މަހުގެ އުފެއްދުންތައް ބާޒާރަށް ނެރެން ލޯނު ދެނީ، 8.3 މިލިއަން ޑޮލަރު ހަމަޖެހިއްޖެ: ޝިޔާމް

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މަޖިލީހުގައި ވާހަކަދައްކަވަނީ: ވިދާޅުވީ މަހުގެ ބާވަތްތައް ބާޒާރަށް ނެރުމަށްޓަކައި އެހީ ދެއްވާނެ ކަމަށް -- ފޮޓޯ/ މަޖިލިސް

މަސްވެރިކަމުގެ ސިނާއަތުގައި އުޅޭ އަމިއްލަ ކުންފުނިތަކަށް އަމިއްލަ އުފެއްދުންތައް ބާޒާރަށް ނެރެ، އުކައިލާ ބައިތަކުން ފައިދާ ކުރުވަނިވި އުފެއްދުންތައް ބާޒާރަށް ނެރުމަށް ވޯލްޑު ބޭންކުގެ އެހީގައި ލޯނު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމާފައިވާކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ ޕްރޮގްރާމު ކުރިއަށް ގެންދިޔުމަށް 8.3 މިލިއަން ޑޮލަރު ނުވަތަ 128 މިލިއަން ރުފިޔާ މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

ވަކިން ޚާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން މަހުގެ އުފެއްދުންތައް އުފައްދައި ބާޒާރަށް ނެރުމަށް ބާރު އެޅުމުގެ ގޮތުން 1.8 މިލިއަން ޑޮލަރު ނުވަތަ 27.7 މިލިއަން ރުފިޔާ މިހާރު މިނިސްޓްރީން ހަމަޖައްސާފައިވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އަދި އެ މަޝްރޫއުގެ ދަށުން ހުރިހާ ޕްރޮޖެކްޓުތަކުގެ ޖުމްލަ އަގުގެ 40 ޕަސެންޓް ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ޝީޔާމް ވިދާޅުވިއެވެ. އޭރުން އެއީ އެ ފަރާތްތަކަށް ލިބޭނެ ފަހި ފުރުސަތަކަށް ވެގެންދާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"މި ޕްރޮގްރާމުގެ ދަށުން ފައިސާ ހޯދުމަށް ކުރިމަތިލެވޭނެ އުސޫލުތައް ކަނޑައަޅައި އެޕްލިކޭޝަނަށް ހުޅުވާލުމުގެ މަސައްކަތް މިހާރު އެދަނީ ކުރިއަށް. އަދި މިހާރު ވެސް މިނިސްޓްރީގެ ރިވޯލްވިން ފަންޑުން ސީދާ މަސް ހިއްކައި ވިއްކާ ފަރާތްތަކަށް ދޫކުރުމަށް އިސްލާމިކް ބޭންކާ އެކު ވަނީ މަސައްކަތް ފަށާފައި،" މިނިސްޓަރު ވިދާޅުވިއެވެ.

އަތޮޅުތެރޭގައި މަސް ކައްކައި ހިއްކައި މީހުންނަށް މީގެ ކުރީގެ ސަރުކާރުތަކުން މާބޮޑު އަޅާލުމެއް ނުދޭ ކަމަށާއި، ނަމަވެސް މި ސަރުކާރުން އެ މީހުން ބާކީ ނުކުރައްވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އަދި ފަރުމަހުގެ މަސްވެރިކަން ކުރާ މީހުންގެ ވިޔަފާރި ފުޅާ ކުރުމަށް ވެސް މިހާރު މާލީ ގޮތުން އެހީވެދޭކަމަށް ޝިޔާމް ވިދާޅުވިއެވެ. އެގޮތުން 10 އަހަރުން ދައްކާ ގޮތަށް 700،000 ރުފިޔާއާ ހަމައަށްް އެއްވެސް ރަހުނެއް ނެތި ފަސް ޕަސެންޓް އިންޓްރެސްޓުގައި ލޯނު ދޫކުރާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

ޝީޔާމް ވިދާޅުވީ ރާއްޖޭގެ މަސްވެރިކަން 2023 އަދި 2024 ވަނަ އަހަރާ އަޅާބަލާއިރު މިއަހަރު މާ ބޮޑަށް ވެސް ރަނގަޅުވެއްޖެ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން އެ ސިނާއަތް ކުރިއެރުވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ޝިޔާމް ވަނީ ދެއްވައިފައެވެ.

comment ކޮމެންޓް