޮތަށް ޕީއެންސީން ވަނީ ގާނޫނުއަސާސީ އިސްލާހުކޮށްފައެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި އަންނަނީ ހިނގަމުންނެވެ. އެކަމަކު، ތިން ފަނޑިޔާރުން ސަސްޕެންޑުކުރުމުން އެ މައްސަލަ އޮތީ ހުއްޓިފައެވެ.

comment ކޮމެންޓް