ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމުގައި ކުރިމަތިވެފައިވާ ދަތިތައް ހައްލު ކުރުމަށް ޓަކައި އެސްޓީއޯ ފާމަސީތަކުގެ ސްޓޮކުގައި ހުރި ބޭހުގެ މައުލޫމާތު، ޑޮކްޓަރުންނަށް ވަގުތުން ބެލޭނެ އޮންލައިން ޕްލެޓްފޯމެއް ގާއިމް ކުރުމަށް ނިންމައިފައެވެ.
މި ގޮތަށް ނިންމީ، ބޭސް ފޯރުކޮށްދިނުމުގައި ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކޮށް، އެ ކަމަށް ހައްލެއް ހޯދުމުގެ މަސައްކަތުގެ ތެރެއިން އެސްޓީއޯއާއި، މޯލްޑިވްސް ޑޮކްޓާސް ޔޫނިއަންގެ އިތުރުން، މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ގުޅިގެން މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައެވެ.
މި ފަރާތްތަކުން ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މި ބައްދަލުވުން ބޭއްވުމުގެ މައިގަނޑު މަގުސަދަކީ އާންމު ރައްޔިތުންނަށް ބޭނުންވާ ބޭސްފަރުވާގެ ބާވަތްތައް ހޯދުމުގައި ދިމާވާ އުނދަގޫތަކާމެދު ހުރިހާ ފަރާތްތަކުން ވެސް ފާހަގަކުރާ މައްސަލަތައް ހިއްސާކޮށް، އެ ކަންކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯދައިދީ ފަސޭހަކަމާއެކު ބޭސް ލިބޭނެ ނިޒާމެއް ގާއިމް ކުރުން ކަމަށެވެ.
މި ބައްދަލުވުމުގެ ތެރެއިން ވަނީ ބޭހާގުޅޭ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް ޓަކައި އެސްޓީއޯ، އެމްއެފްޑީއޭ، މޯލްޑިވްސް ޑޮކްޓާސް ޔޫނިއަން އަދި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ހިމެނޭގޮތަށް ހުރިހާ މުއައްސަސާއެއް ބައިވެރިވާ ޖޮއިންޓް ކޮމިޓީއެއް އުފެއްދުމަށް ނިންމައިފައެވެ.
އެ ފަރާތްތަކުން ބުނީ، މި ކޮމިޓީގެ ސަބަބުން ކަމާގުޅުންހުރި ހުރިހާ ފަރާތްތަކަށް ވެސް ދިމާވާ ދަތިތަކާމެދި މަޝްވަރާކޮށް، އެކަށީގެންވާ ރަނގަޅު މައުލޫމާތުގެ އަލީގައި އަވަސް ނިންމުންތައް ނިންމުމަށް މަގުފަހިވާނެ ކަމަށެވެ.
އެސްޓީއޯއިން އެތެރެކުރާ އަދި އެސްޓީއޯ ފާމަސީތަކުގެ ސްޓޮކުގައި ހުރި ބޭސްތަކުގެ މައުލޫމާތު ވަގުތުން ބެލޭނެ ގޮތަށް، ޑޮކްޓަރުންނަށް ޚާއްސަކޮށްގެން އޮންލައިން ޕްލެޓްފޯމެއް ގާއިމް ކުރުމަށް ވެސް ނިންމީ މިއަދުގެ މި ބައްދަލުވުމުގައެވެ.
ރާއްޖޭގައި އާންމު ބައެއް ބަލިތަކަށް ބޭނުންވާ މުހިންމު ބޭސްތަކެއް ފާމަސީތަކުން ނުލިބޭ ކަމުގެ ޝަކުވާ މިފަހުން ސޯޝަލް މީޑިއާގައި އާންމުވިއެވެ. އަދި އާސަންދައިން މީގެ ކުރިން ލިބެމުން އައި ބައެއް ބޭސްތައް އެ ސްކީމުން މިހާރު ނުލިބުމާއި އެ ބޭސްތަކަށް އަމިއްލައަށް ޚަރަދު ކުރަން ޖެހުމުގެ ކަންބޮޑުވުންތައް ވެސް ފެންމަތިއެވެ.
މިދިޔަ މަހު އާސަންދައިން ވަނީ އެފަދަ ޝަކުވާއެއް އޮތް ނަމަ، އެ ކުންފުނީގެ ނަންބަރު 7591400އަށް ގުޅައިގެން ހިއްސާކުރުމަށް އެދިފައެވެ.
ގައުމީ ސިއްހީ އިންޝުއަރެންސް ނިޒާމުކަމުގައިވާ އާސަންދައިން ކޮންމެ އަހަރަކު ވެސް އެންމެ ބޮޑު ޚަރަދެއް ކުރަނީ ބޭހަށެވެ. އެހެންކަމުން ބޭހަށް ކުރާ ޚަރަދު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
އެ ޚަރަދު ކުޑަކުރުމަށް ޓަކައި މި ސަރުކާރުން ވަނީ އާސަންދަ ނިޒާމު އިސްލާހު ކުރުމަށް ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން އަގު ބޮޑުކޮށްގެން ވިއްކާ 250 ބޭހަކަށް އާސަންދައިން ދޫކުރާ އަދަދު ކޮންޓްރޯލްކޮށްފައިވެއެވެ.