ބީއެމްއެލްއިން ލޯނު ދޫކުރާ އެންމެ ދޮށީ އުމުރު 75 އަހަރަށް މަތިކޮށްފި

ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް: ބީއެމްއެލްއިން ލޯނުދޫކުރާ އުމުރު 75 އަހަރަށް މަތިކޮށްފި --- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްއިން އަމިއްލަ ފަރުދުންނަށް ލޯނު ދޫކުރާ އެންމެ ދޮށީ އުމުރަކީ 75 އަހަރު ކަމުގައި އެ ބޭންކުގެ ބޯޑުން ކަނޑައަޅައިފިއެވެ. މީގެ ކުރިން ލޯނު ދޫކުރަމުން އައީ އުމުރުން 60 އަހަރުން ދަށުގެ މީހުންނަށެވެ. ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވި ގޮތުގައި މި ބަދަލު ގެނައީ ގެދޮރު ގަތުމަށާއި އެހެނިހެން ބޭނުންތަކަށް ލޯނު ނަގަން ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމަށާއި، ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު ދިގުކުރުމުގެ ފުރުސަތު ހޯދައިދިނުމަށެވެ. މީގެ އިތުރުން އިންޓްރެސްޓް ރޭޓަށް ބަދަލު ގެނައުމުގެ ވިސްނުމެއް ނެތްކަމަށާއި، ނަމަވެސް ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކަށް އާންމު ރޭޓަށްވުރެ 1.5 އިންސައްތަ ކުޑަކޮށް ލޯނު ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.

  • ބީއެމްއެލްއިން ފަރުދުންނަށް ލޯނު ދޫކުރާ އެންމެ މަތީ އުމުރު 75 އަހަރަށް ބަދަލުކުރުން.
  • މެދުއުމުރުގެ މީހުންނަށް ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު 20 ނުވަތަ 25 އަހަރަށް އިތުރުކުރުމުގެ ފުރުސަތު ލިބުން.
  • މިހާރު ހުރި އިންޓްރެސްޓް ރޭޓްތަކަށް ބަދަލު ގެނައުމުގެ ވިސްނުމެއް ބޭންކުން ނުގެންގުޅުން.
  • ޑޮލަރުން ލޯނު ދައްކާ ފަރާތްތަކަށް އިންޓްރެސްޓް ރޭޓުން 1.5 އިންސައްތައިގެ ލުޔެއް ދިނުން.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ފަރުދުންނަށް ލޯނު ދޫކުރާއިރު، 75 އަހަރު ފުރުމާ ހަމައަށް ލޯނު ދޫކުރާ ގޮތަށް ނިންމައިފިއެވެ.

މީގެ ކުރިން އެ ބޭންކުން ލޯނު ދޫކުރަމުން އަންނަނީ އުމުރުން 60 އަހަރުން ދަށުގެ ކަސްޓަމަރުންނަށެވެ. އަދި 55 އަހަރުގެ ކަސްޓަމަރުންނަށް ވެސް ލޯނު ދޫކުރަމުން އައީ ފަސް އަހަރުގެ ތެރޭގައި އަނބުރާ ލޯނު ދައްކާގޮތަށެވެ.

މިއަދު އެ ބޭންކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، އެ ބޭންކުން ލޯނު ދޫކުރާ އުމުރު، 75 އަހަރަށް މަތިކުރަން އިއްޔެ ބޭންކުގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ ލޯނު ދޫކުރާ އުމުރު މަތިކުރީ، ވަރަށް ގިނަ ފަރާތްތަކުން ގެދޮރު ގަތުމަށާއި އެހެނިހެން ކަންތައްތަކަށް ލޯނަށް އެދޭތީ ކަމަށެވެ. އަދި މެދުއުމުރުގެ މީހުންނަށް ވެސް ލޯނު ދެއްކޭނޭ މުއްދަތު އިތުރުކުރުމުން ފަސޭހަވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މެދު އުމުރުގެ ބޭފުޅުންނަށް ވެސް އިތުރު ފަސޭހައެއް ވެގެންދާނެ އެ އޮންނަ 20 އަހަރަށް ނުވަތަ 25 އަހަރަށް ދަމާލައިގެން އެ ލޯނު ދެއްކުމުގެ ފުރުސަތު ލިބިގެންދާނެ. އެހެންވީމަ 75 އަހަރަށް މި އުމުރު [މަތިކުރަން] އަޅުގަނޑުމެން ބޯޑުން ނިންމައިފިން. ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް

މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައާ ގުޅުވައި ޝަރީފް ވިދާޅުވީ ލޯނު ދޫކުރުމުގައި އިންޓްރެސްޓް ރޭޓް ކުޑަކުރުމަށް ނުވަތަ ބޮޑު ކުރުމަށް ވެސް ވިސްނުމެއް ނެތް ކަމަށެވެ.

އިންޓްރެސްޓް ރޭޓަކީ ވަރަށް ގިނަ ކަންތައްތަކަކަށް ބެލުމަށްފަހު ކަނޑައަޅާ އެއްޗެއް ކަމަށާއި ވިޔަފާރިތަކާއި އެކި ކަންތައްތައްތަކަށް އިންޓްރެސްޓް ރޭޓް ކަނޑައަޅައިފައި ހުންނާނީ އެކި ވަރަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ރިސޯޓުތަކުގައި މަސައްކަތްކުރާ މީހުން ޑޮލަރުން ލޯނު ދައްކާނަމަ ކުޑަ އަގެއްގައި ލޯނެއް ނެގޭނޭ އިންތިޒާމް ވެސް މިހާރު ހަމަޖައްސަވާފައި ވާކަމަށެވެ. އެއީ އާންމު އިންޓްރެސްޓް ރޭޓުން ބަލާނަމަ 1.5 އިންސައްތަ ކުޑަކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ބޭރު ފައިސާއިން އާމަދަނީ ލިބޭ މީހުންނަށް ކުޑަ އަގުގައި ލޯނު ލިބޭނެ އިންތިޒާމް މިހާރު ހަމަޖެހިފައި ވާނެ ކަމަށް ޝަރީފްވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް