އޭޕްރިލް 15އިން ފެށިގެން، ދަތިކަމެއް ނެތި ހުރިހާ ބޭހެއް ލިބޭނެ: ރައީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު މީދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން: އެ މަނިކުފާނު ވަނީ ޒަރޫރީ ހުރިހާ ބޭހެއް އަންނަ މަހު 15އިން ފެށިގެން އެސްޓީއޯއިން ލިބޭނެ ކަމަށް ވިދާޅުވެފައި -- ފޮޓޯ/ ރައީސް އޮފީސް

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ހުއްދަ ދީފައިވާ ލިސްޓުގައި ހިމެނޭ ހުރިހާ ބާވަތެއްގެ ބޭހެއް ވެސް، އޭޕްރީލް 15އިން ފެށިގެން އެސްޓީއޯ ބޭސްފިހާރަތަކުން ދަތިކަމެއްނެތި ލިބޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދ. އަތޮޅަށް އެ މަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މީދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ މަނިކުފާނު ވިދާޅުވީ އެމްއެފްޑީއޭގެ އެސެންޝަލް ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް އަންނަ މަހުގެ 15އިން ފެށިގެން އެސްޓީއޯ ބޭސްފިހާރަތަކުން ލިބޭނެ ކަމަށެވެ.

"ހަމަ އެއާއެކީގައި އެޕްރޫވްޑް މެޑިސިން ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް ވެސް އޭގެ އެއް މަސްދުވަސް ފަހުން 15 އޭޕްރީލުން ފެށިގެން އެސްޓީއޯގެ ހުރިހާ ބޭސްފިހާރައަކުން ލިބެމުންދާނެ," ރައީސް ވިދާޅުވިއެވެ.

މީގެ ކުރިން ރާއްޖޭގައި އަގުހެޔޮ ބޭސްތައް ވެސް ވިއްކަމުން ގޮސްފައިވަނީ އިންތިހާއަށް ބޮޑު ފައިދާގައި ވަރަށް އަގުބޮޑުކޮށެވެ. އެހެންވެ، އާސަންދައިން ވެސް އެ ކަމަށް ކުރަންޖެހޭ ޚަރަދު އިންތިހާއަށް ބޮޑުވިއެވެ.

އެއާއެކު ސަރުކާރުންވަނީ އަގުބޮޑުކޮށް ބޭސް ވިއްކުން ހުއްޓުވުމަށް ޓަކައި ބޭހުގެ އަގު ދަށްކޮށް އެސްޓީއޯ ރޭޓުގައި ބޭސް ވިއްކަންޖެހޭ ގޮތަށް ހަދައިފައެވެ. އަދި އަގުބޮޑުކޮށް ބޭސް ވިއްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ވެސް ވަނީ ނިންމައިފައެވެ.

އާސަންދަ ކައުންޓަރެއް: އާސަންދައަށް ކުރާ ޚަރަދު އިތުރުވާތީ، މި ސަރުކާރުން ވަނީ އިސްލާހީ ފިޔަވަޅުތަކެއް އަޅައިފައި -- ފޮޓޯ: އާސަންދަ

ރައީސް ވިދާޅުވީ ބޭހުގެ ދަތިކަން އުފެދުނީ، ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު ބޭސް އެތެރެކުރާ ފަރާތްތަކުން ދަތިކުރަން ފެށުމުން ކަމަށެވެ.

"އަޅުގަނޑުމެން ޕްރައިޒް ކަޓްޑައުންކުރީ. އެސްޓީއޯގެ ރޭޓަށް ތިރިކުރީ. ތިރިކުރީމަ މި ބޭސް ގެންނަ ފަރާތްތަކުން ދަތިކުރަން ފެށީ. ދަތިކުރަން ފެށީމަ ބޭސް މަދުވީ. މިއީ ދިމާވި މައްސަލަ،" ރައީސް ވިދާޅުވިއެވެ.

"ޕްރައިވެޓް ސެކްޓާއިން ރައްޔިތުންނަށް އުނދަގޫކުރުމަށް މި ކުރި މަސައްކަތް އެއްކޮށް އަޅުގަނޑުމެން ހައްލު ކުރާނަން... އެ މީހުން މި އޮތްހާ ދުވަހު 1،000 2،000 ޕަސެންޓާ ހަމައިން ރައްޔިތުންގެ ފައިސާހަމަ ޑްރެއިން ކުރަމުންދިޔައީ. ފެނިވަޑައިގަންނަވާނެ ރަށެއްގައި ކުޑަކުޑަ ބޭސްފިހާރައެއް ހުޅުވައިލާ މީހާ ވެސް، އަހަރު ދުވަސް ނުވާނެ ބޮޑެތި މަސްދޯނި ބަންނާނީ. މިއީ ހަގީގަތް، އެ ކަން ހުއްޓުވައިލީމަ މައްސަލަ ޖެހުނީ."

