އެއް ލަނޑު ސުންލަނޑުން ރެއާލް، ސޮސިއެޑާޑް ބަލިކޮށްފި

އެއް ލަނޑު ސުންލަނޑުން ރެއާލް ސޮސިއެޑާޑް ބަލިކޮށްފި --

ސްޕެނިޝް ކޮޕާ ޑެލް ރޭގެ ސެމީ ފައިނަލްގައި ރެއާލް މެޑްރިޑާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރި ފުރަތަމަ ލެގު ރެއާލުން ކާމިޔާބު ކޮށްފިއެވެ.

ސޮސިއެޑާޑްގެ ދަނޑުގައި ކުޅުނު މިމެޗު ރެއާލުން ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ސޮސިއެޑާޑް އިން ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ރެއާލުންނެވެ.

އަދި މިމެޗުގައި ރެއާލުން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 19ވަނަ މިނެޓުގައި ޖޫޑް ބެލިންހަމް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ އެންޑްރިކްއެވެ. މިއީ އޭނާ މިފަހަރުގެ ކޮޕާ ޑެލް ރޭގައި ކާމިޔާބު ކުރި ހަތަރުވަނަ ލަނޑެވެ.

މިމެޗުގެ ފުރަތަމަ ހާފު ނިމެން ގާތް ވެފައިވަނިކޮށް ރެފްރީ އާއި ރެއާލްގެ ކެޕްޓަން ބޭންޑް އަޅައިގެން މިމެޗުގައި ކުޅުނު ވިނީޝިއަސް ޖޫނިއާ އާއި ދެމެދު ކުރެވިގެންދިޔަ މަޝްވަރާ އަކަށް ފަހު ކުޑަ އިރުކޮޅަކަށް މެޗު ހުއްޓާލިތަން ފެނިގެންދިޔައެވެ. އަދި އެއަށް ފަހު ފެނިގެންދިޔައި ދަނޑުގެ ސްކީނަށް ރޭސިޒަމް އާއި ދެކޮޅަށް މެސެޖުތަކެއް އެރުވިތަނެވެ.

މިމެޗުގެ ދެވަނަ ހާފުގައި ރެއާލުން އެޓީމުގެ ލީޑު ފުޅާ ކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް އެޓީމަށް އެކަން ވާގޮތެއް ނުވިއެވެ. ނަމަވެސް އެންޑްރިކް ވަނީ މިމެޗުގެ ދެވަނަ ލަނޑެއް ޖެހުމާ ގާތަށް ގޮސްފައެވެ. މީގެއިތުރުން ޖޫޑް ބެލިންހަމްއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. މިދެޓީމުގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ އެޕްރީލް މަހުގެ ދެވަނަ ދުވަހު ރެއާލްގެ ސެންތިއާގޯ ބެރްނަބިއު ސްޓޭޑިއަމްގައެވެ.

comment ކޮމެންޓް