ޗައިނާއާއެކު ސަރުކާރުން ވެފައިވާ ފްރީ ޓްރޭޑް އެގްރިމެންޓް (އެފްޓީއޭ)އާ ރާއްޖޭގެ އިމްޕޯޓު ޑިއުޓީގެ އާމްދަނީ ދަށްވުމާ ގުޅުމެއް ނެތް ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ މިރޭ ބޭއްވި "އަހާ ފޯރަމް"ގައި އެފްޓީއޭއިން ވަނީ ކޮން ފައިދާއެއްތޯ ރައްޔިތަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މި މަހު ހަވަނަ ދުވަހާ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބިފައިވަނީ 385 މިލިއަން ރުފިޔާއެވެ. ނަމަވެސް, ހަވަނަ ދުވަހުން ފެށިގެން ލިބުނު އަދަދު ވަނީ 138 މިލިއަން ރުފިޔާއަށް ދަށްވެފައެވެ. އިމްޕޯޓު ޑިއުޓީއަށް މިއައި ބަދަލާ އެފްޓީއޭއާ ގުޅުވަން ބައެއް މީހުން މަސައްކަތް ކުރާ ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ މި އަހަރުގެ ޖެނުއަރީން ފެށިގެން އެފްޓީއޭގެ ދަށުން އެއް ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް ގެނެސްފައިވާ ކަމަށެވެ.
އޭގެ ސީއައިއެފް ވެލިއު ގާތްގަނޑަކަށް 34 މިލިއަން ރުފިޔާއަށް އަރާއިރު، އެފްޓީއޭގެ ފައިދާ ލިބިފައި އޮތީ 2.3 މިލިއަން ރުފިޔާއަށް ކަމަށާއި، އެއީ ޖުމްލަ އިމްޕޯޓުގެ އެއް ޕަސެންޓު ކަމަށް ސައީދު ވިދާޅުވިއެވެ.
"އެހެންވީމާ އެފްޓީއޭއާ މިއަކާ ގުޅުމެއް ނެތް. މި އައި ޑްރޮޕުގެ، ޑިކްލައިންގެ ގުޅުމެއް އެއަކާ ނެތް" ސައީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖެއަށް އާމްދަނީ ލިބޭ ނިސްބަތް ކެޓަގަރީކޮށްފައި އޮންނަ ގޮތުން އިމްޕޯޓުން ލިބޭ އާމްދަނީ އޮންނަނީ ހަތަރުވަނައިގައި ކަމަށެވެ. އެ ކަމުގައި ބޮޑެތި ގައުމުތަކާ އަޅައި ކިޔާއިރު ޚިޔާލު ތަފާތު ވެދާނެކަން ސައީދު ފާހަގަ ކުރެއްވިއެވެ. އެއީ ރާއްޖެއަކީ ތަކެތި އަމިއްލައަށް އުފެއްދުމުގެ ބަދަލުގައި އިމްޕޯޓަށް ބަރޯސާވެފައި އޮންނަ ގައުމަކަށް ވާތީ ކަމަށާއި، ރާއްޖެއަށް ފައިދާވާނީ ވިޔަފާރިވެރިންނަށް ފަސޭހައިން މުދާ ގެނެވުމުންކަން ސައީދު ފާހަގަ ކުރެއްވިއެވެ.
"ރާއްޖެއަށް ބޭނުންވާ މުދާ ރާއްޖެއަށް ފަހި ގޮތަކަށް ގެނެވުން ރާއްޖޭގެ ވިޔަފާރިވެރިންނަށް ފަައިދާވާނީ، އަދި އެ މުދާ ބޭނުންކުރާ އާންމު ރައްޔިތުންނަށް ފައިދާވާނީ... އެއަކަށް ހައި ޓެރިފް ރޭޓުތަކެއް ގެނައިމައެއް ނޫން" ސައީދު ވިދާޅުވިއެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ މުހިންމު އެއް ވިސްނުންފުޅު ކަމަށް ސައީދު ވިދާޅުވިއެވެ. އެއީ ރާއްޖެއަކީ ވިޔަފާރި ކުރުމަށް ލުއި ގޮތްތަކެއް ހެދުމާއި، އާންމު ރައްޔިތުން ގޭބިސީތަކުގައި ބޭނުންކުރާ ތަކެއްޗަކީ އަގު މެނޭޖު ކުރެވިގެންދާ އެއްޗިއްސަށްވުމުގެ ވިސްނުންފުޅެވެ.
ދެ އަހަރު ދުވަހުގެ ދިގު މަޝްވަރާތަކަކަށް ފަހު ރާއްޖެއިން ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގަައި ސޮއިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2014ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެކަމަކު، އެ އެއްބަސްވުމަށް އަމަލުކުރަން މަޖިލީހުން ފާސްވީ 2017ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.
އެކަމަކު، އެއަށް ފަހުގައި އައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށައިފައެއް ނުވެއެވެ.
އެއަށް އަނެއްކާ އަމަލުކުރަން ފެށީ މި ސަރުކާރުން މި އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެންނެވެ.