މިދިޔަ މަހު އެންސްޕާއިން ތެރަޕީއަށް 12 މިލިއަން ރުފިޔާ، ބިހޭވިއާ ތެރަޕީއަށް 3.5 މިލިއަން

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފަރުވާދޭ ތެރަޕީ ސެންޓަރެއް: މިދިޔަ މަހު އެންސްޕާއިން ތެރަޕީއަށް 12 މިލިއަން ރުފިޔާ ޚަރަދުކުރި -- ފޮޓޯ/ ރައީސް އޮފީސް

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން މިދިޔަ މަހު, ނުކުޅެދުންތެރިކަން ހުންނަ ކުޑަކުދިންނާއި މީހުންގެ ތެރަޕީއަށް 12.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.

އެންސްޕާއިން މިރޭ އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި ނުކުޅެންދުތެރިކަން ހުންނަ ފަރާތްތަކަށް ތެރަޕިއުޓިކް ފަރުވާއަށް ޚަރަދު ހަމަޖެއްސުމުގެ ޕްރޮގްރާމުގެ ދަށުން މިދިޔަ މަހު، ޖުމްލަ 359 މީހުންގެ ފަރުވާއަށް ޚަރަދުކޮށްފައިވެއެވެ. އޭގެ ތެރޭގައި 252 ފިރިހެނުންނާއި 107 އަންހެނުން ހިމެނެއެވެ.

ތެރަޕީގެ ބާވަތުން ކުރި ޚަރަދަށް ބަލާއިރު، 3.5 މިލިއަން ރުފިޔާއާއެކު އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ބިހޭވިއާ ތެރަޕީއަށެވެ. އާންމު ގޮތެއްގައި ވެސް، އެންސްޕާއިން އެންމެ ގިނައިން ޚަރަދުކުރާ ތެރަޕީއަކީ މި ބާވަތެވެ.

އިތުރު ތެރަޕީތަކަށް ކޮށްފައިވާ ޚަރަދަށް ބަލާއިރު:

  • އޮކިއުޕޭޝަނަލް ތެރަޕީއަށް: 3.49 މިލިއަން ރުފިޔާ
  • ސައިކޯ ތެރަޕީއަށް: 99،350 ރުފިޔާ
  • އާލީ އިންޓަވެންޝަންއަށް: 9،000 ރުފިޔާ
  • ސްޕީޗް ތެރަޕީއަށް: 3.27 މިލިއަން ރުފިޔާ
  • އެޑިއުކޭޝަނަލް ތެރަޕީ: 1.88 މިލިއަން ރުފިޔާ
  • ފިޒިއޯތެރަޕީއަށް: 118،452 ރުފިޔާ

މީގެ އިތުރުން، ބޭސްފަރުވާ އެހީގެ ޕްރޮގްރާމުގެ ދަށުން ތެރަޕިއުޓިކް ފަރުވާއަށް 58 މީހުންނަށް 435،120 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެންސްޕާގެ ތަފާސްހިސާބުން ދައްކައެވެ.

އެ އިދާރާއިން އާންމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި، މިދިޔަ މަހުގެ ނިޔަލަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި 14،938 ކުދިންނާއި މީހުން ރެޖިސްޓާވެފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ 5،050 ކުދިންނާއި 18 އަހަރާއި 64 އަހަރާ ދެމެދުގެ 7،613 މީހުން ހިމެނެއެވެ.

https://sun.mv/211762

މީގެ އިތުރުން، 65 އަހަރުން މަތީގެ 2،275 މީހުން ވެސް ރެޖިސްޓާކޮށްފައިވެއެވެ.

އެ ރެޖިސްޓްރީގައި ހިމެނޭ މީހުންގެ ތެރޭގައި އެންމެ ގިނައީ ޖިސްމާނީ ނުކުޅެންދުތެރިކަން ހުންނަ ކުދިންނާއި މީހުންނެވެ. އެއީ 4،193 އެވެ. އަދި އެކި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ އަދަދު 3،372އަށް އަރާއިރު، ސިކުނޑިއާ ގުޅުންހުރި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ އަދަދު 1،871އަށް އަރައެވެ.

މީގެ އިތުރުން، ނަފުސާނީ ނުކުޅެދުންތެރިކަން ހުންނަ 2،059 ކުދީންނާއި މީހުން ވެސް ރަޖިސްޓްރީގައި ހިމެނެއެވެ.

comment ކޮމެންޓް