ބޮޑު ކަންނެލި ޕެކިން ފެކްޓްރީ މި އަހަރު ފަށައި އަންނަ އަހަރު މެދުތެރޭ ނިންމަނީ

ގދ. މަޑަވެލީ ޓީއެސްލައިން ދޯނިން 73 ޓަނު މަސް ބާނާފައި: ޝިޔާމް ވިދާޅުވީ ބޮޑު ކަންނެލި ޕެކިން ފެކްޓްރީ މިއަހަރު ފަށައި އަންނަ އަހަރު މެދުތެރޭ ނިންމާނެ ކަމަށް --- ފޮޓޯ/ ޓީއެސްލައިން

ހުޅުމާލޭގައި އަޅަން ނިންމާފައިވާ ބޮޑު ކަންނެލި ޕެކިން ފެކްޓްރީގެ މަސައްކަތް މި އަހަރުގެ މެދުތެރޭގައި ފަށައި، އަންނަ އަހަރުގެ މެދުތެރޭގައި ނިންމާލެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޝިޔާމް ވިދާޅުވީ، މިހާތަނަށް ހުރިހާ ސަރުކާރަކުން ވެސް ބޮޑު ކަންނެލީގެ މަސްވެރިންނަށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރި ނަމަވެސް ކަނޑުއޮތްގިރި ބަނދަރަށް ހައްލެއް ލިބިފައިނުވާ ކަމަށެވެ.

އެހެންކަމުން ބޮޑު ކަންނެލި މަސްވެރިންގެ މަސް ކިރުމަށް ޓަކައި ހުޅުމާލެ ބަނދަރު ހަމަޖެއްސުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށާއި އެކަން ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ސިޔާސަތާ އެއްގޮތަށް ހުޅުމާލެ ބަނދަރުގައި 25،000 އަކަފޫޓުގެ ޖާގައެއް ބޮޑު ކަންނެލި މަސްވެރިންނަށް މަސް ޕެކް ކުރުމަށް ޓަކައި ކަނޑައެޅިފައިވާ ކަމަށް ޝީޔާމް ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މަޖިލީހުގައި ވާހަކަދައްކަވަނީ -- ފޮޓޯ/ މަޖިލިސް

ޝިޔާމް ވިދާޅުވީ އެ ކަމަށް ބޭނުންވާ ފައިސާ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިއެސްޑީބީ) މެދުވެރިކޮށް ހަމަޖެހިފައިވާ ކަމަށާއި އެ މަޝްރޫއަށް ކުރިއަށް އޮތް ދެ މަހެއްގެ ތެރޭގައި އިއުލާނު ކުރާނެ ކަމަށެވެ. އޭރުން މި އަހަރުގެ މެދުތެރޭގައި އެ މަސައްކަތް ފެށޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ކަންނެލި މަސްވެރިންގެ އޮތީ މައިގަނޑު ދެ ޝަކުވާއެއް. އެއް ޝަކުވާއަކީ ތެޔޮ ޝެޑު ރޭޓުން ނުލިބުން. އެކަން މިދިޔަ އަހަރުގެ ޖުލައި މަހު ރައީސް ވަނީ ހައްލުކޮށްދެއްވާފައި. ދެވަނަ ޝަކުވާއަކަށް އޮތީ މިދެންނެވި ކަހަލަ ފެސިލިޓީއެއް ގާއިމްކުރެވުނީމަ އިރާދަކުރެއްވިއްޔާ ކަންނެލި މަސްވެރިންނަށް މިއޮތް ގޮންޖެހުމަށް ވަރަށް ބޮޑު ހައްލެއް މިލިބިގެން ދިޔައީ،" ޝީޔާމް ވިދާޅުވިއެވެ.

ކަންނެލި މަސްވެރިންނާ ހަވާލާދީ ޝިޔާމް ވިދާޅުވީ އެ ފަރާތްތައް ގަބޫލުކުރާ ގޮތުގައި ކުދި ޕެކް ކުރާ ފަރާތްތަކަށް އެ ފުރުސަތު ލިބިއްޖެނަމަ މިހާރު ކަންނެލި މަސްވެރިން އަތުން ޕްރައިވެޓް ކުންފުނިތަކުން އެ ގަންނަމުންދާ އަގަށްވުރެ މާ ރަނގަޅު އަގުގައި ކަންނެލި މަސް ގަންނާނެ ކަމަށެވެ.

އޭރުން އެ މައްސަލައަށް ވެސް ރަނގަޅު ހައްލެއް ގެނެވޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

comment ކޮމެންޓް