ޒަކިއްޔާގެ މަރު: ފެއިލްވީކަމަށް ބުނެ އިސްތިއުފާއަށް ގޮވަނިކޮށް އިހުސާނާއި ސީޕީ ހޮޅުދުއަށް

ހޯމް މިނިސްޓަރު އަލީ އިހުސާން: -- ފޮޓޯ/ ފުލުހުން

ނ. ހޮޅުދޫގައި ބޮޑެތި ޒަޚަމްތަކަކާއެކު، މަރުވެފައި އޮއްވާ ފެނުނު 50 އަހަރުގެ ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި ތަހުގީގު ކުރިއަށްދާ ގޮތާމެދު އެ ރަށު ރައްޔިތުން ނުރުހި ރުޅި އައިސް ތިއްބާ ހޯމް މިނިސްޓަރު އަލީ އިހުސާން އެ ރަށަށް މިއަދު ވަޑައިގަންނަވަން ނިންމަވައިފިއެވެ.

ހޯމް މިނިސްޓްރީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ މިނިސްޓަރު އިހުސާނާއި، ފުލުސް ކޮމިޝަނަރު އަލީ ޝުޖާއު ހޮޅުދުއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ބޭފުޅުން ހޮޅުދުއަށް ވަޑައިގަންނަވާނީ މިރޭ ކަމަަށާއި، ރަށަށް ވަޑައިގެން މި މަރުގެ މައްސަލައިގައި ކަމާ ގުޅުންހުރި މީހުންނާ ބައްދަލުކޮށް މައުލޫމާތު ސާފުކުރާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޒަކިއްޔާގެ މަރުގެ ތަހުގީގުގެ އެއްވެސް އަދާހަމައެއް ރައްޔިތުންނަށް ނޭނގޭތީ އެ ރަށު ރައްޔިތުން އަންނަނީ ކޮންމެ ދުވަހަކުހެން ފުލުސް ސްޓޭޝަން ކުރިމަތީ އިހުތިޖާޖުކޮށް އަޑު އުފުލަމުންނެވެ.

އެގޮތުން އެ ރަށު ރައްޔިތުން އަންނަނީ މި މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ އިދާރާއާއި ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުޙައްމަދާއި، ހޯމް މިނިސްޓަރު ވެސް ފެއިލްވެއްޖެ ކަމަށް ބުނަމުންނެވެ. އަދި މިނިސްޓަރު އިހުސާން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށާއި އެ ރަށު ޕޮލިސް ސްޓޭޝަނުގައި ތަޅު އަޅުވަން ޖެހޭ ކަމަށް އެ މީހުން ބުނެފައިވެއެވެ.

ރައްޔިތުންގެ ނުރުހުން ބޮޑުވެފައި ވަނިކޮށް، އެ މައްސަލަ ތަހުގީގުކުރުމުގައި ފުލުހުން ގާނޫނާއި ގަވާއިދާ ޚިލާފުވެފައި ވޭތޯ ބަލަމުން އަންނަ ކަމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އިން އާދިއްތަ ދުވަހު ވަނީ ބުނެފައެވެ.

comment ކޮމެންޓް