ފޯރިގަދަ ސެމީއެއް؛ އެތުލެޓިކޯއިން ބާސާ ހިފަހައްޓާލީ ފަހު ނޭވާގައި

ސްޕެނިޝް ކޮޕާ ޑެލް ރޭގެ ސެމީ ފައިނަލްގައި އެފްސީ ބާސެލޯނާއާއި އެތުލެޓިކޯ މެޑްރިޑްގެ މެދުގައި ކުޅުނު ފުރަތަމަ ލެގު އެއްވަރުވެއްޖެއެވެ.

ބާސާގެ ދަނޑުގައި ކުޅުނު މިމެޗު އެއްވަރުވީ 4 ލަނޑު 4 ލަނޑުގެ ނަތީޖާއަކުންނެވެ.

އެތުލެޓިކޯއިން ވަނީ މެޗުގެ ފުރަތަމަ މިނެޓްގެ ތެރޭގައި ލަނޑެއް ޖަހައި، ބާސާ ސިއްސުވާލައިފައެވެ. މެޗުގެ ކުޅުން ފެށިތާ 50 ވަނަ ސިކުންތުގައި މި ލަނޑު ޖަހައިދިނީ ހޫލިއަން އަލްވަރޭޒެވެ. އޭގެ ފަސް މިނެޓް ފަހުން އެންޓޮއިން ގްރީޒްމަން ކާމިޔާބުކޮށްދިން ލަނޑާ އެކު މެޗުގައި އެތުލެޓިކޯއިން ދެ ލަނޑުގެ ލީޑެއް ނެގިއެވެ.

އެކަމަކު، 19 ވަނަ މިނެޓުގައި ޕެޑްރީ ކާމިޔާބުކޮށްދިން ލަނޑުން ބާސާއިން ފަރަގު ކުޑަކުރިއެވެ. އޭގެ ތިން މިނެޓު ފަހުން ޕައު ކުބާސީ ކާމިޔާބު ކޮށްދިން ލަނޑުން ބާސާއިން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. އޭގެ ފަހުން 41 ވަނަ މިނެޓުގައި ބާސާއިން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. އެ ލަނޑު ޖަހައިދިނީ އިނީގޯ މާޓިނޭޒެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ލަނޑެއް ނުފެނުނު ނަމަވެސް 74 ވަނަ މިނެޓުގައި ބާސާއިން ވަނީ އިތުރު ލަނޑެއް ޖަހައި ދެ ގޯލުގެ ލީޑެއް ނަގައިފައެވެ. އެ ލަނޑު ޖަހައިދިނީ ރޮބަޓް ލެވަންޑޯސްކީއެވެ.

އެތުލެޓިކޯއިން ނަތީޖާ އަނބުރާލީ ފަހު ވަގުތުގައެވެ. މެޗު ނިމެން ހަ މިނެޓަށްވީ ފަހުން މާކޮސް ލޮރެންޓޭ ލަނޑެއް ޖެހިއިރު އޭގެ ފަހުން އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި އެލެގްޒެންޑާ ސޯލޮތު ވަނީ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ދެ ޓީމުގެ މެދުގައި ކުޅޭ ދެވަނަ ލެގު އޮންނާނީ އޭޕްރީލް މަހުގެ ތިންވަނަ ދުވަހެވެ. އެ މެޗު ކުޅޭނީ އެތުލެޓިކޯގެ ދަނޑުގައެވެ. މި މުބާރާތުގެ ދެވަނަ ސެމީ ފައިނަލްގައި މިރޭ ބައްދަލުކުރާނީ ރެއާލް ސޮސިއެޑާޑާއި ރެއާލް މެޑްރިޑެވެ.

comment ކޮމެންޓް