ރާއްޖެއިން ބައެއް ގައުމުތަކަށް ނޮން ރެޒިޑެންޓް ސަފީރުން އައްޔަންކުރުމަށާއި، ބައިނަަލްއަގްވާމީ ބައެއް ޖަމިއްޔާތަކަށް ދާއިމީ މަންދޫބުން ހަމަޖެއްސުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުށަހެޅުއްވި ނަންތަކަށް މިއަދު ރުހުން ދީފިއެވެ.
އެގޮތުން މިދިޔަ އަންގާރަ ދުވަހާއި، ބުދަ ދުވަހު ރައީސް ވަނީ ބައެއް ގައުމުތަކަށް ނޮން ރެޒިޑެންޓް ސަފީރުން އައްޔަންކުރުމަށާއި، ބައިނަލްއަގްވާމީ ދެ ޖަމިއްޔާއަކަށް ދާއިމީ މަންދޫބުން އައްޔަންކުރުމަށް މަޖިލީހަށް ނަންތަކެއް ހުށަހަޅައިފައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ނަންތަކާމެދު ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ނިންމި ގޮތަށް ބަހުސްކޮށް، ވޯޓަށް އަހައިފައެވެ.
އެގޮތުން ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ)އަށް ރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބުކަމަށް ޑރ. ސަލްމާ ރަޝީދު އައްޔަންކުރަން ރުހުން ދިނީ 72 ވޯޓާއެކު އިއްތިފާގުންނެވެ. މީގެ އިތުރުން ރާއްޖޭން ސްވިސް ކޮންފެޑަރޭޝަން ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރަކަށް ވެސް ސަލްމާއަށް ވަނީ 74 ވޯޓާއެކު އިއްތިފާގުން ރުހުން ދީފައެވެ.
އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އަށް ސައުދީއަށް ކަނޑައަޅައިފައިވާ ސަފީރު އަހްމަދު ސަރީރު އައްޔަންކުރަން ރުހުން ދިނީ 74 ވޯޓާއެކު އިއްތިފާގުންނެވެ. މިސްރަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރުކަމަށް ވެސް ސަރީރަށް ރުހުން ދިނީ 71 ވޯޓާއެކު އިއްތިފާގުންނެވެ. މީގެ އިތުރުން ކުވެއިތަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރުކަމަށް ވެސް ސަރީރަށް 73 ވޯޓާއެކު އިއްތިފާގުން ވަނީ ރުހުންދީފައެެވެ.
ކެނެޑާއަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރުކަމަށް އެމެރިކާއަށް ކަނޑައަޅައިފައިވާ ސަފީރު އަބްދުލްޣަފޫރު މުޙައްމަދަށް ރުހުން ދިނީ 71 ވޯޓާއެކު އިއްތިފާގުންނެވެ.
ބޫޓާނަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރުކަމަށް ބަންގްލަދޭޝް ސަފީރު ޝިއުނީން ރަޝީދު ހަމަޖެއްސުމަށް 72 މެންބަރުންގެ ވޯޓާއެކު އިއްތިފާގުން ވަނީ ރުހުން ދީފައެވެ.
މީގެ އިތުރުން އިއްޔެ ވެސް ވަނީ އިތުރު ސަފީރުންތަކެއް، ފަސް ގައުމެއްގެ ނޮން ރެޒިޑެންޓް ސަފީރުކަމަށް އައްޔަންކުރުމަށް މަޖިލީހަށް ނަން ފޮނުވައިފައެވެ. އެ މައްސަލަ މިހާރު އޮތީ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައެވެ.