ރާއްޖޭގެ ސިއްހީ ދާއިރާއަށް، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިއެސްޑީބީ)އިން ހަތަރު ލައްކަ ޑޮލަރު (6.16 މިލިއަން ރުފިޔާ)ގެ ހިލޭ އެހީ މިއަދު ހަދިޔާކޮށްފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ، މި އެހީއަކީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހެލްތު އިމްޕެކްޓް އިންވެސްޓްމަންޓް ޕްލެޓްފޯމް (އެޗްއައިއައިޕީ) ޕްރޮގްރާމުގެ ތެރެއިން ދިން އެހީއެއް ކަމަށެވެ.
އެ ހިލޭ އެހީގެ ދަށުން ޕްރައިމަރީ ހެލްތު ކެއާއަށް އެހީތެރިވެ، ސިއްހީ މަރުކަޒުތަކާއި ސަރަހައްދީ ހޮސްޕިޓަލްތަކުގެ މެދުގައި ރިފަރަލް ސިސްޓަމްތައް ހަރުދަނާކުރުމަށާއި އިންސާނީ ވަސީލަތް ބިނާކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި އެހީން ހެލްތު އިންފޮމޭޝަން ސިސްޓަމްތައް ހަރުދަނާކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ސިއްހީ ދާއިރާއަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޚަރަދުކުރާނެކަން ވެސް މިނިސްޓްރީން ފާހަގަކުރިއެވެ.

ޔުނިވާސަލް ހެލްތު ކަވަރޭޖު ފޯރަމްގެ ތެރެއިން ---- ފޮޓޯ/ ހެލްތު މިނިސްޓްރީ
މިނިސްޓްރީން ބުނީ، އިއްޔެއާއި މިއަދު ކުރުނބާ ރިސޯޓްގައި ބޭއްވި މޯލްޑިވްސް ނެޝަނަލް ޔުނިވާސަލް ހެލްތު ކަވަރޭޖް ފޯރަމްގައި ސިއްހީ ދާއިރާ ކުރިއެރުވުމަށް އެކި ގޮތްގޮތުން އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން އެކި ގައުމުތަކުން ދީފައިވާ ކަމަށެވެ.
އެ ފޯރަމްގައި ރާއްޖެއާއި ރާއްޖޭން ބޭރުން 100 އަށްވުރެ ގިނަ ބައިވެރިން އަމަލީ ގޮތުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި، ރާއްޖޭގެ ޞިއްޙީ ދާއިރާއާއި އެ ދާއިރާއާ ގުޅުން ހުރި އެހެން އިދާރާތަކާއި ސިއްހީ ޚިދުމަތްދޭ އަމިއްލަ ފަރާތްތަކާއި ވޯލްޑް ބޭންކާއި އައިއެސްޑީބީ ފަދަ ޑިވެލޮޕްމެންޓް ބޭންކްތަކާއި ބައިނަލްއަގުވާމީ ޖަމްޢިއްޔާތައް ހިމެނެއެވެ.
ޔުނިވާސަލް ހެލްތު ކަވަރޭޖް (ޔޫއެޗްސީ)ގެ މަފްހޫމަކީ، އެކަށީގެންވާ ފެންވަރުގެ ސިއްހީ ޚިދުމަތާއި އެއްވެސް މީހަކު ބާކީ ނުވާނޭހެން، އެ މީހަކު ދިރިއުޅޭ ކޮންމެ ތަނަކުން ފަސޭހަކަމާއެކު އެ ޚިދުމަތް ލިބެން ހުރުން ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
އެ ފޯރަމްގައި، ރާއްޖޭގެ ސިއްހީ ދާއިރާގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި، ފަރުދީ އަދި ޖަމާޢަތް ފެންވަރުގައި ފޯރުކޮށްދޭން ޖެހޭ ސިއްހީ ޚިދުމަތްތައް ގާއިމުކޮށް، ސިއްހީ ސިޔާސަތުތައް އެކަށައެޅުމާއި ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރި ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.