މަސްވެރިން ކިރާ މަހަށް 24 ގަޑިއިރު ތެރޭ ފައިސާ ދޭން ފެށި ފަހުން އެއް ދުވަސް މަތީން މަސްވެރިންނަށް އެންމެ ގިނަ ފައިސާ މިއަދު ޖަމާކޮށްދީފިއެވެ.
މިފްކޯއިން ބުނީ، 48 މަސް އޮޑިއަށް 7.65 މިލިއަން ރުފިޔާ މިއަދު ޖަމާކޮށްދީފައިވާ ކަމަށެވެ. އެއީ، މިދިޔަ ބުދަ ދުވަހު މަސް ދޯނިތަކުން ކިރާފައިވާ މަހުގެ އަގެވެ. މިއަދު ހެނދުނު 10:30 އިން މެންދުރު 12:30 އަށް ބީއެމްއެލްއިން ވަނީ އެ ފައިސާ މަސްވެރިންނަށް ޖަމާކޮށްދީފައެވެ.
މިފްކޯއިން ބުނީ، އެހެން ބޭންކް ޓްރާންސްފާތައް ބޭންކުތައް އެންމެ އަވަހަށް ހުޅުވާ ދުވަހުގެ ހަވީރު 4:30ގެ ކުރިން ކްލިއާ ކުރެވޭނެ ކަމަށެވެ.
މަސްވެރިންނަށް 24 ގަޑިއިރު ތެރޭ ފައިސާ ދޭން ފަށައި، ފުރަތަމަ ޕޭމަންޓު ޖަމާކުރީ މިދިޔަ ޑިސެމްބަރު މަހުގެ 10ވަނަ ދުވަހެވެ. އެ ދުވަހު މަސްވެރިންނަށް ދޫކޮށްފައިވަނީ 2،045،823.37 ރުފިޔާއެވެ.
މި ފަހުން ދެން އެންމެ ގިނައިން މަސް ކިރާފައިވަނީ މި މަހުގެ އަށްވަނަ ދުވަހެވެ. އެ ދުވަހު ވަނީ 6.5 މިލިއަން ރުފިޔާ ދޫކޮށްފައެވެ. އެ ފައިސާ ދޫކޮށްފައިވަނީ 60 މަސް އޮޑިއަކަށެވެ.
ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެ، މަސްކިރާ މިންވަރު އިތުރުވާން ފަށައިފި ކަމަށް ޖެނުވަރީ މަހުގެ 12ވަނަ ދުވަހު މިފްކޯއިން ބުންޏެވެ. މިފްކޯގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ޖަނަވަރީ މަހު ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް 280 މެޓްރިކު ޓަނުގެ މަސް އެ ކުންފުންޏަށް ކިރިއެވެ. އެކަމަކު، މި ދޭތެރެއިން މިފްކޯއިން މަސް ގަންނަ އަދަދު ވަރަށް ބޮޑަށް ދަށްވި ކަމަށް ހިސާބުތަކުން ދައްކައެވެ.
މަސްވެރި ސިނާއަތް ކުރިއެރުވުމަކީ މި ސަރުކާރުން އިސްކަމެއްދޭ ސިނާއަތެކެވެ.
އެގޮތުން، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މި ފަހުން ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވި ގޮތުގައި މިއީ މަސްވެރިން މަސް ކިރުމަށް ކިޔުގައި ޖެހިގެން ތިބެންޖެހޭނެ ފަހު އަހަރެވެ. އަދި، މަސްވެރިކަމުގެ ސިނާއަތުގައި އުޅޭ އަމިއްލަ ކުންފުނިތަކަށް އަމިއްލަ އުފެއްދުންތައް ބާޒާރަށް ނެރެ، އުކައިލާ ބައިތަކުން ފައިދާ ކުރުވަނިވި އުފެއްދުންތައް ބާޒާރަށް ނެރުމަށް ވޯލްޑު ބޭންކުގެ އެހީގައި ލޯނު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމާފައިވާކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.