އެމްޑީޕީ މެންބަރުންތަކެއް ނެރުމަށްފަހު ސުޕްރީމް ކޯޓު ބެންޗު ބަދަލުކުރަން ފާސްކޮށްފި

ރައީސް މުއިއްޒާއި އަބްދުއްރަޙީމް: ދެ ބޭފުޅުން މިއަދު ވަނީ ބައްދަލުކުރައްވާފައި -- ފޮޓޯ/ ރައީސް އޮފީސް

ސުޕްރީމް ކޯޓުގައި ތިއްބެވި ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވެރިކަން ކުރާ ޕީއެންސީން ހުށަހަޅައިފައިވާ ބިލު މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފިއެވެ.

މި ބިލު އިއްޔެ މަޖިލީހަށް ހުށަަހަޅުއްވައި، ބަލައިގަނެ، ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައި، ކޮމިޓީން ފާސްކޮށް، މިއަދުވަނީ ގޮތެއް ނިންމަން ތަޅުމަށް ފޮނުވައި ވޯޓަށް 9:45 އެޖެންޑާ ކޮށްފައެވެ.

ނަމަވެސް މި ބިލަށް ވޯޓަށް އެހުމުގެ ކުރިން އެމްޑީޕީގެ މެންބަރުން އައީ ބިލާ ގުޅިގެން އެ މެންބަރުންގެ ހުރި ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ. އެގޮތުން މަޖިލީހުގެ ރިޔާސަތުގެ ކުރިމައްޗަށް މެންބަރުން އެއްވެ ގެންދެވީ އަޑު އުފުލަމުންނެވެ. އެމްޑީޕީއިން ކަންބޮޑުވުން ފާޅުކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލާ ގުޅޭގޮތުން މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ ދެއްވެވި ލަފާ ބޮލާލާޖެއްސެވީ ކަމަށް ބުނެއެވެ.

އެއާއެކު ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް އަބްދުﷲ ވަނީ ތަކުރާރުކޮށް އެ މެންބަރުންނަށް ނަސޭހަތްތެރިވެ، ގޮނޑިކޮޅުގައި ތިއްބެވުމަށް އެދިވަޑައިގެންފައެެވެ.

އޭގެ އިރުކޮޅެއް ފަހުން ރިޔާސަތުން ވަނީ ގަލޮޅު ދެކުނު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމާއި، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދާއި، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުގެ ނަން އިއްވައި އެ މެންބަރުން ތަޅުމުން ނެރެފައެެވެ.

އެއަށްފަހު މި ބިލަށް ވޯޓަށް އެހޭވަރުވީ 10:00 ގައެވެ. ސިސްޓަމަށް ދިމާވި މައްސަލައާއެކު ވޯޓަށް އެހީ ކޮންމެ މެންބަރެއް ގާތު ވަކިވަކިން އަހައިގެންނެވެ.

މި ބިލަށް ވޯޓަށް އަހަމުން ގެންދެވިއިރު ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވަނީ ތަޅުން ދޫކުރައްވައި ނިކުމެވަޑައިގެންފައެެވެ.

މީގެ އިތުރުން ކޮމިޓީ މަރުހަލާގައި އެ ބިލަށް، ޖުޑީޝިއަރީ ކޮމިޓީގައި ވޯޓަށް އެހުމުން ވަކިކޮޅަކަށް ވޯޓު ދެއްވަން އެ ކޮމިޓީގެ ނައިބު މުގައްރިރު އަދި ހުރާ ދާއިރާގެ ޕީއެންސީ މެންބަރު އަނާރާ ނައީމް ދެކޮޅު ހެއްދެވި ނަމަވެސް، ތަޅުމުގައި ވޯޓު ދެއްވީ ބިލު ފާސްކުރާށެވެ.

ޖުމްލަ 79 މެންބަރުން މަޖިލީހަށް ހާޒިރުވިއެވެ. މި ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވި 77 މެންބަރުންގެ ތެރެއިން 68 މެންބަރުން ފާސްކުރަން ވޯޓު ދީގެންނެވެ. ބިލާ ދެކޮޅަށް ނުވަ މެންބަރުން ވޯޓު ދިނެވެ.

ސުޕްރީމް ކޯޓުން އަންނަނީ، މަޖިލިސް މެންބަރުން ޕާޓީން ވަކިކުރުމުން ނުވަތަ އަމިއްލައަށް ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ހުށަހަޅައިފައިވާ މައްސަލައެއް ބަލަމުންނެވެ.

ބިލު ފާސްކުރިއިރު މިއަދު ހެނދުނު 11:00 އަށް އޮތީ އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރުމާމެދު ގޮތެއް ނިންމަން އަޑުއެހުމެއް ތާވަލުކޮށްފައެވެ.

އެ މައްސަލަ ކުރިއަށްދަނިކޮށް މި ބިލް ހުށަހެޅުމަކީ ޖުޑިޝަރީއަށް ބާރު ފޯރުވައި، ބިރު ދެއްކުމަށް ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅުން ވަނީ ސިފަކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ވެރިކަން ކުރާ ޕާޓީން ގާނޫނު އަސާސީ އިސްލާހު ކޮށްފައިވަނީ އެއް ދުވަހުގެ މަސައްކަތުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 20ގައި ބިލުގެ ފުރަތަމަ ކިޔުން އިއްވައި، މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައި، އެ ކޮމިޓީން ފާސްކޮށް، ތަޅުމުން ވެސް ފާސްކުރިއެވެ.

ހަމަ އެ ދުވަހު ރައީސް އެ ބިލް ތަސްދީގު ކުރައްވައި، ގާނޫނު އަސާސީ އިސްލާހު ކުރެއްވިއެވެ.

comment ކޮމެންޓް