ރާއްޖެއިން ކެނެޑާއަށާއި މިސްރަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރުން ކަނޑައެޅުމަށް ޓަކައި މަޖިލީހުގެ ރުހުން ހޯދުމަށް މިއަދު ދެބޭފުޅެއްގެ ނަން ފޮނުވައިފިއެވެ.
ނޮން ރެޒިޑެންޓު ސަފީރުންގެ ގޮތުގައި އައްޔަންކުރެއްވުމަށް އެދިވަޑައިގެން ދެބޭފުޅެއްގެ ނަމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮޮނުއްވި ސިޓީ ވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި އިއްވާފައެވެ. އެ ސިޓީގައި އެމަނިކުފާނު ހުށަހެޅުއްވި ދެ ނަމަކީ:
- ރާއްޖޭން ކެނެޑާއަށް ކަނޑައަޅާ ނަން ރެޒިޑެންޓް ސަފީރަކަށް - ރާއްޖޭން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަބްދުލްގަފޫރު މުހައްމަދު
- ރާއްޖޭން މިސްރަށް ކަނޑައަޅާ ނަން ރެޒިޑެންޓް ސަފީރަކަށް - ރާއްޖޭން ސައުދީ އަރަބިއާއަށް ކަނޑައަަޅާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރު
އެއާއެކު، އެ މައްސަލަ ދިރާސާކުރަން މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
މީގެ އިތުރުން މިއަދުގެ ޖަލްސާގައި ވަނީ ބައިނަލްއަގްވާމީ ތިން ޖަމިއްޔާއަކަށް ރާއްޖެއިން ދާއިމީ މަންދޫބުން ކަނޑައެޅުއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީ ވެސް އިއްވާފައެވެ.
ދާއިމީ މަންދޫބުން ކަނޑައެޅުއްވުމަށް ރުހުން ހޯއްދެވުމަށް އެމަނިކުފާނު މަޖިލީހަށް ފޮނުއްވާފައި ވަނީ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)އާއި، އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އޭޖެންސީ (އައިރީނާ) އަދި ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ)އަށެވެ. އެ ސިޓީގައިވާ ނަންތަކަކީ:
- އައިއެމްއޯއަށް ކަނޑައަޅާ ދާއިމީ މަންދޫބެއްގެ ގޮތުގައި - އިނގިރޭސިވިލާތަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އިރުތިޝާމް އާދަމް
- އައިރީނާއަށް ކަނޑައަޅާ ދާއިމީ މަންދޫބެއްގެ ގޮތުގައި - އެކުވެރި އަރަބި އިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފު
- ޑަބްލިއުޓީއޯއަށް ކަނޑައަޅާ ދާއިމީ މަންދޫބެއްގެ ގޮތުގައި - ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު
އެއާއެކު، އެ މައްސަލަ ދިރާސާ ކުރަން މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.