ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ޖުޑީޝިއަރީ ކޮމިޓީގައި ތާއިދުނުކުރެއްވި ނަމަވެސް، މިއަދު ތަޅުމުގައި ބިލަށް ވޯޓު ދެއްވީ 'ޓީމާ'އެކު މަސައްކަތް ކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާތީ ކަމަށް ހުރާ ދާއިރާގެ ޕީއެންސީ މެންބަރު ޑރ. އަނާރާ ނައީމް މިއަދު ވިދާޅުވެއްޖެއެވެ.
ވެރިކަން ކުރާ ޕާޓީން ކޯޓުތަކުގެ ގާނޫނު އިސްލާހު ކުރުމަށް ހުށަހަޅައިފައިވާ ބިލުގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށް ހުށަހަޅައިފައެވެ. އެ ބިލު އިއްޔެ ޖުޑީޝިއަރީ ކޮމިޓީން ފާސްކުރިއިރު، އަނާރާ ވަނީ ބިލުގައި ފާހަގަކޮށްފައިވާ މުއްދަތުތައް ކުރުމަށް ކަމަށް ވިދާޅުވެ، ވަކި ގޮތަކަށް ވޯޓު ދެއްވަން ދެކޮޅު ހައްދަވައިފައެވެ.
ގާނޫނީ ދާއިރާއިން ތައުލީމު ހާސިލުކުރައްވާފައިވާ އަނާރާވަނީ، ބިލުގައި އޮތް ފަސް ވަނަ މާއްދާގެ (ނ)ގައިވާ އިސްލާހާ ގުޅޭ ގޮތުން ކޮމިޓީގައި ޚިޔާލު ފާޅުކުރައްވައިފައެވެ.
އެ އިސްލާހުގައިވަނީ، އެ ބިލުގެ ދަށުން ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ފަނޑިޔާރުންގެ ނަންތައް އެ ގާނޫނަށް އަމަލުކުރަން ފަށާތާ ފަސް ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހަޅަން ވާނެ ކަމަށެވެ.
އެ މާއްދާއާ ގުޅޭ ގޮތުން އަނާރާ ވިދާޅުވީ، ފަސް ދުވަހުގެ މުއްދަތަކީ ވަރަށް ކުރު މުއްދަތެއް ކަމަށާއި އެކަމާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި އެއަށްވުރެ އިތުރަށް ވަގުތު ދޭން ފެންނަ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އޭނާ އެކަން އިސްލާހެއްގެ ގޮތުގައި ހުށަނާޅުއްވާތީ އެ މާއްދާ އޮތް ގޮތަށް ވޯޓަށް އަހައި، ފާސްކުރީއެވެ.
އެ ބިލަށް މިއަދު މަޖިލީހުގައި ވޯޓަށް އެހިއިރު، ޖުމްލަ 79 މެންބަރުން ހާޒިރުވިއެވެ. މި ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވި 77 މެންބަރުންގެ ތެރެއިން 68 މެންބަރުން ވޯޓު ދީގެންނެވެ. ބިލާ ދެކޮޅަށް ނުވަ މެންބަރުން ވޯޓު ދެއްވިއެވެ.
ބިލު ފާސްކުރަން ވޯޓު ދެއްވި ބޭފުޅުންގެ ތެރޭގައި އަނާރާ ހިމެނިވަޑައިގަންނަވާއިރު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ ކޮމިޓީގައި ބިލްތަކަށް ޚިޔާލު ފާޅުކުރައްވާނެ ކަމަށެވެ.
"ނަމަވެސް މެޖޯރިޓީން ކަމެއް ނިންމާއިރު ދާންޖެހެނީ ޓީމާއެކު ކަމަށް ގަބޫލުކުރަން،" އޭނާ ވިދާޅުވިއެވެ.
އަނާރާ އެހެން ވިދާޅުވުމާ ގުޅިގެން، ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ވަނީ ފާޑުވިދާޅުވެފައެވެ. އެގޮތުން ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު ވަނީ، އަނާރާގެ ވާހަކަ ބަލައިނުގަނެވޭނެ މޭރުމަކުން ވާހަކަދައްކަވައިފައެވެ.
ދިޔާނާ ފޭސްބުކްގައި ވިދާޅުވީ، ރައްޔިތުން އިންސާފު ހޯދަން ދާން އޮތް ނިޒާމަށް 'އަތްބާނާ ކަރަށް ފިތާލީމަ ވެސް' ވަޑައިގަންނަވަން ޖެހޭނީ އެ ޓީމާއެކުތޯ ސުވާލު ކުރައްވައިފައެވެ.
"އެހެންކަމަށްވަނީނަމަ އެފަދަ މީހުންނަކީ އެ ބަޔަކު ހާސިލުކުރި އިލްމަށް ވެސް ހުތުރު ދޭ ބަޔެއް،" އޭނާ ލިޔުއްވާފައިވެއެވެ.

ޖުޑީޝިއަރީ ކޮމިޓީގައި މެންބަރު އަނާރާއާއި މެންބަރު ހުސްނީ މުބާރަކް: އެ ކޮމިޓީން ފަނޑިޔާރު ވަކިކުރުމުގެ ބިލް ފާސްކޮށްފައި -- ފޮޓޯ/ މަޖިލިސް
މަޖިލީހުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރުމުގެ ބިލް މިއަދު ފާސްކުރީ، މަޖިލިސް މެންބަރުން ޕާޓީން ވަކިކުރުމުން ނުވަތަ އަމިއްލައަށް ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ހުށަހަޅައިފައިވާ މައްސަލައެއް އެ ކޯޓުން ބަލަމުން ދަނިކޮށެވެ.
ބިލު ފާސްކުރިއިރު މިއަދު ހެނދުނު 11:00 އަށް އޮތީ އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރުމާމެދު ގޮތެއް ނިންމަން އަޑުއެހުމެއް ތާވަލުކޮށްފައެވެ. ނަމަވެސް އެ އަޑުއެހުން ފެށުމުގެ ކުރިން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ޖިނާއީ ތަހުގީގެއް ހިންގާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އަންގައިފައިވާ ކަމަށާއި، އެހެންވެ އެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައިވާ ކަމަށް ބުނެފައެވެ.
ސަސްޕެންޑުކޮށްފައިވަނީ ހުސްނުއްސުއޫދާއި، މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ވެރިކަން ކުރާ ޕާޓީން ގާނޫނު އަސާސީ އިސްލާހު ކޮށްފައިވަނީ އެއް ދުވަހުގެ މަސައްކަތުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 20ގައި ބިލުގެ ފުރަތަމަ ކިޔުން އިއްވައި، މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައި، އެ ކޮމިޓީން ފާސްކޮށް، ތަޅުމުން ވެސް ފާސްކުރިއެވެ.
ހަމަ އެ ދުވަހު ރައީސް އެ ބިލް ތަސްދީގު ކުރައްވައި، ގާނޫނު އަސާސީ އިސްލާހު ކުރެއްވިއެވެ.