ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ 200އަށްވުރެ ގިނަ މައްސަލަ މިދިޔަ އަހަރު ރިޕޯޓު ކުރި

ޖިންސީ އަނިޔާއާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން: ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ 200އަށްވުރެ ގިނަ މައްސަލަ މިދިޔަ އަހަރު ރިޕޯޓު ކުރި -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ 200އަށްވުރެ ގިނަ މައްސަލަ މިދިޔަ އަހަރު ރިޕޯޓުކޮށްފައި ވާކަމަށް އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ނެރުނު ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ އަހަރު އެ މިނިސްޓްރީއަށް ރިޕޯޓުކުރި މައްސަލަތަކުގެ ތަފުސީލު މިނިސްޓްރީން އިއްޔެ ވަނީ ހިއްސާކޮށްފައެވެ.

އެގޮތުން 2024ވަނަ އަހަރުގެ ޖަނަވަރީން ޖޫންގެ ނިޔަލަށް ޖިންސީ ގޯނާގެ 119 މައްސަލަ އެ މިނިސްޓްރީއަށް ހުށަހަޅާފައިވާއިރު، ޖުލައި އިން ޑިސެންބަރުގެ ނިޔަލަށް 136 މައްސަލަ ވަނީ ހުށަހަޅާފައެވެ.

މިދިޔަ އަހަރު ރިޕޯޓުކޮށްފައިވާ ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތަކުގެ ތަފާސްހިސާބު:

  • ކުޑަކުދިން ކުރިމަތީގައި ޖިސްމާނީ އަނިޔާކުރުން: 187 މައްސަލަ
  • ކުޑަކުދިންނަށް ކުރާ ޖިސްމާނީ އަނިޔާ: 238 މައްސަލަ
  • ކުޑަކުދިންނަށް އިހުމާލުވުން: 250

މީގެ އިތުރުން ވެސް ކުޑަކުދިންނަށް ކުރާ އިތުރު ގިނަ އަނިޔާތައް ރިޕޯޓުކޮށްފައި ވެއެވެ.

އާއިލީ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައިން ހުށަހަޅާފައި ވަނީ، ދަރިންނާ ބައްދަލު ނުކުރެވުމުގެ ސަބަބުން ހުށަހަޅައިފައިވާ މައްސަލަތަކެވެ. އެގޮތުން މިދިޔަ އަހަރު އެފަދަ 146 މައްސަލައެއް ރިޕޯޓުކޮށްފައި ވެއެވެ. މީގެއިތުރުން ދަރިން ބެލުމުގައި ދިމަވާ މައްސަލަތަކުގެ 116 މައްސަލައެއް މިދިޔަ އަހަރު ރިޕޯޓުކޮށްފައި ވެއެވެ.

އައިލީ މައްސަލަތައް ރާއްޖޭގައި ގިނައެވެ. އެގޮތުން ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ވަރި ގިނަ ގައުމެކެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކޮށް، މީހުން މިފަދަ ކަންކަމަށް އަހުލުވެރި ކުރުވުމުގެ މަސައްކަތްތައް އިދާރާތަކުން އަންނަނީ ކުރަމުންނެވެ.

މިފަހުން ވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށް ހުކުމް ތައްފީޒުކުރާ މީހުން މައުލޫމާތު ވެބްސައިޓެއްގައި ޝާއިއުކުރަން ފަށައިފައެވެ.

comment ކޮމެންޓް