ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއި ކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފިއެވެ.
ދެ އަހަރު ދުވަހުގެ ދިގު މަޝްވަރާތަކަކަށް ފަހު ރާއްޖެއިން ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގަައި ސޮއިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެކަމަކު، އެ އެއްބަސްވުމަށް އަމަލުކުރަން މަޖިލީހުން ފާސްވީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.
އެކަމަކު، އެއަށް ފަހުގައި އައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށައިފައެއް ނުވެއެވެ.
އިކޮނޮމިކް މިނިސްޓްރީއިން ވަނީ މިއަދުން ފެށިގެން މި އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވާ ކަމަށާއި މިއީ ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި އިގްތިސާދީ ދާއިރާގެ އިތުރުން އިންވެސްޓްމެންޓް ދާއިރާއިން ގުޅުން ބަދަހިކުރުމަށް އެޅިގެންދިޔަ މުހިންމު ތާރީހީ ބިންގަލެއްކަން ފާހަގަކޮށްފައެވެ.
މިނިސްޓްރީއިން ބުނީ މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ ގުޅުން ރަނގަޅުވެ އެއް ގައުމުން އަނެއް ގައުމަށް އެކްސްޕޯޓްކުރެވޭ މުދާ އިތުރުކުރެވި، މުދަލުގެ އަގުހެޔޮވުމުގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި އަދި އިންވެސްޓްމެންޓްތައް އިތުރު ކުރެވޭނެ ކަމަށެވެ.
އަދި ވިޔަފާރީގެ އައު ފުރުސަތުތައް އިތުރުވެ، އެއްގައުމުން އަނެއް ގައުމުގެ މާކެޓަށް ވަނުމަށް ފަސޭހަވެ އެކަމުގެ ފައިދާ ކުރާނޭ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މި އެއްބަސްވުމާއިއެކު ރާއްޖެއިން އެކްސްޕޯޓްކުރާ މަހާއި ސީފުޑްގެ ހުރިހާ ބާވަތެއް ސުން ރޭޓުގައި ޗައިނާގެ މާކެޓަށް އެކްސްޕޯޓް ކުރެވޭނެއެވެ. ވަކިން ހާއްސަކޮށް ރާއްޖޭގެ މަހުގެ އެކްސްޕޯޓް އިތުރުކުރެވި، މަހުގެ ބާވަތްތައް ޕްރޮސެސްކުރުމަށް މަގުފަހިވެ، އެކްސްޕޯޓްގެ ފެންވަރު އިތުރުކުރެވި ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް، ރަނގަޅު އަގެއް ލިބިގެންދާނެކަން އިކޮނޮމިކް މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.
އަދި ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށް ވުމުން ޗައިނާފަދަ އުފެއްދުންތެރި ގައުމަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރެވި އަމަލުކުރަންފެށުމުން، ރައްޔިތުންނަށް ހެޔޮއަގުގައި މުދާއެތެރެކުރުމަށް މަގުފަހިވާނެކަން މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.
އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ކުރިން ވިދާޅުވިގޮތުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ދިވެހި ވިޔަފާރިތަކަށް ލިބޭނެ ފައިދާތަކުގެ ތެރޭގައި، ރާއްޖެއިން މުދާ ޗަައިނާއަށް އެކްސްޕޯޓް ކުރުމުގައި ޑިއުޓީ ދައްކަން ނުޖެހުމާއި ނޮން-ޓެރިފް ބެރިޔާސް ނުވަތަ މުދާ އެކްސްޕޯޓްކުރާއިރު ހުންނަ ބައެއް މަސައްކަތްތައް ލުއިވުން ހިމެނެއެވެ. އަދި ހޯލްސޭލް މުދާ އެތެރެކުރާ ވިޔަފާރިތަކަށް ލިބޭ ފައިދާއަކީ، އެ އެއްބަސްވުމަށް އަމަލު ކުރަން ފެށުމުން، ޗައިނާއިން އިމްޕޯޓް ކުރާ ގިނަ މުދަލުން ޑިއުޓީ ކެނޑުންކަން ސައީދު ފާހަގަކުރެއްވިއެވެ.
"އެހެންވީމަ މިހާރު ދައްކާ ޑިއުޓީއެއް ސުން ޕަސެންޓަށް ތިރިވެގެންދާނެ. މި ދެ އެރޭންޖްމެންޓާއެކު، އަޅުގަނޑުމެންގެ ފައިސާއިން ފައިސާ ދެއްކުމާއި ޑިއުޓީ ސުން ޕަސެންޓަށް 91 ޕަސެންޓް ޗައިނާއިން އިމްޕޯޓް ކުރާ އައިޓަމްސްގެ 91 ޕަސެންޓް ގާތްގަނޑަކަށް ޓެރިފްލައިން ޒީރޯއަށް މިއަންނަނީ ސުން ޕަސެންޓަށް މިދަނީ، އެހެންވީމަ ވަރަށް ބޮޑު ތަނުން ތަކެތީގެ، ހަމަ ގައިމު ވެސް ޗައިނާއިން ގެންނަ މުދަލުގެ އަގު ހެޔޮ ވެގެންދާނެ،" އޭނާ ވިދާޅުވިއެވެ.
ދެން ޗައިނާއިން ރާއްޖެއަށް ސުން ރޭޓުގައި އެތެރެ ކުރެވޭނެ ތަކެތީގެ ތެރޭގައި އިމާރާތް ކުރުމަށް ބޭނުންކުރާ ސާމާނާއި ފަރުނީޗަރު ފަދަ ތަކެތި ހިމެނެއެވެ.
ހަމައެއާއެކު އެފްޓީއޭއަށް އަމަލުކުރަން ފެށުމުން ޗައިނާގެ ބެއިޖިން، ޝަންހާއީ އަދި ޓިއަންޖިންގެ ފްރީޒޯންތަކުގައި ރާއްޖޭގެ ޓްރެވެލް އޮޕަރޭޓަރުންނަށް އިންބައުންޑް އަދި އައުޓްބައުންޑް ވިޔަފާރި އެއްވެސް ހުރަހެއް ނެތި ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި އެއްބަސްވުމުގެ ދަށުން ރާއްޖެ އާއި ޗައިނާއާ ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތައް އެއް ބިލިއަން ޑޮލަރަށް އިތުރު ކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މިހާރުވެސް ރާއްޖެއިން އެ ގައުމާއެކު ކުރަމުންދާ ވިޔަފާރީގެ މުއާމަލާތަކަށް 700 މިލިއަން ޑޮލަރު އަރައެވެ.