ފަނޑިޔާރުން ވަކިކުރަނީ ނުފޫޒު ފޯރުވަން، ސުޕްރީމް ކޯޓުން ބަސް ބުނަންޖެހޭ: ކުރީގެ އުއްތަމަފަނޑިޔާރު

ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ: އޭނާ ވިދާޅުވީ، ފަނޑިޔާރުން ވަކިކުރާ މައްސަލައިގައި ކޯޓުން ބަސް ބުނަންޖެހޭ ކަމަށް -- ސަން ފޮޓޯ: ފަޔާޒު މޫސާ

ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ ޖުމުލަ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅީ ޝަރީއަތަށް ނުފޫޒު ފޯރުވަން ކަމަށާއި އެ މައްސަލައިގައި ސުޕްރީމް ކޯޓުން ބަހެއް ބުނަންޖެހޭ ކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުން ދެ ފަނޑިޔާރުން ވަކިކުރާ ގޮތަށް ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރަކު ހުށަހެޅި ބިލު މިއަދު ވަނީ މަޖިލީހަށް ބަލައިގެންފައެވެ.

އެ ބިލާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ކުރީގެ އުއްތަމަފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ބިލަކީ އަދުލު އިންސާފު ގާއިމުކުރުމުގެ ނިޒާމުގެ މުސްތަގިއްލުކަން ނިގުޅައިގަނެ، ފަނޑިޔާރުންނަށް ނޭދެވޭ ނުފޫޒު ފޯރުވަން ކުރާ ކަމެއް ކަމާ މެދު ޝައްކެއް ނެތް ކަމަށެވެ.

"ވަކިން ޚާއްޞަކޮށް ސުޕްރީމް ކޯޓުން ޢާންމު މަޞްލަޙަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައެއް ބަލަމުން ދާ ދަނޑިވަޅެއްގައި، ކޯޓަށް ނުފޫޒުފޯރާ ފަދަ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ކުރާނަމަ، އެއީ ދުސްތޫރީގޮތުން ޞައްޙަ ޢަމަލެއް ކަމުގައި ނުބެލެވޭނެއެވެ،" އެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވީ، ސުޕްރީމް ކޯޓު ފަނޑިޔާރުންގެ އަދަދު އިރުއިރުކޮޅާ ބަދަލުކުރުމަކީ ތަހުޒީބު މުޖުތަމައެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ، ސުޕްރީމް ކޯޓަށް ލިބިފައިވާ ދުސްތޫރީ އިހުތިސާސްތަކުގެ ތެރެއިން ގޮތް ކަނޑައެޅުމަކީ އެ ކޯޓުން އުފުލަންޖެހޭ ދުސްތޫރީ މަސްއޫލިއްޔަތެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އޭނާ ވަނީ، 2014 ވަނަ އަހަރު އޭރުގެ ޕީޕީއެމް ސަރުކާރުން ވެސް ހަތް ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން އުޅުނު ދުވަސްވަރުގެ ހާދިސާއެއް ހިއްސާކުރައްވާފައެވެ.

ފެޑެރަލް ކޯޓް އޮފް އޮސްޓްރޭލިއާ، ބްރިޒްބެން އިން ކޮމަންވެލްތް ސެކްރިޓޭރިއޭޓާ ގުޅިގެން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ޚާއްސަކޮށްގެން ބޭއްވި "ސިމްޕޯޒިއަމް އޮން ޖުޑިޝަލް އިންޑިޕެންޑެންސް"ގެ ހަވާސާގައި އެ ކަމާ ގުޅިގެން ވާހަކަދެއްކި ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީގެ އުއްތަމަފަނޑިޔާރު ވިދާޅުވީ، އެ ސިމްޕޯޒިއަމް ޗެއާކުރެއްވި ޖަސްޓިސް ޖޯން ލޯގަން ވަނީ އެއީ ޖުޑިޝަރީގެ މިނިވަންކަމާ ގުޅޭ އާންމު އުސޫލުތަކާ ހިލާފު ކަމެއްކަމާއި އެ ކަމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައެޅުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވައިފައެވެ.

އެ ސިމްޕޯޒިއަމްގައި މިހާރުގެ އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވެސް ބައިވެރިވެވަޑައިގަތެވެ.

އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ، ރާއްޖެ އެނބުރި ވަޑައިގަތުމަށް ފަހު އޭރުގެ އުއްތަމަފަނޑިޔާރާ ބައްދަލުކުރައްވައި އެ މައްސަލައިގައި ބަހުސްކޮށް ގޮތެއް ނިންމަން ފަނޑިޔާރުންގެ މަޖިލީހެއް ބާއްވައިދޭން އެދުނު ކަމަށެވެ. އެކަމަކު، އޭރު ހުންނެވި އުއްތަމަފަނޑިޔާރު އެއީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ވިދާޅުވީ ކަމުގައި އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ދެންނެވިން އެއީ މަނިކުފާނުގެ ޝަޚުޞީ މައްސަލައެއް ނޫނޭ، އެއީ ޢަދުލު އިންސާފު ގާއިމުކުރުމުގެ ނިޒާމުގެ މުސްތަޤިއްލުކަމާ ގުޅިފައިވާ ޢާންމު މަޞްލަޙަތުގެ މައްސަލައެކޭ،" އަބްދުﷲ ދީދީ ވިދާޅުވިއެވެ.

https://www.sun.mv/203023

ސަރުކާރުގެ ހިންގާ ޕީއެންސީން، މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީގެ އަސާސީ ސިފަތަކާ ފުށުއަރާ އިސްލާހެއް ކަމަށް ބުނެ، އެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. ސުޕްރީމް ކޯޓުގެ ބެންޗު ފަސް ފަނޑިޔާރުންނަށް ކުޑަކުރަން ހުށަހެޅީ އެ މައްސަލަ ބަލަމުން އަންނަނިކޮށެވެ.

އެ ބިލާ ގުޅޭ ގޮތުން ޕީއެންސީގެ މެންބަރުންގެ މެދުގައި ވެސް ނުތަނަވަސްކަން އޮތެވެ.

އެކަމަކު، އެ ބިލަށް ތާއީދުކުރަން ޕީއެންސީގެ ލީޑާޝިޕުން ނިންމައި، އެ ބިލަށް ވޯޓުދޭން އެ ޕާޓީގެ މަޖިލީސް މެންބަރުންނަށް ރޭ ވަނީ އަންގައިފައެވެ. އެ އެންގުމާ އެއްގޮތަށް މިއަދު ވަނީ އެ ބިލު ބަލައިގެންފައެވެ. ކޮމިޓީ ވެސް ވަނީ މިއަދަށް އެޖެންޑާކޮށްފައެވެ.

comment ކޮމެންޓް