ރާއްޖެއިން އިތުރު ގައުމުތަކަށް ނޮން ރެޒިޑެންޓް ސަފީރުން އައްޔަނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ނޮން ރެޒިޑެންޓު ސަފީރުންގެ ގޮތުގައި އައްޔަންކުރެއްވުމަށް އެދިވަޑައިގެން ތިން ބޭފުޅެއްގެ ނަމާއެކު ރައީސް މުއިއްޒު ފޮޮނުއްވި ސިޓީ ވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި އިއްވާފައެވެ. އެ ސިޓީގައި އެމަނިކުފާނު ހުށަހެޅުއްވި ދެ ނަމަކީ:
- ރާއްޖޭން ބޫޓާނަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރަކަށް - ރާއްޖޭން ބަންގްލަދޭޝަށް ކަނޑައަަޅާފައި ހުންނަވާ ސަފީރު ޝިއުނީން ރަޝީދު
- ރާއްޖޭން ކުވެއިތަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރަކަށް - ރާއްޖޭން ސައުދީ އަރަބިއާއަށް ކަނޑައަަޅާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރު
- ރާއްޖޭން ސްވިސް ކޮންފެޑަރޭޝަން ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރަކަށް - ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު
އެއާއެކު، އެ މައްސަލަ ދިރާސާކުރަން މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
މީގެ އިތުރުން މިއަދުގެ ޖަލްސާގައި ވަނީ ބައިނަލްއަގްވާމީ ޖަމިއްޔާއަކަށް ރާއްޖެއިން ދާއިމީ މަންދޫބެއް ކަނޑައެޅުއްވުމަށް ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީ ވެސް އިއްވާފައެވެ.
ދާއިމީ މަންދޫބުން ކަނޑައެޅުއްވުމަށް ރުހުން ހޯއްދެވުމަށް އެމަނިކުފާނު މަޖިލީހަށް ފޮނުއްވާފައި ވަނީ އަހުމަދު ސަރީރުގެ ނަމެވެ. އެއީ ރާއްޖޭން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނަށް ކަނޑައަޅާ ދާއިމީ މަންދޫބަކަށް އައްޔަނުކުރުމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އިއްޔެ ވެސް ވަނީ ނޮން ރެޒިޑެންޓު ސަފީރުންގެ ގޮތުގައި އައްޔަންކުރެއްވުމަށް ދެ ބޭފުޅެއްގެ ނަން ފޮނުވާފައެވެ. އެއީ ރާއްޖޭން ކެނެޑާއަށް ކަނޑައަޅާ ނަން ރެޒިޑެންޓް ސަފީރަކަށް، ރާއްޖޭން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަބްދުލްޣަފޫރު މުހައްމަދު އައްޔަނުކުރުމަށާއި ރާއްޖޭން މިސްރަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރަކަށް، އަހުމަދު ސަރީރު އައްޔަނުކުރެއްވުމަށެވެ.
މީގެ އިތުރުން އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)އާއި، އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އޭޖެންސީ (އައިރީނާ) އަދި ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ)އަށް ދާއިމީ މަންދޫބުން ކަނޑައެޅުއްވުމަށް ރުހުން ހޯއްދެވުމަށް ވެސް މަޖިލީހަށް ފޮނުއްވިއެވެ.