ހަނި މޮޅަކާ އެކު ބާސާއިން ލީގުގެ އެއްވަނައަށް އަރައިފި

ސްޕެނިޝް ލަލީގާގައި މި ފަހަރު ލީގަށް އެންމެ ބޮޑަށް ވާދަކުރާ އެއް ޓީމު ކަމަށްވާ އެފްސީ ބާސެލޯނާއިން ރަޔޯ ވަޔެކާނޯ ބަލިކޮށް، ލީގުގެ އެއްވަނައަށް އަރައިފިއެވެ.

ބާސާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 1-0 އިންނެވެ.

މެޗުގައި ބާސާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 28 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ރޮބަޓް ލެވަންޑޯސްކީއެވެ. މިއީ އޭނާ މި ސީޒަންގައި ލަލީގާއިވާ ކާމިޔާބުކުރި 20 ވަނަ ލަނޑެވެ. މި ޕެނަލްޓީ ބާސާއަށް ދީފައިވަނީ ވަޔެކާނޯގެ ޕެނަލްޓީ އޭރިއާ ތެރެއިން އެ ޓީމުގެ ޕާތޭ ސީސޭ ބާސާގެ އިނީގޯ މާޓިނޭޒަށް ފައުލް ކުރިކަން ވީއޭއާރަށް ފާހަގަވެގެންނެވެ. ވަޔަކާނޯއަށް ވެސް މި ފަދަ ހާދިސާއެއްގައި އެ ޓީމަށް ޕެނަލްޓީއެއް ނުދިނުމުން އެ ޓީމުންވަނީ އެ ކަމާ ހިތްހަމަ ނުޖެހުން ވެސް ފާޅުކޮށްފައެވެ.

މެޗުގައި ވަޔެކާނޯއިން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނު ކަމަށް ހީކުރެވުނު ނަމަވެސް ވަޔެކާނޯގެ ފޯވަޑް ރެންޑީ އެންޓޭކާ ކީޕަރަށް ހުރަސް އެޅޭގޮތަށް އޮފް ސައިޑް މަގާމެއްގައި ހުރިކަމަށް ނިންމާ އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ.

މި ކާމިޔާބީއާ އެކު ބާސާއަށް އެއްވަނަ ލިބުނީ 24 މެޗުން ލިބުނު 51 ޕޮއިންޓާ އެކު އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ޕޮއިންޓްގެ ގޮތުން ހަމަހަމަވި ނަމަވެސް ފައިދާ ގޯލަށް ބަލާއިރު ބާސާއަށް ކުރި ލިބޭތީ ލަނޑުގެ ތަފާތުންނެވެ. ރެއާލަށް ލީޑު ގެއްލުނީ މި ހަފުތާގައި އޮސަސޫނާއާ ރަށުން ބޭރުގައި ކުޅުނު މެޗު އެއްވަރުވުމުންނެވެ. ލީގަށް ދެން ވާދަކުރާ އެޓްލެޓިކޯ މެޑްރިޑް ވެސް ވަނީ މި ހަފުތާގައި ކުޅުނު މެޗުން އެއްވަރުވެފައެވެ. އެޓްލެޓިކޯ އޮތީ 50 ޕޮއިންޓާ އެކު ތިންވަނައިގައެވެ.

comment ކޮމެންޓް