މިއުޒިކް އިންޑަސްޓްރީގެ އެންމެ ފާހަގަކުރެވޭ ނަންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ނަން ކަމުގައިވާ އާރިއާނާ ގްރާންޑޭ މިއުޒިކުން ދުރުވެ އެކްޓިންއާ ދިމާލަށް މިސްރާބު ޖަހައިފިއެވެ.
އާރިއާނާ ވަނީ ދާދިފަހުން ހޮލީވުޑްގެ ބޮޑު ޕްރޮޖެކްޓެއްގައި މަސައްކަތް ކޮށްފައެވެ. މިދިޔަ އަހަރު ފަހުކޮޅު އެޅުވި މިއުޒިކަލް ފިލްމު ކަމަށްވާ "ވިކެޑް"ގައި މުހިއްމު ރޯލަކުން ފެނިފައިވާއިރު ގިނަ ބަޔަކު އޭނާގެ އެކްޓިން ހުނަރު ވަނީ ބަލައިގަނެފައެވެ. އަދި ހަމައެއާއެކު އޭނާގެ އެކްޓިންއަށް ވަނީ އޮސްކާ ނޯމިނޭޝަނެއް ވެސް ލިބިފައެވެ. މިއީ އެނާގެ ފުރަތަމަ ނޯމިނޭޝަނެވެ.
މި ރޯލުގެ ކުރީން މިދިޔަ އަހަރުގެ ކުރީކޮޅުގައި އާރިއާނާ ވަނީ އޭނާގެ ހަތްވަނަ ސްޓޫޑިއޯ އަލްބަމް ނެރެފައެވެ.
އާރިއާނާ މިދިޔަ އަހަރުގެ ކުރީކޮޅުގައި ނެރެފައިވަނީ "އިޓާނާލް ސަންޝައިން" ކިޔާ އަލްބަމެކެވެ. އެ އަލްބަމް އަކީ އޭނާ މިއުޒިކުން ހަތަރު އަހަރުގެ ބޮޑު ބްރޭކެއް ނެގުމަށްފަހު ނެރުނު ފުރަތަމަ އަލްބަމެވެ. އެއާއެކު ފޭނުން އުއްމީދު ކުރަމުންދިޔައީ އޭނާގެ މިއުޒިކް އާންމުކޮށް އަނެއްކާ ވެސް ލިބޭނެ ކަމަށެވެ.
ނަމަވެސް ދާދިފަހުން "ޑަބްލިއު" މެގަޒިންއަށް ދިން އިންޓަވިއުއެއްގައި އާރިއާނާ ބުނެފައިވަނީ އޭނާ މިވަގުތު ބޭނުންވަނީ މިއުޒިކުން ދުރަށް ޖެހިލަން ކަމަށެވެ.
މިއުޒިކާ ދުރަށް ޖެހިލައި ދެން ކުރަން ބޭނުންވަނީ އޭނާ ހިތްހަމަ ޖެހޭ ކަމެއް ކަމަށް އޭނާ ބުނެއެވެ. އެގޮތުން މިވަގުތު އެންމެ ހިތްހަމަ ޖެހޭނީ އެކްޓިންގެ ދާއިރާއިން ކަމަށް އާރިއާނާ ވަނީ ބުނެފައެވެ. ނަމަވެސް މިއީ މިއުޒިކް ރިލީޒް ކުރުން ހުއްޓާލުމުގެ މެސެޖެއް ނޫން ކަމުގައި ވެސް އޭނާ ބުނެއެވެ.
އާރިއާނާ އިތުރަށް ބުނަނީ މިއުޒިކުން ބްރޭކެއް ނެގި ނަމަވެސް އަނބުރާ މިއުޒިކް ރިލީޒްކުރަން ފަށާނެ ދުވަހެއް ނޭނގޭ ކަމަށެވެ.