ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމުގެ މަސައްކަތްތަކަށް ދައްކަން ޖެހޭ 100 މިލިއަން ޑޮލަރު ސަރުކާރުން ނުދައްކައި އޮތުމުން، އެ މަޝްރޫއު ހުއްޓިފައިވާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ހަވަރު ބެރު ޕެނަލް ޑިސްކަޝަންގައި އަމީރު ވިދާޅުވީ، ވީއައިއޭގެ އާ ޓާމިނަލް އަންނަ އޮކްޓޯބަރު މަހުގެ ކުރިން ހުޅުވުމަކީ ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއް ކަމަށެވެ. ނަމަވެސް އެ މަޝްރޫއު މިހާރު ކުރިއަށްނުދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑަށް މިހާރު މައުލޫމާތު ލިބެނީ ޕްރޮޖެކްޓް އެއްކޮށްހެން ގާތްގަނޑަކަށް ހުއްޓިފައި އެހެރީ، 100 މިލިއަން ޑޮލަރަށްވާ ބިލްތައް އެބަހުރި ސަރުކާރުން ފައިސާ ނުދައްކާ،" އަމީރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އޭނާ ފިނޭންސް މިނިސްޓަރުކަން ކުރެއްވި އެމްޑީޕީގެ ސަރުކާރުން އޮތީ އެ ފައިސާ ހޯދައިފައި ކަމަށާއި އެއީ ސައުދީ ފަންޑާއި ކުވެއިތު ފަންޑާއި އަބޫދާބީ ޑެވެލޮޕްމެންޓް ފަންޑާއި އޯޕެކް ޑެވެލޮޕްމެންޓް ފަންޑު މެދުވެރިކޮށް ކަމަށެވެ.
"އެކަމަކު މިހާރު އެބަހުރި ނުދެއްކޭ، ސަރުކާރުން އެ ބޭފުޅުންނާ ވާހަކަ ނުދެއްކި ގާތްގަނޑަކަށް 100 މިލިއަން ޑޮލަރުގެ ބިލްތައް އެބަހުރި ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ. އެހެންވީމަ ޕްރޮޖެކްޓް ކުރިއަށްނުދޭ ޕްރޮޖެކްޓް، އެހެރީ ހުއްޓިފައި،" އަމީރު ވިދާޅުވިއެވެ.
އެހެންވެ، ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ސަރުކާރުން ބޭނުންވާ ތާރީޚަކަށް ނުނިމޭނެތީ، ޓާމިނަލް ހުޅުވާން މިހާރު ދީފައި އޮތް ތާރީޚުގައި ހުޅުވާނީ އެއާޕޯޓްގެ ބައެއް ކަމަށް އޭނާ ލަފާކުރެއްވިއެވެ.

ވީއައިއޭގެ އާ ޓާމިނަލް: ސަރުކާރުން ވަނީ އާ ޓާމިނަލް ހުޅުވޭނީ މި އަހަރު ދެވަނަ ކުއާޓަރުގައި ކަމަށް ބުނެފައި -- ފޮޓޯ/ އެމްއޭސީއެލް
މި ސަރުކާރުން އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވަން އެންމެ ފުރަތަމަ އަމާޒުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެހެންނަމަވެސް ޓާމިނަލްގެ މަސައްކަތް ނުނިމި، ފަހުން ބުނެފައި ވަނީ ޓާމިނަލް ހުޅުވޭވަރު ވާނީ މި އަހަރުގެ ދެވަނަ ކުއާޓަރުގައި ކަމަށެވެ.
މިދިޔަ ޑިސެމްބަރު މަހު ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންވަނީ، އަމާޒަކީ މިހާރު ދީފައި އޮތް ތާރީޚަށްވުރެ ކުރިން އާ ޓާމިނަލް ހުޅުވުން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެ މަސައްކަތަށް އޭނާ ވަކި ތާރީޚެއް ނުދެއްވައެވެ.
ވީއައިއޭގައި މިހާރު ބޭނުންކުރާ ޓާމިނަލުން ޚިދުމަތް ދިނުމުގެ ކެޕޭސިޓީއަކީ އަހަރަކު 1.5 މިލިއަން މީހުން ކަމަށްވާއިރު، އާ ޓާމިނަލް ހުޅުވުމުން އެ އަދަދު ހަތް މިލިއަނަށް އިތުރުވާނެ ކަމަށް ސަރުކާރުން ބުނެެއެވެ. އެ ޓާމިނަލުގައި 78،000 އަކަމީޓަރުގެ ޖާގަ ހުންނާނެ ކަމަށާއި އެއާއެކު ވީއައިއޭއިން ދޭ ޚިދުމަތްތައް ފުޅާކުރެވި، ފެންވަރު ރަނގަޅު ކުރެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.
އެ ޓާމިނަލް އިމާރާތް ކުރަން ހަވާލުކޮށްފައިވަނީ ސައުދީ އަރަބިއާގެ ބިންލާދިން ގުރޫޕާއެވެ.
ވީއައިއޭ ތަރައްގީ ކުރުމަށް، 20 އަހަރަށް ބަހައިލައިގެން ހިންގާ އެތައް މިލިއަން ޑޮލަރުގެ މަޝްރޫއެއް ރައީސް ޑރ. މުޙައްމަދު މުއިއްޒު އިފުތިތާހު ކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހެވެ.
ރައީސް ވަނީ، އުންމީދަކީ ފަސް އަހަރުގެ ތެރޭ މަޝްރޫއުގެ ގިނަ މަސައްކަތްތައް ނިންމައި، 10 އަހަރުން މުޅި މަޝްރޫއުގެ ބޮޑު ބައެއް ނިންމުންކަމަށް ވިދާޅުވެފައެވެ.