ހޮލީވުޑްގެ މަގުބޫލު އެކްޓަރު އަދި މީގެ ކުރީން މިއުޒިކް ނެރެފައިވާ ފަންނާނު ވިލް ސްމިތު އަހަރުތަކެއް ފަހުން ފުރަތަމަ ފަހަރަށް މިއުޒިކް ރިލީޒްކޮށްފިއެވެ.
"ބޭސްޑް އޮން އަ ޓްރޫ ސްޓޯރީ" ނަމުގައި ވިލް ސްމިތު އުފެއްދި އަލްބަމް ރިލީޒްކޮށްފައިވަނީ އިއްޔެއެވެ. މި 14 ޓްރެކުގެ އަލްބަމުގައި މަޝްހޫރު އާޓިސްޓުންނާ އެކު ކޮލަބޮރޭޝަންތައް ހިމެނެއެވެ. އޭގެ ތެރޭގައި އޭނާގެ ގާތް ރަހުމަތްތެރިޔާ އަދި މިއުޒިކްގައި އެއްބާރުލުން ދެމުން އަންނަ ޑީޖޭ ޖެޒީ ޖެފްވެސް ހިމެނެއެވެ. ސްމިތު މިއުޒިކަށް އެނބުރި އައުމުގެ ފުރަތަމަ އިޝާރާތެއް ކުރީ ޖެނުއަރީ މަހު ބިގް ޝޯން އަދި އޮބަންގާއާ އެކު ކޮލަބޮރޭޓްކޮށް 'ބިއުޓިފުލް ސްކާސް' ސިންގަލް ނެރުމުންނެވެ.
ބޭސްޑް އޮން އަ ޓްރޫ ސްޓޯރީ' އަލްބަމުގައި ޓެޔާނާ ޓެއިލާ، އޭނާގެ ދަރިފުޅު ޖޭޑަން ސްމިތް، އަދި ޖެކް ރޮސް ފަދަ އާޓިސްޓުންވެސް ހިމެނެއެވެ. މި އަލްބަމުގެ ބައެއް ޓްރެކްތަކުގެ ތެރޭގައި 'ފަސްޓް ލަވް'، 'މޭކް އިޓް ލުކް އީޒީ'، 'ބިއުޓިފުލް ސްކާރސް'، 'ޓޭންޓްރަމް'، 'ބުލެޓްޕްރޫފް'، 'ވަރކް އޮފް އާޓް'، 'ޔޫ ކޭން މޭކް އިޓް' އަދި އިތުރު ޓްރެކްތައް ހިމެނެއެވެ.
އަލަށް ނެރުނު އަލްބަމްގައި އެންމެ ފާހަގަކުރެވޭ ތީމަކީ އޭނާގެ ދިރިއުޅުމުގެ އެކި ކަހަލަ ތަޖުރިބާތަކެވެ. އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އޮސްކާ އެވޯޑު ހަފުލާގެ ތެރޭގައި ހިނގައިދިޔަ ކަންތަކެވެ. ޕްރެޒެންޓަރެއްގެ މޫނު މަތީގައި ވިލް ސްމިތު ޖެހި ޖެހުން ވެގެން ދިޔައީ ބޮޑު ކަމަކަށެވެ. އެއާއެކު އޭނާ އޮސްކާއިން ވެސް ބްލެކްލިސްޓު ކުރިއެވެ.
އަލަށް ނެރުނު އަލްބަމްގައި އެ ހުރިހާ ވާހަކައެއް ދައްކާއިރު އޭގެ ސަބަބުން އޭނާގެ ދިރިއުޅުމަށް އައި ބަދަލުތަކުގެ ވާހަކައަށް ވެސް އަލިއަޅުވާލައެވެ.
އަލްބަމް ހެދުމުގެ މަސައްކަތަށް ބަލާއިރު، ސްމިތް ކުރިން ބުނެފައިވަނީ މިއީ އޭނާގެ އަމިއްލަ އަދި އެންމެ ވަރުގަދަ މަސައްކަތް ކަމަށެވެ. މިދިޔަ އަހަރުގެ މޭ މަހު ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ މި މަސައްކަތް ކުރުމަށް އެއް އަހަރާއި ހަ މަހަށްވުރެ ގިނަ ދުވަސް ހޭދަވި ކަމަށެވެ. މީގެ ނަތީޖާއަކީ ނެރެވޭ އަލްބަމަކީ އޭނާގެ އަމިއްލަ ދަތުރާއި ތަޖުރިބާތަކާ ވަރަށް ބޮޑަށް ގުޅޭ މިއުޒިކެއްގެ މައްޗަށް އުފެދިފައިވާ އެއްޗަކަށް ވުމެވެ.
ސްމިތުގެ އެންމެ ފަހުގެ އަލްބަމް 'ލޮސްޓް އެންޑް ފައުންޑް' ނެރެފައިވަނީ 2005 ވަނަ އަހަރުގެ މާޗު މަހުގައެވެ.