އެސްޓީއޯއިން ރޯދަމަހަށް ބިހާއި ފިޔައާއި އަލުވި އަދި ލުނބޯ ބާޒާރަށް ނެރެފި

ރޯދަ މަހަށް މާލޭގެ ބާޒާރުމަތި ހަލަބޮލިވުން: އެސްޓީއޯއިން ރޯދަމަހަށް ބިހާއި ފިޔައާއި އަލުވި އަދި ލުނބޯ ބާޒާރަށް ނެރެފި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ ރޯދަ މަހު އަގުހެޔޮކޮށް، ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް އެސްޓީއޯއިން, ބިހާއި ފިޔައާއި ލުނބޯ އަދި އަލުވި ބާޒާރަށް ނެރެފިއެވެ.

ކޮންމެ ރޯދަ މަހަކާ ދިމާކޮށް، ބާޒާރުގައި އަގުބޮޑުވާ އާސާސީ ކާބޯތަކެތި އެތެރެކޮށް، އެސްޓީއޯއިން ވިއްކައެވެ.

އެގޮތުން، އެސްޓީއޯއިން މިއަދު ބުނީ، ރޯދައަށް ޚާއްސަކޮށް ގެނައި ފިޔައާއި ލުނބޮޔާއި ބިހުގެ އިތުރަށް އަލުވި ބާޒާރަށް ނެރެފައިވާ ކަމަށެވެ. އެތެކަތި، ރީޓެއިލްކޮށާއި ހޯލްސޭލްކޮށް ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ކުރިން 350 ރުފިޔާއަށް ވިއްކި ފިޔާ ބަސްތާއެއް މިހާރު އެސްޓީއޯއިން ލިބެން ހުރީ 310 ރުފިޔާއަށެވެ. އަދި، ސާދަ ރުފިޔާއަށް ފިޔާ ކިލޯއެއް އެސްޓީއޯއިން ލިބޭނެއެވެ.

މާލޭ ބާޒާރުގައި ވިއްކަން ބަހައްޓައިފައި ހުރި ފިޔާތަކެއް: ފިޔާ ކިލޯއެއް އެސްޓީއޯ އިން ވިއްކަނީ 310 ރުފިޔާއަށް -- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ޙަފީޒް

އެކުންފުނިން ވަނީ ލުނބޯގެ ވެސް އަގު ހެޔޮކޮށްފައެވެ. މިގޮތުން، ފަސް ކިލޯގެ ލުނބޯ ކޭހެއް އެކުންފުނިން ވިއްކަނީ 145 ރުފިޔާގެ ރޭޓުން ކަމަށްވާއިރު، ކިލޯއެއް 40 ރުފިޔާއަށް ލިބޭނެއެވެ.

ބިހުގެ އަގުތަކަށް ބަލާއިރު، ކޭހެއް ވިއްކަނީ 320 ރުފިޔާއަށެވެ. އެއީ ބިހެއް ދެ ރުފިޔާގެ ރޭޓުންނެވެ.

އޭގެ އިތުރަށް އަލުވި ބަސްތާއެއް 310 ރުފިޔާ އަށް ލިބޭއިރު، ކިލޯއެއް ވިއްކަނީ 18 ރުފިޔާއަށެވެ.

މިވަގުތު ބާޒާރުގައި ފިޔައާއި ބިސް ކޭހެއްގެ އަގު ހުރީ 360 އާއި 400 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. އަދި، އަލުވި ކޭހެއް 360 ރުފިޔާއަށެވެ.

އެސްޓީއޯއިން ބުނީ، މި ތަކެތި އިމްޕޯޓްކުރުމުގެ މައިގަނޑު ބޭނުމަކީ ރޯދަމަހު މި ތަކެތީގެ އަގު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމާއި ރަމަޟާން މަހު ކާބޯތަކެއްޗަށް ޑިމާންޑް އިތުރުވާތީ މި ފަދަ އަސާސީ ތަކެތި އަގު ހެޔޮކޮށް ފޯރުކޮށްދިނުން ކަމަށެވެ.

ބާޒާރުގެ އަގުތަކަށް އަންނަ ބަދަލާ ގުޅިގެން އެސްޓީއޯއިން އެ ބާވަތްތައް ވިއްކާ އަގަށް ބަދަލު ގެންނާނެ ކަމަށް އެކުންފުނިން ބުނެއެވެ.

މި ބާވަތްތަކުގެ އިތުރަށް އެސްޓީއޯއިން މިފަހުން ވަނީ ކާށި ވެސް ބާޒާރަށް ނެރެފައެވެ.

comment ކޮމެންޓް