ރައީސް ވިދާޅުވީ ސަރުކާރުން ބޭސް ލިބުން ދަތިކުރީ ނޫން ކަމަށާއި، ސަރުކާރުން ކުރި ކަމަކީ ރައްޔިތުންގެ ހެވާ ލާބަޔަށް، ރައްޔިތުންގެ ފައިސާއިން ކުރަމުންދިޔަ އިސްރާފު ކުޑަކުރީ ކަމަށެވެ.

މީގެ އިތުރުން ވެސް ރައީސްގެ ވާހަކަފުޅުގައިވަނީ އަންހެނުންގެ ތަރައްގީއަށް މަަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ މެންބަރުންނަށް މި ހަފުތާގެ ނިޔަލަށް ރޯދަ އިނާޔަތް ދިނުމަށް، ފިނޭންސް މިނިސްޓްރީން ކައުންސިލްތަކަށް އަންގަވާފައިވާ ކަމަށް ވިދާޅުވެފައެވެ. މިއީ ޑަބްލިއުޑީސީ މެންބަރުންނަށް ފުރަތަމަ ފަހަރަށް ރޯދަ އިނާޔަތް ހަމަޖެހުނު ފަހަރުކަން ފާހަގަ ކުރައްވައި، ރައީސްވަނީ އެ ބޭފުޅުންނަށް މަރުހަބާ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވި ގޮތުގައި ކުރިޔަށް އޮތް ތަނުގައި މަސްވެރިންނަށް ވެސް ރޯދަ އިނާޔަތް ލިބޭގޮތަށް ހަމަޖެއްސެވުމަކީ އެ މަނިކުފާނު ބޭނުންފުޅުވާ ގޮތެވެ.

ރައީސް ދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ބީއެމްއެލްގެ އޭޓީއެމްތައް ވެސް ހުޅުއްވައިދެއްވަމުން ގެންދަވާއިރު، އެ މަނިކުފާނު ވަނީ އެ އަތޮޅެއްގެ ހުރިހާ ރަށަކަށް އޭޓީއެމް ޚިދުމަތް ލިބޭ ފުރަތަމަ އަތޮޅަކަށް ވާނީ ދ. އަތޮޅު ކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވި ގޮތުގައި މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ އަތޮޅެއްގެ ހުރިހާ ރަށެއްގައި ވެސް ބޭންކިންގެ ޚިދުމަތް ގާއިމްކުރާނެއެވެ.

"...މި އަހަރު ނިމޭނީ ހަމަ މި އަތޮޅު ގޮތަށް ހުރިހާ އަތޮޅެއްގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، އެއީ 100 މީހުން ދިރިއުޅޭ ރަށެއް ވިޔަސް ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާފައި... އާންމު ރައްޔިތުން އަޅުގަނޑު މި އިސްކުރަނީ. އެންމެ އާދައިގެ މީހާއަށް ވެސް މުއްސަނދިކަން ލިބޭގޮތަށް ފަސޭހަކަން ގެނެސްދޭން،" ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން އާސަންދަ ނިޒާމަށް ބަދަލުތައް ގެނެސްފައިވަނީ، ދައުލަތުގެ ޚަރަދު ކުޑަކުރުމަށް އަޅައިފައިވާ އިސްލާހީ ފިޔަވަޅުތަކުގެ ދަށުންނެވެ. އާސަންދައަށް ކުރާ ޚަރަދު ކޮންމެ އަހަރަކު ވެސް އިތުރުވަމުން އަންނައިރު، މިދިޔަ އަހަރު ވެސް ބަޖެޓަށް ވުރެ އިތުރަށް އާސަންދައަށް ޚަރަދުކޮށްފައިވެއެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމު ކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މި މަހުގެ މެދާ ހަމައަށް ވެސް، އާސަންދައަށް ޚަރަދު ކޮށްފައިވާ މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ ވަނީ އިތުރުވެފައެވެ.

އާސަންދައިގެ ހޭދަ އިތުރުވި ނަމަވެސް، އެ ނިޒާމުން ބޭސް ލިބުމުގައި ދަތިތައް ދިމާވާކަމުގެ ކަންބޮޑުވުންތައް ދަނީ އިތުރުވަމުންނެވެ.

comment ކޮމެންޓް