ތިން ބޭހަކުން ނުރައްކާ މިންވަރަށް ކެމިކަލް ފެނިގެން ސަމާލުވާން އެދެފި

އެމްއެފްޑީއޭއިންވަނީ މި ތިން ބޭހަށް ސަމާލުވާން އެދިފަ ---

ތައިލޭންޑުގައި އުފައްދާ އެއް ބޭހަކާއި އިންޑިއާގައި އުފައްދާ ދެ ބޭހަކުން ނުރައްކާތެރި މިންވަރަށް ކެމިކަލް ހުރިކަމަށް ފާހަގަވެފައިވާތީ ސަމާލުވުމަށް ދިވެހިރާއްޖޭގެ ކާބޯތަކެއްޗާ ބޭހާ ބެހޭ އިދާރާ (އެމްއެފްޑީއޭ)އިން ބުނެފިއެވެ.

އެމްއެފްޑީއޭއިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައި ވަނީ، ދިވެހީން ވެސް ބޭނުންކޮށްފާނެ ކަމަށް ބެލެވޭ ބައެއް ބޭސްތަކުގައި ނުރައްކާތެރި ކެމިކަލެއް ކަމަށްވާ އެން-ނައިޓްރޯސޯޑިމެތައިލަމިން (އެންޑީއެމްއޭ) ހުންނަންޖެހޭ މިންގަނޑަށް ވުރެ އިތުރަށް ހުރި ކަމަށް، ދެކުނު އިރުމަތީ އޭޝިއާގެ ރީޖަން ނެޓްވޯކް (ސެއާން) އިން އަންގާފައިވާ ކަމަށެވެ.

އެންޑީއެމްއޭ ހުންނަން ޖެހޭ މިންގަނޑަށް ވުރެ އިތުރަށް ހުރި ކަމަށް ތިން ބޭހެއް އެގޮތުން ފާހަގަވެފައިވާ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.

އެކަމަކު އޭގެ އެއްވެސް ބޭހެއް، ބޭސް އެތެރެކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން ރާއްޖެ އެތެރެކޮށްފައިނުވާ ކަމަށް، އެ އިދާރާއިން ބުންޏެވެ.

ނަމަވެސް ތައިލޭންޑަށާއި އިންޑިއާއަށް ގިނަ ދިވެހިން ބޭސް ފަރުވާއަށް ދާކަން ފާހަގަކޮށް އެމްއެފްޑީއޭއިން ވަނީ، ބައެއް ހާލަތްތަކުގައި އެ ގައުމުތަކުން ރާއްޖެއަށް ބޭސް އެތެރެކުރާތީ، ރާއްޖެ އަންނަ މީހުން އެކަމަށް ސަމާލުވާން އެދިފައެވެ.

އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ބޭސް ސިޓީއަށް އެތެރެކުރާ ބޭސް ޚާއްސަ ސަމާލުކަން ދީގެން ބަނދަރުތަކުގައި ބަލައި ފާސްކުރާނެ ކަމަށް ވެސް އެމްއެފްޑީއޭއިން ބުންޏެވެ.

comment ކޮމެންޓް