މިއީ މަސްވެރިން މަސް ކިރުމަށް ކިޔުގައި ޖެހިގެން ތިބެންޖެހޭނެ ފަހު އަހަރު ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ މަސްވެރިން މި ވަގުތު ކިޔޫގައި ތިބެން ޖެހިފައިވަނީ މިހާތަނަށް އެއްވެސް ސަރުކާރަކުން މަސްވެރިންގެ ކިޔޫ ނައްތާލަން މަސައްކަތް ނުކުރުމުން ކަމަށެވެ.
އެހެންނަމަވެސް މި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާއެކު އެއްވެސް އުނދަގުލަކާއި ނުލައި މަސްވެރިންނަށް މިސްކިރުމުގެ އިންތިޒާމް، ކުރިއަށް އޮތް ތަނުގައި ފަހިވެގެންދާނެ ކަމުގައި ޝިޔާމް ވިދާޅުވިއެވެ.
"...ކިޔޫ ނަމްބަރު އެބަދެވޭ. ކިޔޫ ނަމްބަރު މި ދެވެނީ ދޯންޏަކުން ގުޅާލާފަ މި އަންނަނީއޭ ތިމަންނަމެންގެ އެބަހުއްޓޭ 40 ޓަނު ނޫނީ 50 ޓަނު. ނަމަވެސް ބަނދަރަށް އަންނައިރު މި ހުންނަނީ 20 ޓަނު. އެހެންވީމަ ކިޔޫގެ ދެވަނާގައި އިންނަ ދޯންޏަށް އަވަހަށް ކިޔޫ ނަމްބަރު އެބަ ދެވޭ،" ކަންތައްތައް ހިނގާ ގޮތް ފާހަގަކުރައްވައި ޝިޔާމް ވިދާޅުވިއެވެ.
އެހެންނަމަވެސް މިއަދު ނޫނީ މާދަމާ އެ ކިޔޫތަކަށް މިފްކޯއިން މަސް ކިރުވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ މިއީ [މަސްވެރިން] ކިއުގައި ޖެހޭނެ ފަހު އަހަރު. އަޅުގަނޑުމެން ސަރުކާރުގެ ޑިވެލޮޕްމަންޓް ޕްލޭންގައި ނޫނީ މިހާރު މަސްވެރިކަމުގެ ސިނާއަތުން ކުރެވޭ މަސައްކަތްތަކުން މި ކިޔޫ އަޅުގަނޑުމެން ނައްތާލާނަން،" ޝިޔާމް ވިދާޅުވިއެވެ.
މިފްކޯގެ ކެޕޭސިޓީއަކީ 420 މެޓްރިކްޓް ޓަނުކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ މަސް ގަންނަން މިދިޔަ ސަރުކާރުން ގެނައި "ޖަޒީރާ ބޯޓް" ތަކަކީ އެ މަސައްކަތަށް ދަަށް ބޯޓުތަކެއް ކަމަށެވެ.
އޭގެ ގިނަ ބޯޓުތައް ހުރީ އޮޕަރޭޝަނުން ބޭރުގައި ކަމަށާއި "ޖަޒީރާ ދޭއް" އަދި "ޖަޒީރާ ތިނެއް"ގެ މަރާމާތުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އެ ބޯޓުތައް މާދަމާއާއި އަނެއް ދުވަހު މަސައްކަތްކޮށްގެން އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ޝީޔާމް ވިދާޅުވިއެވެ.
"...އެހެންކަމަށްވާނަމަ މިހާރުގެ ކިޔޫއަށް ބޮޑު ލުޔެއް ލިބިގެންދާނެ. މިވަގުތު މިފްކޯއަށް އެބަގަނެވޭ 420 ޓަނު ފުލްކޮށް. ބައެއް ދުވަސްތައް އެބަދޭ 450 ޓަނު ނަގަން ޖެހޭ ދުވަސްތައް ވެސް،" ޝިޔާމް ވިދާޅުވިއެވެ.