އިތުބާރު ކުރެވޭ މަގާމެއްގައި ހުރި ދެ މީހަކު އުމުރުން 18 އަހަރު ނުވާ ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި ކަމަށް ތުހުމަތުކުރާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، ނ، ރ، ބ، ޅ. އަތޮޅުގެ ތެރެއިން އަތޮޅެއްގެ ރަށެއްގައި އިތުބާރު ކުރެވޭ ފަދަ މަގާމެއްގައި ތިބި ދެ މީހަކު ވޭތުވެދިޔަ ތިން އަހަރު، އުމުރުން 18 އަހަރު ނުވާ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރިޕޯޓު ކޮށްފައި ވާކަމަށެވެ.
މި މައްސަލަ ރިޕޯޓުކޮށްފައި ވަނީ، މިއަހަރުގެ ޖަނަވަރީ 20ވަނަ ދުވަހު ކަމަށް ފުލުހުން ބުނެފައި ވެއެވެ. މި މައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ނުވާއިރު، މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ފުލުހުން ބުނީ މިއީ، ކުޑަ ކުއްޖަކު ހިމެނޭ މައްސަލައަކަށް ވުމުން ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ކުއްޖާގެ ރަށާއި އަތޮޅު ހާމަ ނުކުރީކަމަށެވެ. އަދި މި މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން ދާކަމަށް ފުލުހުން ބުންޏެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ރާއްޖޭގައި ގިނަކަން ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން މިދިޔަ އަހަރު އެކަނި ވެސް ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ 200އަށް ވުރެ ގިނަ މައްސަލަ އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއަށް ހުށަހަޅާފައި ވެއެވެ.